އެމްޑީޕީއަށް ވެރިކަން ގެއްލުނީ ރައްޔިތުންނަށް ވީ ވައުދުތައް ހަނދާން ނައްތާލައި އަމިއްލަ އެދުން އިސްކުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ސިރާޖު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުތަކުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލައްވައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ސިރާޖު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމަށާއި މުއައްސަސާތައް ރިފޯމް ކުރުމަށާއި ފަނޑިޔާރުންނަށް އޮތް ނުފޫޒު ނައްތައިލުމަށާއި މި ނޫން ވެސް މިފަދަ ވަރަށް ގިނަ ކަންކަން އިސްލާހު ކުރުމަށް ވައުދުވުމުން ކަމަށެވެ. އެގޮތުން ރައްޔިތުން އެމްޑީޕީއަށް މަޖިލީހުގެ ސްޕަރ މެޖޯރިޓީ ދިން ކަން ވެސް ސިރާޖު ފާހަގަކުރެއްވިއެވެ.
ސިރާޖު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ގެއްލުނީ ރަށްރަށުގައި މަޝްރޫއުތައް ނުހިންގާތީއެއް ނޫން ކަމަށާއި ރައްޔިތުންނަށް އިޚުލާސްތެރިނުވުމުގެ ސަބަބުން ކަމަށެވެ. އިޚުލާސްތެރިކަމެއް ހުރިނަމަ އެމްޑީޕީއަށް ވެރިކަން ނުގެއްލޭނެ ކަމަށް ވެސް އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ސިރާޖު ވިދާޅުވިއެވެ.
“އެމްޑީޕީއަށް ވެސް ދިމާވި ކަމަކީ 65 މެންބަރުންނާއެކީގަ ވެރިކަން ލިބުނީމަ ބެލީ ތިމާއަށް ލިބެނީ ކޯއްޗެއްތޯ ތިމާއަށް ލިބެން އޮތް އެއްޗެއް ހޯދެން އޮތީ ކޮން ގޮތަކަށްތޯ. ހަގީގަތުގަ އެ ވީ ވައުދުތައް, އިންސްޓިޓުއުޝަނަލް ރިފޯމް އެއްކޮށް ހަނދާން ނައްތައިލީ. ކޯޓުތަކަށް އަތް ބޭނުމުގެ ފޯރުންތެރިކަން އެމްޑީޕީ ސަރުކާރުގަ މާ ބޮޑަށް ރައްޔިތުންނަށް ފެނިގެންދިޔައީ.“ ސިރާޖު ވިދާޅުވިއެވެ.
މީގެއިތުރުން މިނިވަން މުއައްސަސާތަކަށް ކުރިއަށްވުރެ މާ ބޮޑަށް ނުފޫޒު ފޯރުވަމުންދިޔަކަން ވެސް ސިރާޖުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ހަގީގަތުގައި ވެރިކަން ގެއްލުނީ މި ކަންކަން އިސްލާހުކުރަން ވީ ވައުދުތައް ހަނދާން ނައްތާލައިި އަމިއްލަ އެދުން އިސްކުރުމުން ކަމަށް ސިރާޖު ވިދާޅުވިއެވެ.