ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުން އާންމުން ދިރިއުޅޭ ގެތަކަށް ދިން ވައިގެ ހަމަލާގައި އަބްދުލްރަޙްމާން ޝެހަބްއާއި އޭނާގެ އާއިލާގެ ގިނަ މެންބަރުންތަކެއް ޝަހީދުވެއްޖެއެވެ.
ޝެހަބްގެ ތިމާގެ އެތައް އާއިލާއެއް ދިރިއުޅެމުންދިޔަ ކައިރިކައިރީގައި ހުންނަ 12 އިމާރާތެއް ބިމާއި ހަމަކޮށްލިއިރު، އޭނާގެ އާއިލާއާއި އެކު އެތައް އާއިލާތަކަކާއި ކުޑަކުދީން ވަނީ މަރުވެފައެވެ.
އެހެންނަމަވެސް، ހަމާސް އިން ކުޑަކުދީންނާއި ތުއްތުކުދީން ރަހުމުކުޑަ ގޮތްގޮތަށް މަރަމުން ގެންދާކަމަށް ބުނެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ޓީވީއަށް އަރައި ގެންދަނީ ދޮގުހަދަމުންނެވެ. އަދި އެމެރިކާ މީހުންގެ ކުރިމައްޗަށް އަރައި މިފަދަ ދޮގު ވާހަކަތަކެއް ބައިޑެން ދެއްކެވުމުގެ މާގިނަ އިރުތަކެއް ނުވަނީސް ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ”އެފަދަ އެއްވެސް ފޮޓޯއެއް އަދި ވީޑިއޯއެއް ބައިޑަން އަށް ފެނިވަޑައިނުގަންނަވާނެ“ ކަމަށާއި، އޭނާއަށް ލިބުނު މައުލޫމާތަކީ ”އިސްރާއީލުގެ އަސްކަރީ މަސްދަރުތަކުން ހޯދާފައިވާ މައުލޫމާތު“ކަމަށް ބުނެފައިވެއެވެ.
ބައިނަލްއަޤްވާމީ ޗެނަލްތަކުގައި މިފަދަ ދޮގު ޚަބަރުތަކާއި، ހަގީގަތެއް ނެތް ޕްރޮޕެގެންޑާ ފެތުރުމުގެ ބޭނުމަކީ ގިނަ ބައެއްގެ ކަންފަތަށް މި ވާހަކަތައް އިއްވުމެވެ.. ދެން މަގާމުގެ ހައިސިއްޔަތުން ތަންކޮޅެއް ދަށުގައި ހުންނަ އެހެން ފަރާތަކުން އެމައުލޫމާތުގެ ހަގީގަތް ހާމަކުރުމުން ފުރަތަމަ ފެތުރި ދޮގު މައުލޫމާތުގެ ޚަބަރު އަޑުއެހި އެންމެންގެ ކަންފަތަކަށް ނީވޭނެއެވެ.
މިފަދަ މުޑުދާރު ބައިނަލްއަޤްވާމީ ސިޔާސީ ކުޅިވަރުތަކަކީ، އިސްރާއީލާއި އެއްކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން އޮންލައިން ވިއުގަތަކުގައި ފަލަސްތީނާއި ދެކޮޅަށް ނަފްރަތު ފެތުރުމަށް ބޭނުންކުރާ އުކުޅެކެވެ. އަދި އިސްރާއީލުން ހިންގަމުންދާ ވިޔާނުދާ އަމަލުތަކުގެ މަތިއަޅަން ބޭނުންކުރާ އުކުޅުތަކެކެވެ.