ގަވާއިދުން ސައިބުއިމަކީ ހަކުރުބަލިން ރައްކާތެރިވުމަށް އޮތް މަގެއް ހެއްޔެވެ؟

Loading

Facebook
Twitter
WhatsApp

ޓައިޕް-ޓޫ ޑައިބިޓީސް ނުވަތަ ޓައިޕް-ދޭއް ހަކުރުބައްޔަކީ ބްލަޑް ޝުގަރ ނުވަތަ ހަށިގަނޑުގެ ލޭގެ ގްލޫކޯޒް މިންގަނޑު ބަލަހައްޓާ ކޮންޓްރޯލް ކުރާ ހޯމޯން ކަމުގައިވާ އިންސިއުލިންގެ މަސައްކަތަށް ހުރަސްއެޅުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ހަކުރުބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ ލޭގެ ޕްރެޝަރު މައްޗަށް ދިޔުމާއި، ހިތުގެ ބަލިތަކަށް މަގުފަހިވުމާއި، ނާރުގެ ބަލިތައް ޖެހުމުގެ އިތުރުން، ލޮލުގެ ފެނުމަށް އަސަރުކޮށް ކިޑްނީގެ ބަލިތަކަށް ވެސް މީހާ ހުޅުވާލައެވެ. 

ދުނިޔޭގައި ހަކުރުބަލި ޖެހިފައި ތިބި 462 މިލިއަން މީހުން ތިބިއިރު، މި އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެމެރިކާގައި އެކަނިވެސް ހަކުރުބަލި ޖެހިފައި ތިބި 37 މިލިއަނަށްވުރެ ގިނަ މީހުން ތިބިއިރު، ޕްރީޑައިބިޓީސް ނުވަތަ ގްލޫކޯޒް މިންގަނޑު ހުންނަންވާ ވަރަށްވުރެ މަތީގައި ހުރުމުގެ ސަބަބުން ޓައިޕް-ޓޫ ޑައިބިޓީސް ޖެހުމަށް މަގުފަހިކުރުވާ ބައްޔަށް ޑައިގްނޯޒްކޮށްފައިވާ 96 މިލިއަން މީހުން އެބަތިއްބެވެ. 

ޓައިޕް-ޓޫ ޑައިބިޓީސްއިން ދުރުވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ޑޮކްޓަރުން ލަފާދެއްވައެވެ. އަދި ބަލީގެ އަލާމާތްތައް ކުޑަކުރުމަށްޓަކައި ބޭސް ބޭނުންކުރަން ޖެހޭއިރު، ތާޒާ ތަރުކާރީއާއި، ހޯލް ގްރެއިންގެ ބާވަތްތަކާއި، ހިތަށް ހެޔޮ ފެޓްސް ހިމެނޭގޮތުން ދުޅަހެޔޮ ކާނާ ބޭނުންކުރުމަށާއި ގަވާއިދުން ކަސްރަތުކުރުމަށްވެސް ޑޮކްޓަރުން ލަފާދެއްވައެވެ. މިގޮތުން ދުޅަހެޔޮ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އެއް ހިފެހެއްޓުމަށް އެ ފަރާތްތަކުން ލަފާދެއްވައެވެ.

އެގޮތުން، ޗައިނާއިން ކުރި ދިރާސާއަކުން ދައްކާފައިވަނީ ގަވާއިދުން ކޮންމެ ދުވަހަކު ސައިބޯ ފަރާތްތައް، ވަކިން ޚާއްސަކޮށް ކަޅު ސައި ބޮއި އުޅޭ ފަރާތްތަކުގެ ހަށިގަނޑުގެ ބްލަޑް ގްލޫކޯޒް މިންގަނޑުތައް ރަނގަޅު ވަރެއްގައި ހިފަހައްޓައި، އިންސިއުލިންގެ މަސައްކަތަށް ހުރަސްއަޅާ މިންވަރު ދަށްކޮށްދީ، ޓައިޕް-ޓޫ ޑައިބިޓީސްގެ ނުރައްކަލުން ދުރުކޮށްދޭ ކަމަށެވެ. 

އޮސްޓްރޭލިއާގެ އެޑިލެއިޑް ޔުނިވާސިޓީއާއި ޗައިނާގެ ސައުތްއީސްޓް ޔުނިވާސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ މި ދިރާސާގެ ހޯދުންތައް އޮކްޓޫބަރު 2 އިން 6 އަށް ހޭމްބާގް ގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޔޫރަޕިއަން އެސޯސިއޭޝަން ފޮރ ދަ ސްޓަޑީ އޮފް ޑައިބިޓީސް (އީއޭއެސްޑީ) ގެ މި އަހަރުގެ އަހަރީ ޖަލްސާގައި ވަނީ ހުށަހަޅާފައެވެ. 

އެ ދިރާސާއިން އެނގިފައިވާ ގޮތުގައި، ގަވާއިދުން ސައި ބޮއި އުޅޭ ފަރާތްތަކުގެ ހަށިގަނޑުން ކުޑަކަމުދާތަކެތީގެ ގޮތުގައި ދުވާލެއްގެ މައްޗަށް ބޭރުކުރާ ގުލްކޯޒްގެ އަދަދު އިތުރެވެ. އަދި މި ފަރާތްތަކުގެ ހަށިގަނޑުން އިންސިއުލިންގެ މަސައްކަތަށް ހުރަސްއަޅާ މިންވަރުވެސް ކުޑައެވެ. މި ފަރާތްތަކަށް ޕްރީޑައިބިޓީސްގެ ނުރައްކާ އޮތް މިންވަރު 15 އިންސައްތަ ކުޑަކަމަށް ދިރާސާއިން ދެއްކިއިރު، ސައި ނުބޯ ފަރާތްތަކާއި އަޅާބަލާއިރު ޓައިޕް-ޓޫ ޑައިބިޓީސް ޖެހުމުގެ ނުރައްކާވެސް 28 އިންސައްތަ ކުޑަކަމަށް ދިރާސާވެރިންގެ ހޯދުންތަކުން ވަނީ އެނގިފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް