ޔޫކްރެއިން-ރަޝިޔާގެ ހަނގުރާމައި ޔޫކްރެއިނަށް އެންމެބޮޑަށް އެހީ ފޯރުކޮށްދެމުން ގެންދާ އިނގިރޭސިވިލާތުން ޔޫކްރެއިނަށް ދެން އިތުރުއެހީއެއްފޯރުކޮށްދެވިދާނެ ގޮތެއް ނެތްކަމަށް ވަނަވަރު ސިއްރުކުރުން ޝަރުތުކޮށް އިނގިރޭސި ވިލާތުގެ މިލިޓްރީއާއިބެހޭ މަޢުލޫމާތު އެނގިވަޑައިގަންނަވާ ވަރަށް އިސް ސިޔާސީ ބޭފުޅަކު ދަ ޓެލެގްރާފަށް މަޢުލޫމާތު ހިއްސާކޮށްފިއެވެ.
އެ ބޭފުޅާ ވިދާޅުވެފައިވަނީ އިނގިރޭސި ވިލާތުން ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރާ ޓޭންކާއި މިސައިލް އަދި އެއަރ ޑިފެންސް ސިސްޓަމް އެހެންބަޔެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ދެވޭވަރަށް ވުރެން އިނގިރޭސި އަސްކަރިއްޔާގައި މާ މަދުވެއްޖެ ކަމަށެވެ.
މިދިޔަ އަހަރު އެކަނިވެސް އިނގިރޭސި ވިލާތުން ޔޫކްރެއިނަށް 2.3 ބިލިއަން އެމެރިކާ ޑޮލަރުގެ މިލިޓްރީ ސަޕޯރޓް ވަނީ ފޯރުކޮށްދީފައެވެ. އަދި ޔޫކްރެއިނަށް ބޭނުންވެފާއޮތް ޗެލެންޖަރ މަރުކާގެ ޓޭންކާއި ޝެޑޯ ކްރޫޒް މިސައިލް ފަދަ ޒަމާނީ ހަތިޔާރުތައްވެސް އެހެން ގައުމުތަކަށް ވުރެން މާ ގިނައިން އަދި އަވަހަށް ވަނީ ފޯރުކޮށްދެވިފައެވެ.

އިނގިރޭސި ދިފާއީ ވުޒާރާއިން މިކަމާގުޅިގެން ވާހަކަދައްކަން ބޭނުން ނުވިނަމަވެސް ޔޫކްރެއިނަށް އިތުރު މިލިޓަރީ ސަޕޯރޓް ފޯރުކޮށްދެވޭނެ މަގެއް ހޯއްދެވުމަށް މިދިޔަ އާދިއްތަ ދުވަހު ޑިފެންސް ސެކްރެޓަރީ ބެން ވެލަސް ބޮޑުވަޒީރަށް ދަންނަވާފައިވާކަން އެނގެެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ ޔޫރަޕްގެ އެހެން އެއްވެސް ގައުމަކަށްވުރެން ބޮޑަށް ޔޫކްރެއިނަށް މިލިޓްރީ ސަޕޯރޓް ފޯރުކޮށްދިނުމަކީ އިނގިރޭސި ސަރުކާރުން އެންމެބޮޑަށް ބޭނުންވާގޮތް ކަމަށެވެ.
އެހެންނަމަވެސް އިނގިރޭސިވިލާތުގެ މިލިޓްރީ އޮފިޝަލުން ދެކޭގޮތުގައި ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގާ ޔޫކްރެއިން ހިފާއްޓަން ހަމައެކަނި އިނގިރޭސި ވިލާތުން ކޮނޑު ދިއްކުރާކަށް ނުޖެހެއެވެ. އަދި މިހާރު އެ ވިސްނުން ފުޅާވެ އިނގިރޭސި ވިލާތުން ޔޫކްރެއިނަށް ހަތިޔާރާއި ފައިސާއިން އެހީ ފޯރުކޮށްދިނުން ކުރިއަށް ގެންދިއުމާ ނުގެންދިއުމުގެ ބަހުސްތައްވެސް ގިނަވާން ފަށައިފިއެވެ.
ޔޫރަޕް މިލިޓްރީގޮތުން ވާގިނެތެމުންދާ ވަރަކަށް ހަނގުރާމައިގެ ހުޅުގަނޑު ބޮޑުވަމުން ދާނެކަމަށް މިދިޔަ ހޯމަދުވަހު ކްރެމްލިނުން ބުނެފައިވާކަމަށް ދަ ގާރޑިއަން އިން ރިޕޯރޓްކޮށްފައި ވެއެވެ.
ހަމައެގޮތުން ރަޝިޔާއިން ބުނަމުންދާގޮތަށް އިނގިރޭސިން ވަނީ ރަޝިޔާއާއި ދެކޮޅަށް ސިދާ ޔޫކުރެއިން ރަޝިޔާ މި ހަނގުރާމައިގާ ބައިވެރިވެފައެވެ.