އިގުތިސާދީ ގޮތުން މި ގައުމު އޮތީ އެެއް އަތަކަށް ގޮސް އަޅުވެތިވެފައި ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާާާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ބ.ކަމަދޫގައި ރޭ ބޭއްވި ޖަލްސާގައި ޑރ.މުޢިއްޒު ވިދާޅުވީ އަޅުވެތިވާނީ ހަމައެކަނި ބޭރު ސިފައިން ވެސް ތިބުމަކުން ނޫން ކަމަށާއި އިގުތިސާދީ ގޮތުން މި ގައުމު އޮތީ އެެއް އަތަކަށް ގޮސް އަޅުވެތިވެފައި ކަމަށެވެ.
“އަޅުވެތިވަނީ ހަމައެކަނި ބޭރު ސިފައިން ތިބެގެނެއް ނޫން. މިއަދު އިގުތިސާދީ ގޮތުން މިތިބީ އެއް އަތަކަށް [އިންޑިއާ] ގޮސް އަޅުވެތިވެފައި. ކޮންމެ ޕާޓީއަކަށް ތާއީދުކުރިޔަސް މި ޙަޤީޤަތް ޤަބޫލުކުރަންޖެހޭ.“
ޑރ.މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އެތައް ސްކޫލެއް ރަހުނުކޮށް އެއްތަނަކުން ލޯނު ނަގާފައި އެބަހުރި ކަމަށާއި ދަރަނީގެ 49 ޕަސެންޓް ވަނީ ވަކި ޤައުމަކަށް ބަރޯސާވެފައި ކަމަށެވެ.
“ރަހުނުކޮށްފަ އޮތީ ދެ ތަނެެއް ތިން ތަނެއް ނޫނޭ. ހުރިހާ ސްކޫލުތައް ވެސް ހުރީ ރަހުނުކޮށްފަ.“
މުޢިއްޒު ވިދާޅުވީ މިއީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ޤައުމު ކަމަށާއި މި ޤައުމުގެ ކަންކަން މި މިންވަރަށް ދިޔައީމާ ވިސްނަންޖެހެނީ ޤައުމީ ވިސްނުމަކުން ކަމަށާއި ޕާޓީ ވިސްނުމަކުންނެއް ނޫން ކަމަށެވެ. އަދި ކޮންމެ ޕާޓީ އެއްގައި ހުއްޓަސް ޤައުމަށްޓަކައި މިއަދު ތެދުވާންޖެހޭ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.