ރާއްޖެއަށް އެތެރެކުރި އުޅުނު 490 ގުރާމްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސްއިން މި ތަކެތި އަތުލައިގަތީ ކުރިއަރ މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަމަހުގެ ހަތަރުވަނަ ދުވަހު ބަލައި ފާސްކުރެވުނު ޕާރްސަލުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހިކި ފަތްތަކެއް ފެނިފައިވާ ކަމަށެވެ. އަދި ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އެ ތަކެތީގެ ބަރުދަނުގައި 490 ގްރާމު ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.