އައްޑޫ ސިޓީގައި ބޭބެއަށް ހަމަލާދީ މަރައިލިކަމުގެ ދައުވާ ލިބޭ ކޮއްކޮ ކުށަށް އިއުތިރާފުވެފައިވާތީ 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މަރަދޫފޭދޫގައި އެއްބަނޑުއެއްބަފާ ބޭބެއަށް ކަތުރަކުން ހަމަލާދީ މަރައިލި މައްސަލާގައި ދައުވާ ކުރަނީ އެ ރަށު ބްލޫސްޓާރ ޙުސައިން މަވާޒުގެ މައްޗަށެވެ.
ބްލޫސްޓާރ, އަޙްމަދު ޝުއައިބުގެ މަރުގެ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މަވާޒު ވަނީ ކުށަށް އިއުތިރާފުވެ ހާދިސާ ހިނގި ގޮތް ކިޔައިދީ, އެކަމަށް ހިތާމަ ކުރާ ކަމަށާއި ތައުބާވެފައިވާ ކަމަށް ބުނެފައެވެ.
މަވާޒް ކިޔައިދިން ގޮތުގައި އޭނާގެ ބޭބެ ކެފޭއެއްގައި އިންދާ ފެނިގެން ގޮސް ބޭބެ ފޯނު ނަގައިގެން ދިޔައީއެވެ. އޭގެފަހުން ގެއަށް ދިޔައީ މަސްތުވާ އެއްޗެހި ބަލައި ކަމަށާއި ގެއަށް ވަނުމުން ފޯނު ކޮބައިތޯ ބޭބެ ސުވާލު ކުރި ކަމަށާއި ޖަވާބުގައި ސިމްކޮޅާއެކު ފޯނު ވިއްކައިލި ކަމަށް ބުނެފައިވާ ކަމަށް މަވާޒު ބުންޏެވެ. އެ ހިސާބުން ދެބެއިންގެ ދެމެދުގައި ހަމަނުޖެހުން ހިނގައި ބޭބެއަށް ހަމަލާދިނީ ކަތުރަކުން ކަމަށާއި ހަމަލާ އަމާޒުވީ ބޭބެގެ ކަރުގެ ވާތް ފަރާތަށް ކަމަށާއި ހަމަލާ ދިންއިރު ހުރީ ބަނގުރާ ބޭނުން ކޮށްގެން ކަމަށް ވެސް މަވާޒު ކިޔައިދިނެވެ.
މަވާޒު ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޝަރީއަތުގެ މަޖިލީހުން އެ ދުުވަހު ވަނީ ނިންމާފައެވެ.
ދައުލަތުން އޭނާއާއެކު ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުން އޭނާގެ މައްޗަށް އަންނާނީ 12 އަހަރާއި 6 މަހުގެ ޖަލު ހުކުމެކެވެ.
އަދަބު ކަނޑައެޅުމަށް މިއަދު ބޭއްވި މަޖިލީހުގައި އޭނާ ވަނީ އިއުތިރާފު ދަމަހައްޓައިފައެވެ.
އެހެންކަމުން ޝަރީއަތުގެ މަޖިލީހުން އޭނާގެ އިއުތިރާފަކީ ފުރިހަމަ ސައްހަ އިއުތިރާފެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
އަދި ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެއްބަސްވުމުގައި ވާ ގޮތަށް 12 އަހަރާއި 6 މަހުގެ ޖަލު ހުކުމެެއް ވަނީ އިއްވާފައެވެ. ނަމަވެސް ބަންދުގައި ހުރި މުއްދަތު އުނިކުރުމުން މިހާރު ތަންފީޒު ކުރަން ޖެހޭނީ 12 އަހަރާއި 3 މަހާއި 16 ދުވަހެވެ.