ދަ ޓެލެގްރާފުން ޚަބަރު ދީފައިވާގޮތުގައި ރޮމޭނިޔާއާއި އިންވެގެން ދަނޫބު ޑެލްޓާގައި އޮންނަ ޔޫކްރެއިންގެ ބަނދަރަށް ޑްރޯނުން ޙަމަލާދީ ހަލާކުކޮށްލުމުން ރޮމޭނިޔާއިން ރަޝިޔާއަށް ރުޅިވެރިކަން ފާޅުކުރަން ފަށައިފިއެވެ. އެއީޔޫކްރެއިނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯރޓް ކުރަން މިހާރު ބޭނުންކުރާ ވަރަށްމުހިންމު ބަނދަރެކެވެ. އެހެންނަމަވެސް ހަނގުރާމައިގެ ކުރިން އެ ބަނދަރު އޮތީ އަޅާނުލާ ދޫކޮށްލެވިފައެވެ.
ބުކަރެސްޓުން ބުނެފައިވާ ގޮތުގައި ދަނޫބު ކޯރުގެ އިރުމަތީގައި އޮންނަ ރެނީގެ ބަނދަރު ހަލާކުކޮށްލުމަކީ އިންސާނިއްޔަތާ ޚިލާފް ޖަރީމާއެކެވެ. އަދި އާންމުންގެ އިމާރާތްތަކަށްވެސް ގެއްލުން ލިބިފައިވާތީ އެ ޙަމަލާތައް ހަނގުރާމައިގެ މިންގަނޑުން ބޭރުވެގެން ދާކަމަށެވެ. އެހެންނަމަވެސް މި ޙަމަލާއިން ރޮމޭނިޔާއަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ.
މިޙަމަލާވެގެން މިދިޔައީ ޔޫކްރެއިންގެ ގޮވާމުގެ އުފެއްދުންތައް ބްލެކްސީގެ ތެރެއިން ލާފާ އެކްސްޕޯރޓް ކުރެވޭނެ މަގެއް ހޯދުމަށްޓަކައި ރައީސް ޕޫޓިން އާއިއެކު ތުރުކީގެ ރައީސް އުރުދުޣާން މަޝްވަރާ ކުރައްވަން ހަމަޖެހިފައި ވަނިކޮށެވެ.
އޮޑެއްސާގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި މިޙަމަލާ ދިނުމުގައި އީރާނުން އުފައްދާފައިވާ 25 ޑްރޯން ރަޝިޔާއިން ވަނީ ބޭނުން ކޮށްފައެވެ. އަދި މިޙަމަލާގައި ދެމީހުން ވަނީ މަރުވެފައެވެ.
މިދިޔަ ޖުލައިމަހުގެ ތެރޭގައިވެސް ރަޝިޔާއިން ވަނީ ރެނީގެ ބަނދަރަށް ޙަމަލާ ދީފައެވެ. ޔުކްރެއިނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯރޓް ކުރުން ހުއްޓުވުމަށްޓަކައި ރަޝިޔާއިން ގެންދަނީ މިފަދަ ފިޔަވަޅު އަޅަމުންނެވެ. ރެނީގެ ބަނދަރު އޮންނަނީ ޔޫކްރެއިންގެ އެންމެ ހުޅަނގު ކޮޅުގައި މޯލްޑޯވާއާއި އިންވެގެންނެވެ.
މޯލްޑޯވާއަކީ މޯސްކޯއިން ވެރިކަން ކުރާގައުމަކަށްވީ ނަމަވެސް މި ޙަމަލާގައި އެ ސަރަޙައްދުގެ އަމާންކަމަށް ބުރޫ އަރާފާނެކަމަށް ބަލައި އެގައުމުންވެސް ވަނީ ފާޑުކިޔާފައެވެ.
ރައީސް ޒެލެންސްކީ ފަރަންސޭސި ރައީސް މެކްރޯންއަށް ފޯނުންގުޅުއްވައި ޔޫކްރެއިންގެ ގޮވާމުގެ އުފެއްދުންތައް އެކްސްޕޯރޓް ކުރެވޭނެ މަގެއް ތަނަވަސް ކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
މި މަޝްވަރާތަކުގައި ޔޫކްރެއިންގެ ގޮވާމުގެ އުފެއްދުންތައް ފަގީރު ގައުމުތަކަށް ލިބިދިނުމުގެ މުހިންމުކަންވެސް ރައީސް ޒެލެންސްކީ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެންމެ ފަހުގެ ޚަބރުތަކުން އެނގޭ ގޮތުގައި ރައީސް ޕޫޓިން އާއި ރައީސް އުރުދުޣާނުގެ ބައްދަލު ކުރެއްވުމުގައިވެސް ރަޝިޔާގެ ނިންމުމަކަށް ވެފާ އޮތީ ރަޝިޔާގެ ގަސްކާނާއާއި ގޮވާމުގެ ބާވަތްތައް ބްލެކްސީގެ މަގުން އެކްސްޕޯރޓް ކުރުން އ. ދ. އިން ހުއްޓުވާފައި އޮތް އޮތުން ނިމުމަކަށްގެނައުމަށްފަހު ޔޫކްރެއިންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯރޓް ކުރުމުގެ ފުރުސަތު ދިނުމުގެ ވާހަކަތައް ފެށިދާނެކަމަށް ރައީސް ޕޫޓިން ވަނީ ވިދާޅުވެފައެވެ.