ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށްވުރެ މާ ބޮޑު ތަފާތަކުން ރައްޔިތުން ދެވަނަ ބުރުގައި މި ސަރުކާރު ބަލި ކުރާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގައި މިއަދު ހަވީރު ބޭއްވި ކަންމަތީ ބައްދަލުވުމުގައި މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި ކަންކަން ބަދަލެއް ނުވާ ކަމަށާއި އެއީ ތެދު ހަގީގަތްކަން ސާފުކޮށް އެނގެމުންދަނީ އެ ކަންކަމަށް ފަސްއަޅައި ވާހަކަ ބަދަލު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާތީ ކަމަށެވެ.
“މި ގައުމުގަ ބޭރު ގައުމެއްގެ ސިފައިން ތިބި ތިބުމަކީ އެއީ ދޮގު ވާހަކައެއް ކަމަށް އެއީ ނުހިނގާ ކަމެއް ކަމަށް ދައްކަން އުޅޭ އުޅުމުގެ ސަބަބުން ވެސް އެކަމުގެ ހަގީގަތް, އެއީ ތެދު ވާހަކައެއްކަން އިތުރަށް ދަނީ ސާބިތުވަމުން.“
ކިތަންމެ ވަރަކަށް ފޭކް އެގްރިމަންޓް ހަދައިގެން ކިތަންމެ ވަރަކަށް ރައްޔިތުންނަށް ކަންކަން އޮޅުވައިލަން އުޅުނު ނަމަވެސް މި ގައުމުގެ ރައްޔިތުންނަކީ ހޭލާ ތިބި ބައެއް ކަމަށާއި
ރައްޔިތުންނަކީ ކިޔަވައިގެން ތިބި ތަންދޮރު ފިލާ ތިބި ގައުމުދެކެ ލޯބިވާ ބައެއް ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.
“ފުރަތަމަ ބުރުގައި މިކަމުގައި ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނާ ޚިޔާލު ތަފާތުވި ބޭފުޅުން އުޅުއްވި ނަމަވެސް މިހާރު ސާފުވެވަޑައިގަންނަވާނެ މި ދައްކަނީ ތެދު ވާހަކަކަން. އަޅުގަނޑަށް ޔަގީންވަނީ ދެވަނަ ބުރުގައި އެއިން ކޮންމެ ބޭފުޅަކީ ވެސް އަޅުގަނޑުމެންނާއެކީ މި ދައްކާ ގައުމީ ވާހަކައާ އެކީގަ ކުރިއަށްދާން ވަޑައިގަންނަވާނެ ބޭފުޅުން ކަމަށް.“ ފުރަތަމަ ބުރުގައި ލައްކައަކަށްވުރެ ގިނަ ވޯޓު ހޯއްދެވި މުޢިއްޒު ވިދާޅުވިއެވެ.
ގައުމުގެ މިނިވަންކަމާ ސިޔާދަތަކީ ކުޅޭކުޅޭ އެއްޗެއް ނޫން ކަމަށާއި އޭނާގެ ވެރިކަމެއްގައ އެ ކަންކަން ރައްކާތެރިކޮށް ދެއްވައި ނަތީޖާ ނެރެދެއްވާނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.