ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުން ފައިސާއަށް ނުވިކޭނެ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ޢަބްދުﷲ ޝިޔާޒް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އިސްތިއުނާފީ ކޮމިޓީގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އާދަމް އާސިފް އިއްޔެ އެމްޑީޕީއާ ގުޅިވަޑައިގަތުމުން ބައެއް ނޫސްތަކުން ވަނީ އެއީ ރައީސް ޔާމީންގެ ވަކީލެއް ކަމަށް ދޭހަވާ ގޮތަށް ޚަބަރު ފަތުރައިފައެވެ.
އެކަމާ ގުޅިގެން ޝިޔާޒް ކުރެއްވި ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަތަކުގައި މަސައްކަތްކުރައްވާ އެއްވެސް ވަކީލެއް އެމްޑީޕީއަށް ނުވަތަ އެހެން ޕާޓީއަކަށް ވެސް ސޮޔެއް ނުކުރައްވާނެ ކަމަށެވެ. އަދި އާސިފަކީ ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ކުރިން އެހީތެރިވެދެއްވި ވަކީލަކަށް ވިޔަސް މިހާރު އެއީ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ މެމްބަރެއް ނޫންކަމަށް ޝިޔާޒް ވިދާޅުވިއެވެ.
ޝިޔާޒް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި އުޅެވޭނީ ދިވެހިގައުމު އަޅުވެތިކަމުން ސަލާމަތްކުރުމަށް ހެޔޮ ނިޔަތުގައިއިޚްލާސްތެރި ކަމާއެކު މަސައްކަތް ކުރައްވައިގެންނެވެ.
އަދި ރައީސް ޔާމީންގެ ވަކީލުންނަކީ ފައިސާއަށް މަގާމަށް ވިކޭނެ އަދި ގަނެވޭނެ ބައެއް ނޫން ކަމަށާއި ވަކީލުންގެ މޮޓޯއަކީ ރައީސް ޔާމިންގެ މޮޓޯ “އެންމެ ފުރަތަމަ ގައުމު“ ކަމަށް ޝިޔާޒް ވިދާޅުވިއެވެ.
“ރައީސް ޔާމީން ތާއީދު ކުރައްވާ ކެންޑިޑޭޓަކީ ކެންޑިޑޭޓް ނަންބަރު 4 ދިވެހީންގެ ކެންޑިޑޭޓް ޑރ.މުޢިއްޒު.“
ޝިޔާޒް ވިދާޅުވީ ގާނޫނީ ޓީމުގައި އާސިފް ކުރިން ހިމެނުނު ކަމުގައިވިޔަސް ރައީސް ޔާމީންގެ މައްސަލަތަކުގައި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ އިންނެވުން ފިޔަވައި އާސިފަކީ މިހާރު އިތުރު މަސައްކަތެއް, އިމްޕުޓެއް ދެއްވާ ފަރާތެއް ނޫން ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލު ވަކީލުންގެ ޓީމުން ދާދި އަވަހަށް ހާމަކުރާނެކަމަށް ވެސް ޝިޔާޒް ވިދާޅުވިއެވެ.