އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭން ނިންމާލުމަށް މިއަދު ހަވީރު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
ޕީޕީއެމްއިން ބުނީ “ދިވެހީންގެ ނިންމުން“ މި ނަމުގައި ހިނގާލުން ފަށާނީ ހަވީރު 15:45 ގައި އާޓިފިޝަލް ބީޗު ސަރަހައްދުން ކަމަށެވެ.
މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕީޕީއެމް/ޕީއެންސީން ވަނީ އެދިފައެވެ.
ރިޔާސީ ކެމްޕޭނަށް ޑރ.މުޢިއްޒުއާއި އެމަނިކުފާނުގެ ރަނިންގމޭޓް ޙުސައިން މުޙައްމަދު ލަޠީފް ވަނީ ރާއްޖޭގެ ގިނަ ރަށްތަކަށް ޒިޔާރަތް ކުރައްވައި ދޮރުންދޮރަށް ހިންގަވައި އެ ރަށްރަށުގެ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވައިފައެވެ.
ޑރ.މުޢިއްޒުގެ ކެމްޕޭން ނިންމާލުމުގެ ހަރަކާތް ހަވީރު ކުރިއަށް ގެންދާއިރު އެހެން ޕާޓީތަކުން ވެސް މިއަދު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.
މާދަމާ ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާއިރު, މިއަދު އިރުއޮއްސި 18:00 އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު ސިޔާސީ ޕާޓީއެއްގެ ނުވަތަ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޖަގަހަ އެއް ހުޅުވާފައި ބެހެއްޓުމަކީ މަނާކަމެކެވެ.