ފްރާންސަށް މިފަހަރު ގެއްލިފައިވަނީ ސީއެފްއޭ ފްރާންކް ޒޯން ބޭނުންކުރޭ ގައުމެއް ކަމަށްވާ ގަބޮން އެވެ.
ސީއެފްއޭ ފްރާންކް ޒޯން އަކީ ފްރާންސްގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް 15 ގައުމެއް އިޤްތިޞާދީ އަދި މާލީ ގޮތުން ގުޅިފައިވާ ސަރަހައްދަކަށް ކިޔައި އުޅޭ ނަމެކެވެ. މިގޮތުން މިގައުމުތަކުގެ އިޤްތިޞާދުގެ ބޮޑުބައެއް މިއަދާއި ހަމައަށްވެސް ކޮންޓްރޯލްކުރަނީ ފްރާންސުންނެވެ.
މައިގަނޑުގޮތެއްގައި، ފްރާންސުން މި ގައުމުތަކުގެ އިޤްތިޞާދު ކޮންޓްރޯލްކުރަނީ ފްރާންސްގެ ނުފޫޒުން ހިންގާ ”ޕަޕެޓް“ ސަރުކާރުތައް އޮންނަ ގައުމުތައް ބޭނުންކޮށްގެންނެވެ. މިގޮތުން އެ ގައުމުތަކުން ލިބެން ހުންނަ ގުދުރަތީ ވަސީލަތްތަކާއި ޚިދުމަތްތައް އެއްވެސް ހުރަހަކާއި ނުލައި ފްރާންސަށް ލިބޭގޮތް ހަދައިދިނުމުން، ބަދަލުގައި އެ ސަރުކާރުތަކުން ހިލޭ އެހީގެ ކުޑަ މިންވަރެއް ނަގައި، އިތުރު މާލީ އަދި އިޤްތިޞާދީ މަންފާ ނަގައެވެ.
ގަބޮންގައި ހިންގި އަސްކަރީ ބަޣާވާތާއެކު 60 އަހަރުވާންދެން ފްރާންސްގެ ނުފޫޒާއެކު އެގައުމުގެ ވެރިކަން ކުރަމުން އައި ޚުދުމުޚުތާރު އާއިލާއެއްގެ ވެރިކަމުން ވަނީ ދުރުކޮށްފައެވެ.
ފާއިތުވި މަސްތެރޭގައި އެފްރިކާ ބައްރުން އިންޤިލާބީ ބަދަލުތަކެއް ފެނިފައިވާއިރު، ގަބޮންގެ އިތުރުން ފްރާންސްގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް އެފްރިކާގެ އިތުރު ދެ ގައުމަކުން ވަނީ ބޭރުގެ ނުފޫޒުން ވީއްލި މިނިވަންވެފައެވެ.