އޭނާގެ ސަރުކާރެއްގައި މި ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއުއެއް ހުއްޓާނުލާނެ ކަމަށާއި ވެެރިކަމަށް ވަޑައިގަންނަވަނީ މަޝްރޫއުތައް ހުއްޓިފައިވާތީ ކުރިއަށް ގެންދަވަން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ލިބިއްޖެނަމަ މި ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ހުއްޓާލާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނަމުންދާތީ އެކަމާ ގުޅިގެންނެވެ.
އެގޮތުން މިއަދު ތ.ހިރިލަންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މުޢިއްޒު ވިދާޅުވީ “އަޅުގަނޑުމެންނަކީ މަޝްރޫއުތައް ހުއްޓާލާނެ ބައެއް ނޫން“ ކަމަށާއި “މަޝްރޫއުތައް ހުއްޓިފަ ހުރީމަ ކުރިއަށް ގެންދަން އަންނަ ބައެއް“ ކަމަށެވެ.
“އެހެންވީމަ ޔަގީންކަންދޭ ކަމަކީ ތަރައްގީއަކީ އިރާދަކުރެއްވީތީ ރައީސް ޔާމީން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ ކަމަކަށްވާތީވެ ތަރައްގީ ރައްޔިތުންނަށް ޔަގީންވެގެންދާނެ އަޅުގަނޑުގެ ސަރުކާރެއްގައި.“
މުޢިއްޒު ވިދާޅުވީ ބިން ހިއްކުންވިޔަސް އެހެން ކަމެއް ވިޔަސް އެއްވެސް ރަށެއްގައި ހިނގާ އެއްވެސް ކަމެއް ނުހުއްޓާނެ ކަމަށެވެ. އަދި ކުރިއަށްދާނީ މަޝްރޫއުތަކުގައި ރައްޔިތުން ބޭނުންވާ ގޮތަށް ނެތް ކަންތައްތައް ރަނގަޅުކޮށްދީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ކަމަށެވެ.
މީގެއިތުރުން މުޢިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މުޅި ރާއްޖޭގެ ތަރައްގީއަށް އާބަން ޑިވެލޮޕްމަންޓް ޕްލޭނެއް ހެދުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ހިއްކެން ހުރި ފަޅުތައް ބަލައި ދިރާސާކޮށް ކެބިނެޓަށް ހުށަހަޅައި ފާސްކުރެއްވި ކަމަށެވެ.
“އެއީ ދުރުރާސްތާއަށް ވިސްނައިގެން މިކިޔަނީ ވަރަށް ގިނަ އަހަރުތަކަކަށް ވިސްނައިގެން ބިން އިތުރުކުރަންޏާމު ކޮބައިތޯ އެކަން އެންމެ ރަނގަޅަށް ކުރެވޭނެ ސަރަހައްދުތަކަކީ. އެއީ ރާއްޖޭގަ ބިން ނެތް ވާހަކަ ދައްކާތީ އެމަނިކުފާނު ބޭނުންވެލެއްވީ އޭރު ރާއްޖޭގެ އުތުރާއި ދެކުނާއި މެދުރާއްޖެތެރެއާ ހުރިހާ ދިމާއެއްގަ ދުރަށް ވިސްނާފަ ބިން ހިއްކޭނެ ޖާގަތައް ކަނޑައަޅާފަ ފާހަގަކުރަން. އެހެންވީމަ އެގޮތުން ބެލިއިރު ހިރިލަންދޫ ފަޅު މީ ވަރަށް ބޮޑު ފަޅެއް.“ މުޢިއްޒު ވިދާޅުވިއެވެ.
އެހެންކަމުން ހިރިލަންދޫ ފަޅުތެރެއަކީ ދުރުރާސްތާއަށް ވިސްނައިގެން ވަރަށް މުހިންމު ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދެވޭނެ ފަޅެއް ކަމުގަ ދެކެވަޑައިގަންނަވާ ކަމަށާއި މި ވަގުތު 25 ހެކްޓަރު އޮތް ނަމަވެސް އެއީ ނިމުމެއް ކަމަށް ނުބެލުމަށް މުޢިއްޒު ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ މި އަތޮޅާއި މުޅި ރާއްޖެއަށް އޭގެ ފައިދާވާ ކަހަލަ ބިން އިތުރުކުރުމުގެ މަޝްރޫއުއެއް މި ސަރަހައްދުގަ ގެންދިއުމަކީ އަޅުގަނޑުމެންގެ ވިސްނުން.“ މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ އިތުރުވާ ބިމަކީ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި އިގުތިސާދީ ތަރައްގީއަށް ލިބިގެންދާ ފަހި ފުރުސަތަކަށްވެގެންދާނެ ކަމަށެވެ.