އޭނާގެ ވެރިކަމެއްގައި މިނިވަން އިންސާފުވެރި ޝަރުއީ ދާއިރާއެއް ފެނިގެންދާނެ ކަމަށާއި މިހާރު މި ފެންނަ އަނިޔާވެރިކަން ނިމުމަކަށް އަންނާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ކުރިއަށްގެންދިޔަ ރިޔާސީ ބަހުސްގައި މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގައި ހިނގަނީ ދިވެހި ގާނޫނުއަސާސީ އޭގައި އޮންނާނީ މާތްވެގެންވާ އިސްލާމްދީނުގައިވާ ގޮތަށް ކަންކަން ކުރުމަށް ކަމަށެވެ.
އަދި ކީރިތި ޤުރުއާނުގައި އޮންނަނީ މީހަކާމެދު ހުކުމު ކުރުމުގައި އަދުލުވެރިވުމަށް ކަމަށާއި އޭނާގެ ވެރިކަމެއްގައި އެ އަދުލުވެރިކަން ފެނިގެންދާނެ ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ހުންނެވި ބޭފުޅެއް ނަމަވެސް އާންމު ފަރުދެއް ނަމަވެސް ތަފާތެއް ނޯންނާނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.
“ކުށެއް ކޮށްފިއްޔާ އެ އޮންނަ ހަމަތަކުން ގާނޫނުއަސާސީގަ އޮންނަ ގޮތަށް އެކަން ކުރިއަށްދާނެ. ރާއްޖޭގައި ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް އަންނާނެ. އަނިޔާވެރިކަން, މިހާރު މި ފެންނަ އަނިޔާވެރިކަން ނިމުމަކަށް އަންނާނެ. އަޅުގަނޑުމެންނަށް ހަމަޖެހުމުގެ ނޭވާއެއް އިރާާދަކުރެއްވިއްޔާ ލެވޭނެ.“
މުޢިއްޒު ވިދާޅުވީ ޝަރުއީ ދާއިރާ ވެސް މިނިވަން ކުރެވޭނެ ކަމަށާއި މިހާރު މި ފެންނަ ގޮތަށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ފޯރުވުން ވެސް ނިމުމަކަށް ގެންނަވާނެ ކަމަށެވެ.
“މިނިވަން އިންސާފުވެރި ޝަރުއީ ދާއިރާއެއް އިރާދަކުރެއްވިއްޔާ މި ގައުމުގައި ފެނިގެންދާނެ.“ އޭނާ ވިދާޅުވިއެވެ.
One Response
މުއިއްޒުގެ ވެރިކަމުގައި،މައްކާއިންތޯ ފަޑިޔާރުންނާއި،ގާޒީން ގެންނަވާނީ؟،މައްކާއި ން ގެނަޔަސް،އިންސާފުވެރި ޝަރީއަތް ކޮއްލާނޭކަމަކަށް ގަބޫލެއްނުކުރެވޭ !!!ރާއްޖޭގައި،ޖެހުނީމާ ކޮރަޕުޓުވާނޭކަން ހަމަޔަގީން ކަޅުސާތައްޓެއް ދިޔަސް ބޭއިންސާފުން ޝަރީއަތް ކުރާނެ!!!