އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި ކަަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
އެމްޑީޕީގެ ކެމްޕޭން އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެ އޮފީހުން ނޫސްވެރިންނާ ހިއްސާކުރި ކަރުދާހެއްގައި ވަނީ ރައީސް ޔާމީން ކޯޓުގެ ތެރޭގައި ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް ބުނާ ވާހަކަތަކެއް ލިޔެ ޕްރިންޓްކޮށްފައެވެ.
މީގެއިތުރުން “މުޢިއްޒު އެ ޖަހަނީ އަމިއްލަ ފަޔަށް ބަޑި“ ކަމަށް ރައީސް ޔާމީން ކޯޓުތެރޭގައި ވިދާޅުވި ކަމަށް ބުނެ ނޫހަކުން އެކަން ރިޕޯޓުކޮށްފައިވެއެވެ.
ޅ.ނައިފަރުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ކޯލިޝަންގެ ވަގުތީ ލީޑަރު ޢަބްދުއްރަޙީމް ވިދާޅުވީ އެފަދަ ވާހަކަތައް ފަތުރަނީ ރައީސް ޔާމީނާއި ޑރ.މުޢިއްޒާ ދެބޭފުޅުންގެ ދޭތެރޭ ފިތުނަ އުފައްދައި ސަޕޯޓަރުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށް ކަމަށެވެ.
އޭނާ ވަނީ ޕީޕީއެމް/ޕީއެންސީ ބައިބައެއް ނުވާނެ ކަމަށާއި އެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އަދުރޭ ވިދާޅުވި ގޮތުން އެމްޑީޕީން އެފަދަ ބުހުތާނު ވާހަކަ ފަތުރަނީ އިންތިޚާބުން ބަލިވާނެތީ ގޮތް ހުސްވެގެންނެވެ.
“ރައީސް ޔާމީން ވިދާޅުވެފައި އޮތީ ޑރ.މުޢިއްޒުއާއެކު ކުރިއަށްދާށޭ.“
އަދި މިފަހަރުގެ އިންތިޚާބު ކޮންމެހެން ވެސް މުޢިއްޒުއާއެކު ޕީޕީއެމް/ޕީއެންސީން ކާމިޔާބު ކުރަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށާއި ވަގުތު ބޭކާރުނުކޮށް ކެމްޕޭނައިގެން ކުރިއަށް ދިއުމަށް ރައީސް ޔާމީން އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
One Response
އަދުރޭ ކަލޭ ކިތަންމެސިށްރެއް ކުރަން އުޅުނަސް ރައްޔިތުންނައް އެބައިނގޭ މި ވާނުވާ.ކަލޭމެންގެ ތެރޭން މިހާރު ލީކު ވެއްޖެ ހުރިހާ ކަމެއް. ވ.ސަލާމް.