އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ލ.އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ލ.އަތޮޅަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ޑރ.މުޢިއްޒުގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު ފޮނަދުއަށް އެކަންޏެވެ.
ޕީޕީއެމްއިން މައުލޫމާތު ދިން ގޮތުގައި ފޮނަދޫގައި މިރޭ އޮންނަ ޖަލްސާގައި ޑރ.މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެއަށްފަހު މާދަމާގެ ވަގުތެއްގައި އެމަނިކުފާނު އެނބުރި މާލެ ވަޑައިގަންނަވާނެއެވެ.
ފޮނަދުއަކީ ޕީޕީއެމް/ޕީއެންސީ ލީޑްކުރެއްވުމާ ހަވާލުވެވަޑައިގެން ހުންނެވި އެ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްރަޙީމްގެ އުފަން ރަށެވެ. އެނގިފައިވާ ގޮތުން ފޮނަދޫގެ ގިނަ ބަޔަކު މިރޭ ޕީޕީއެމްއަށް ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.