އީރާނުގެ ރަސްމީ މީޑިއާއާއި ޙަވާލާދީ އޭ. އެފް. ޕީ. އިން ޚަބަރުދީފައިވާގޮތުގައި އީރާނުން އަލަށް އުފެއްދި މުހާޖިރ 10 މަރުކާގެ ޑްރޯން ދައްކާލައިފިއެވެ. އެ ނޫހުން ހާމަކޮށްފައިވާ ގޮތުގައި މުހާޖިރު 10 ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި އީރާނުގެ ރައީސް އިބްރާހިމް ރައީސީވެސް ބައިވެރިވެ ވަޑައިގަތެވެ.
މި ޑްރޯނަކީ އީރާނުން ރަޝިޔާއަށް ފޯރުކޮށްދިން މުހާޖިރު 6 އިތުރަށް ތަރައްގީކޮށް އުފެއްދި ޑްރޯނެއް ކަމަށް ބުނެއެވެ. ރަޝިޔާއަށް ޑްރޯން ފޯރުކޮށްދިނުމުގެ ތުޙުމަތުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ގެންދަނީ ތަފާތު ގޮތްގޮތުން އީރާނަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
އީރާނުގެ މީޑިއާއިން ހާމަކުރަމުން ގެންދާ ގޮތުގައި މި ޑްރޯނަކީ 330 ކިލޯގްރާމުގެ ބަރުދަންހުރި ހުރިހާ ވައްތަރެއްގެ ބޮމާއެކު ހަތްހާސް މީޓަރުގެ މަތިން ގަޑިއަކު 210 ކިލޯމީޓަރުގެ ދުވެލީގައި 2000 ކިލޯމީޓަރުގެ ދުރުމިނަށް 24 ގަޑިއިރުވަންދެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ އެންމެފަހުގެ އިލެކްޓްރޯނިކް އިންޓެލިޖެންސް ސިސްޓަމް ގާއިމް ކުރެވިފައިވާ އުޅަނދެކެވެ.
މިއީވެސް އެ ޑްރޯންގައި އިންސާނުން ތިބުމަކާނުލައި އުދުހުމާއި އަމާޒަށް ވާސިލުވެ ޙަމަލާދިނުމުގެ ގާބިލުކަން ލިބދީފައިވާ އުޅަނދެކެވެ.
އެމެރިކާއާއި އިސްރާއީލުން ގެންދަނީ އެ ދެ ގައުމަށް ނިސްބަތްކުރެވޭ ކަނޑުދަތުރުކުރާ އުޅަނދު ފަހަރަށާއި އެމެރިކާގެ އަސްކަރީ އަމާޒުތަކަށްގަލްފު ސަރަޙައްދުގައި އީރާނުގެ ޑްރޯންތަކުން ޙަމަލާ ދެމުންގެންދާ ކަމަށް ތުޙުމަތު ކުރަމުންނެވެ.
އީރާނުން އިންޒާރު ދީފައިވާގޮތުގައި މި ޑްރޯނުގެ ޒަރީއާއިން އިޒުރޭލުގެ އެންމެ އަޑިގާއި ފޮރުވާފައިހުރި ނިއުކްލިއަރ ހަތިޔާރުތަކަށްވެސް ޙަމަލާދީ އިސްރާއީލު އަނބުރާ ހިލައިގެ ޒަމާނުގެ ތެރެއަށް ފޮނުވާލުމުގެ ގާބިލުކަން ލިބިފައިވާ ވެއެވެ.
އަދި މި ޑްރޯން އިޝްތިހާރު ކުރުމުގައި އިސްރާއީލުގެ ޑައިމޯނާ ނިއުކްލިއަރ ފެސިލިޓީ ކައިރިން ދަތުރުކުރަމުން ދާއިރު ހީބްރޫ އާއި ފާރިސީ ބަހުން ބުނެފައިވަނީ “ ހިލައިގެ ޒަމާނަށް އެނބުރި ދިއުމަށް ތައްޔާރަށް ތިބޭށެވެ”. މިހެނެވެ.
އިޒްރޭލުން އެއްބަސް ނުވި ކަމުގައިވިޔަސް ނެގެވް ޑެސާރޓުގެ ޑައިމޯނާ ސަރަޙައްދަކީ އިސްރާއީލުގެ ނިއުކްލިއަރ ހަތިޔާރުތައ ފޮރުވާފައި ހުރިތަނެވެ. އެއީ އެންމެންނަށްވެސް އެނގޭ ބޮޑު ސިއްރެކެވެ.
ވެސްޓްބޭންކުގައި ދިރިއުޅެމުން ގެންދާ އިޒްރޭލުގެ ރައްޔިތުންނަށް އަމާޒުކޮށް ފަލަސްތީނުން ދެމުންގެންދާ ބިރުވެރި ޙަމަލާތަކުގެ ފަހަތުގައި އޮތީ އީރާން ކަމަށާއި އަދި އެމެރިކާގައި ހިފާއްޓާފައިހުރި އީރާނުގެ ފައިސާގެތެރެއިން 4 ބިލިއަން ޑޮލަރު އަނބުރާ ދިނުން ޝަރުތުކޮށް އީރާނުގެ ޖަލުތަކުގައިތިބި ބައެއް އެމެރިކާ މީހުން މިނިވަން ކުރުމަށް ދެކެވެމުންދާ ވާހަކަތަކަށްވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ ގެންދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.