ފިރިހެނަކު ރަހީނުކޮށް ފޭރުނު މައްސަލާގައި ސްޓެޕް އައްޔަގެ ބަންދަށް 15 ދުވަސް

Loading

Facebook
Twitter
WhatsApp

މާލޭގެ ގެއެއްގައި ފިރިހެނަކު ރަހީނުކޮށް އަނިޔާކޮށް އޭނާގެ އަތުން ފައިސާ ފޭރުނު މައްސަލާގައި ހައްޔަރުކުރި ކުރީގެ މަޝްހޫރު ނެށުންތެރިޔާ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) ގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް ޖަހައިފިއެވެ.

އިތުރު ބަޔަކާ ބައިވެރިވެގެން މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފަރކުރި މައްސަލައަކާ ގުޅިގެން ސްޓެޕް އައްޔަ ހައްޔަރުކުރީ އަންގާރަ ދުވަހުގައެވެ.

އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރުގައި ބުނެފައިވަނީ އަނިޔާ ލިބުނު މީހާގެ ބަޔާނުގައި ސްޓެޕް އައްޔަގެ ބައިވެރިވުން އޮތްކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ އެހެން ބަޔަކު ހިންގި ކަމެއް ކަމަށާއި އެތަނަށް ދެވުނީ އެކަން ނިމުނު ފަހުން ކަމަށާއި ފުލުހުންނަށް މައްސަލަ ރިޕޯޓުކުރީ އޭނާކަމަށް ސްޓެޕް އައްޔަ ކޯޓުގައި ވަނީ ބުނެފައެވެ.

ވިކްޓިމްގެ އެކައުންޓުން ފައިސާ ފޮނުވާފައިވާ ފަރާތެއްގެ ކޭޝްކާޑު ސްޓެޕް އައްޔަ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ބައިވެރިވަނީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް މި މައްސަލާގައި މިދިޔަ ހޯމަ ދުވަހު ވަނީ އެކަކު ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖަހައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް