ބައިނަލް އަގްވާމީ މައިދާނުގައި ޗައިނާއާއި އީރާނު ހިނގަމުންދާނީ އަތުގުޅާލައިގެން ކަމަށް އެ ދެ ގައުމުގެ ރައީސުން ވިދާޅުވެއްޖެއެވެ. ބްރިކްސް ސަމިޓުން އީރާން އެ ބްލޮކްގައި ބައިވެރިކުރަން ނިންމުމާއިގުޅިގެން ހަމަ އެ ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިން އީރާނުގެ ރައީސް އިބްރާހިމް ރައީސީއާއި ބައްދަލުކުރައްވައި ވިދާޅުވީ ބްރިކްސް ތެރެއިންނާއި އަދި އެހެނިހެން ބައިނަލް އަގްވާމީ މަގާމު ތަކުގައިވެސްއަހަރެމެން އީރާނާއެކު ގުޅުން ބަދަހިކުރާނެ ކަމަށެވެ.
ޗައިނާއިން އީރާނާއެކު ގުޅުންތައް ބަދަހި ކުރަމުން ގެންދާނެ ކަމަށާއި އަދި ދެގައުމުން ޝައުގުވެރިވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ޚަބަރު ދީފައި ވެއެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ގޭސް ފެނިފައިހުރީ އީރާނުންނެވެ. ފަހަކަށް އައިސް އެމެރިކާއާއި ޔޫރަޕުން އީރާނަށް ކުރަމުންގެންދާ އިގްތިސާދީ ޖެއްސުންތަކުގެ ސަބަބުން އިގްތިސާދީ ގޮތުން ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ އީރާނާއިއެކު ޗައިނާއިން ކުރާ ވިޔަފާރި އެތައްގުނައަކަށް ގެންދަނީ އިތުރު ކުރަމުންނެވެ.
ބްރިކްސްގެ މެމްބަރުކަން ހޯދާ ދިނުމަށާއި އަދި އިގްތިސާދީ ގޮތުން ޗައިނާއިން އީރާނާއިއެކު ގެންގުޅޭ ރަޙްމަތްތެރި ސިޔާސަތަށް ރައީސް އިބްރާހިމް ރައީސީ ޝުކުރުވެރިވެ ވަޑައިގަންނަވާކަށް ހާމަކުރެއްވިއެވެ.އަދި ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއައި ޗައިނާއާއިއެކު ގުޅުން ބަދަހި ކުރެވިދާނެ އެހެންހުރިހާ ދާއިރާއަކުންވެސް ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެކަމަށް ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ބައްލަވުމަކީ މި ދެރައީސުން މިއަހަރު ބައްދަލު ކުރެއްވި ދެވަނަ ފަހަރެވެ. މި ބައްދަލު ކުރެއްވުން ތަކުގައި މިހާތަނަށް ވިއްސަކަށް ދާއިރާއިން އެކުގައި މަސައްކުރަން ވަނީ އެއްބަސްވެފައެވެ. އޭގެތެރޭގައި ދަނޑުވެރިކަމާއި ކުޅިވަރާއި ވިޔަފާރިއާއި ޓްއަރިޒަމާއި ސިއްޙަތާއި ގުދުރަތީ ކާރިސާތައް ހިމެނެއެވެ. މިދިޔަ ޖުލައިމަހު އީރާނުންވަނީ ޝެންހާއި ކޯރޕޮރޭޝަންގައިވެސް ބައިވެރިވެފައެވެ.