ސިޓީއަކަށް ބަދަލުކުރުމުގެ ވައުދާއެކު ޑރ.މުޢިއްޒުގެ ގިނަ ވައުދުތަކެއް ތިނަދުއަށް

Loading

Facebook
Twitter
WhatsApp

ވެރިކަން ލިބިވަޑައިގެންފިނަމަ ގދ.ތިނަދޫ ސިޓީއަކަށް ބަދަލުކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވައުދުވެވަޑައިިގެންފިއެވެ.

ތިނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ޑރ.މުޢިއްޒު ވިދާޅުވީ ޢުމްރާނީ ގޮތުންނާއި ޚިދުމަތް ދިނުމުގެ ވަސީލަތްތަކަށް ބެލި ނަމަވެސް ސިޓީއަކަށް ބޭނުންވާ ހުރިހާ ކަމެއް ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި ތިނަދޫގައި ފުރިހަމަވެފައިވާ ކަމަށެވެ.

މުޢިއްޒު ވިދާޅުވީ އެ ތަނެއްގައި ސިޓީއަކަށް ބޭނުންވާ ޚިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރެވިފައިވާނަމަ ގާނޫނުގައި އޮންނަ 10000 މީހުން ހަމަވުން ލާޒިމެއް ނޫން ކަމަށެވެ.

“އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ދޭ ޔަޤީންކަމަކީ 9 ސެޕްޓެމްބަރުގައި އޮންނަ އިންތިޚާބުގައި އިތުބާރުކުރައްވައިފިނަމަ އަޅުގަނޑުމެންގެ ސަރުކާރެއްގައި ޤާނޫނު ތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތިނަދޫ އަކީ ސިޓީއަކަށް އިރާދަކުރެއްވިއްޔާ ކަނޑައަޅައިދޭނަން“

އަދި ސިޓީއެއްގަ ހުންނަންޖެހޭ ފެންވަރަށް ތިނަދޫގެ ތަޢުލީމީ ނިޒާމު ވަރުގަދަކޮށް އިންސްޓިޓއުޝަންސްތައް އިތުރުކުރެވި ފުޅާކޮށް އަޕްގްރޭޑްކޮށްދެއްވާނެ ކަމަށް ވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ ސިއްޙީ ނިޒާމު ވަރުގަދަކުރުމަކީ ތިނަދޫއަށް ކޮންމެހެންވެސް ބޭނުން ވެފައިވާ ކަމެއް ކަމަށާއި މިހާރު ހުރި ހޮސްޕިޓަލް އަޕްގްރޭޑް ކުރެވި އެއީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ. އަދި އެކި ކުޅިވަރުތައް ކުޅެވޭނެ ސަރަހައްދުތައް އިތުރުކުރެވި ޒުވާނުންނާ އެކި އުމުރުފުރައިގެ ފަރާތްތަކުގެ ދުޅަހެޔޮކަމަށްޓަކައި ކުޅިވަރު ކުޅުމުގެ ވަސީލަތްތައް އިތުރުކޮށްދީ ފުޅާކޮށް ތަރައްގީކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ހުވަދު އަތޮޅަށް އަންނަންޖެހޭ ޓޫރިޒަމްގެ ކުރިއެރުން މިހާރަށް ވުރެ މާ ބޮޑަށްވެސް އަންނަންޖެހޭ ކަމަށެވެ.

“އަޅުގަނޑުމެންގެ މެނިފެސްޓޯގައި ތަޞައްވުރު ކުރެވިފައިވާނީ މިހާރު ހުރި މިންވަރުން އިތުރުކުރެވިގެން ގޮސް 10000 އެނދު މިއަތޮޅަށް އަންނަންޖެހޭ ކަމަށް. އެހެންވީމާ އެ މިންވަރަށް އިތުރު ކުރުމަށްޓަކައި އިންވެސްޓްމަންޓުތަކަށް ފުރުސަތު ދީ ހުވަދު އަތޮޅަކީ ޓޫރިޒަމްގެ މައި ހަބަކަށް ހެދުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނެ ކަމެއް.“

އަދި ތިނަދޫގެ ތަރައްޤީއަށް ބަލާއިރު ކާޑެއްދޫގެ އެއާޕޯޓް ތަރައްޤީވާންޖެހޭ ކަމަށާއި އެއާޕޯޓް އެގްރީމަންޓް ކުރެވިފައިވާ ފަރާތާއި އެކީގަވިޔަސް ކުރިއަށް ގޮސް އެ އެއާޕޯޓް ރައްޔިތުން އެދޭފަދަ ތަނަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Loading

One Response

  1. އަޅުގަނޑު މިއަދާ ހަމަޔަށްވެސް ހީކޮށްގެން މިހުރީ ޑޮކްޓަރ މުއިއްޒު އަކީ ވަރަށް ހަރުދަނާ ސަޚްސިއްޔަތެއް ކަމަށެވެ. ފެންނަ ފެނުމުގައި މަޑުމައިތިރި ބޭފުޅެއްކަމަށް ގަބޫލުކުރެވެއެވެ. އެހެންނަމަވެސް ރިޔާސީ އެހެން ކެންޑިޑޭޓުންނެކޭ އެއްފަދައިން ވައުދުތަކެއް ވަމުން ގެންދަވާއިރު ވައުދު ފުއްދުމާއި ނުފުއްދުމަކީ ގިޔާމަތްދުވަހުގެ މީޒާނުގައި ކިރޭނެ އެއްޗެއް ކަމާދޭތެރޭ ވިސްނަވާހެން ހިއެއްނުވެއެވެ. އަޅުގަނޑުމެންގެ އުސްތާޒުން ވިދާޅުވެފައިވަނީ “ ވައުދަކީ އެވަދުކުރާ މީހާގެ މައްޗަށް އޮތް ދަރަންޏެކެވެ ”. މިފަދައިންނެވެ. އެހެން ރިޔާސީ ކެންޑިޑޭޓުންގެ ބަސްމަގާއި ތަފާތުވާން އެބަޖެހެއެވެ. މިސާލަކަށް އަހަރެންނަށް ވެރިކަން ލިބިއްޖެނަމަ މިވެނިކަމެއް މިވެނިގޮތަކަށް ކޮށްދެވޭތޯ ބަލާނަމެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ހޯދަން ގަސްދު ކުރަނީ މިވެނި މަގަކުންނެވެ. ކުރިމަތި ލައްވައިގެން ތިޔަ އުޅުއްވަނީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ އެންމެ އިސް މަގާމަށެވެ. ބަހާއި އަމަލުން ރައްޔިތުންނަށް ވިސްނާދެއްވަން މަސައްކަތް ކުރައްވާށެވެ. ދިވެހިރާއްޖޭގެ މާޒީގެ ސިޔާސީ ބޭފުޅުންގެ ފިޔަވަޅުމަތިން ނުހިންގަވާށެވެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް