ވެރިކަން ލިބިވަޑައިގެންފިނަމަ ގދ.މަޑަވެލީގެ ބިން ހިއްކައި ދިނުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ ކެމްޕޭނަށް ގދ.އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެ މަޑަވެއްޔަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޑރ.މުޢިއްޒު ވިދާޅުވީ މަޑަވެލީގެ ބިމުގެ ޖާގަ އިތުރު ކުރެވިގެން ނޫނީ އެ ރަށުގެ ތަރައްގީއަށް ޖާގައެއްނެތް ކަމަށާއި ވެރިކަން ލިބިވަޑައިގެންފިނަމަ ބިން ހިއްކައި ދެއްވާނެ ކަމަށެވެ.
މުޢިއްޒު ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުު ވެސް ކުރިއަށް ގެންދާނީ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުއާ އެކުއެކީގައި ކަމަށެވެ.
“މަޑަވެލީގެ ބިމުގެ ޖާގަ އިތުރު ކުރެވިގެން ނޫނީ ތަރައްގީއަށް ޖާގައެއްނެތް. އެހެންކަމުން ޒަމާނީ ބޮޑު ބަނދަރެއް މިހާރުއޮތް ތަނުން ބަދަލުކޮށް ތަރައްގީކޮށް މި ރަށުގެ ބިން އިތުރުކޮށްދޭނަން“
މީގެއިތުރުން މަޑަވެލީ ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކޮށް ސްކޫލްގެ އިންފްރާސްޓްރަކްޗަރ އަދި ޖާގަ އިތުރުކޮށް ސްކޫލްގެ ފެންވަރު ރަނގަޅުކޮށްދެއްވާނެ ކަމަށް ވެސް މުޢިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
އަދި މަޑަވެލީގައި ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރައްވާނެ ކަމަށް ވެސް މުޢިއްޒު ވައުދުވެވަޑައިގެންނެވިއެވެ.