ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގެންދަވަނީ ލަދެއްނެތި ބިރެއްނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްގައި ހުންނެވި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން އެ ޕާޓީ ދޫކުރައްވައި އިއްޔެ އެމްޑީޕީއަށް ސޮއިކުރައްވާފައިވަނިކޮށެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމަށް އެމްޑީޕީން ފުރަތަމަ ވަކިވެވަޑައިގެންނެވި މަޖިލިސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝިޔާން ޑިމޮކްރެޓްސްއިން ވަކިވެވަޑައިގެންނެވިއިރު, ދާދިފަހުން މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވެސް ވަނީ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙް ގެންދަވަނީ ލަދެއްނެތި ބިރެއްނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވަމުން ކަމަށާއި އެކަމުން ވާނެ މޮޅެއް ނޯންނާނެ ކަމަށެވެ. އަދި ވާނީ “މަނިކުފާނު ފަލީހަތް“ ކަމަށް ރައީސް ޞާލިޙަށް ޓެގްކުރައްވައި ނަޝީދު ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ ރިޝްވަތުގެ ކުށްތައް ވަރަށް ގިނަވެއްޖެކަން ފާހަގަކުރައްވައި ނަޝީދު ވަނީ ހެއްކާއި ގަރީނާ ނެތް ކަމަށް ނުބެއްލެވުމަށް ވެސް ރައީސް ޞާލިޙަށް ދަންނަވައިފައެވެ. އަދި
ޝިޔާންއަކީ ކުރީގެ ތޮއްޑޫ މެންބަރަށްވުރެން ކުޅަދާނަ ބޭފުޅެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.