މެލޭޝިއާގެ ނެގެރީ ސެމްބިލަން، ސެރެމްބަންގެ ޖަލަން ޑަޓުކް ޝެއިޚް އަޙްމަދު ގައި ހުންނަ މުނިފޫހިފިލުވުމާބެހޭ މަރުކަޒަކުން ފުލުހުންގެ އިސް އޮފިސަރަކު ހިމެނޭގޮތަށް 15 ފުލުހުންނާއި، 2 ޑެޕިއުޓީ ޕަބްލިކް ޕްރޮސެކިއުޓަރުން ހައްޔަރުކޮށްފިއެވެ.
”އެޑީސީ ސިއާސަތު“ ޓެލެގްރާމް ގްރޫޕްގައި ލީކުކޮށްލުމާއެކު ވައިރަލްވި މި މައްސަލައިގެ ޕޮލިސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެ އެންޓަރޓެއިންމަންޓް ސެންޓަރު ރެއިޑްކޮށްފައިވަނީ ބުކިޓް އަމަން އިންޓެގްރިޓީ އެންޑް ސްޓޭންޑާޑްސް ކޮމްޕްލަޔަންސް ޑިޕާޓްމަންޓުން ދަންވަރު 2:30 ހާއިރުގައެވެ.
މެލޭޝިއާ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އަރިސް ބޭފުޅެއްކަމަށްވާ، އެގައުމުގެ ހޯމް މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި ސައިފުއްދީން ވަނީ އާންމުންގެ އިތުބާރާއި މަގާމުގެ ނާޖާއިޒު ފައިދާ ނަގާ ފުލުހުންނާމެދު ފިޔަވަޅު އަޅުއްވާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
”އާންމުންގެ މެދުގައި ތިބޭ ފުލުހުންނާއި، ޕަބްލިކް ޕްރޮސެކިއުޓަރުންނަށް އިތުބާރުކުރަން އާންމުންނަށް ދަތިވެއްޖެނަމަ އެކަމުގެ އަސަރު ގައުމަށާއި ރައްޔިތުންނަށްވެސް ކުރާނެ. ކޮންމެ ފުލުހަކީ ވެސް ގައުމާއި، ގައުމުގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މަތިވެރި ޒިންމާ ހަވާލުކުރެވިފައިވާ ބައެއް.“ އޭނާ ވިދާޅުވެފައިވެއެވެ.
ފުލުހުންގެ އިސް އޮފިސަރަކު ހިމެނޭގޮތަށް ހައްޔަރުކުރެވުނު 15 ފުލުހުންނަކީ ނާކޮޓިކްސްއާއި ޓްރެފިކް ޕޮލިސް ހިމެނޭގޮތަށް އެކި ޑިޕާޓްމަންޓްތަކަށް ނިސްބަތްވާ ފުލުހުންނެވެ. އަދި ހައްޔަރުކުރެވުނު ޑެޕިއުޓީ ޕަބްލިކް ޕްރޮސެކިއުޓަރުންގެ އެކަކީ ޝާހް އާލަމްއަށް ނިސްބަތްވާ ފަރާތަކަށްވާއިރު، ދެން ހައްޔަރުކުރެވިފައިވަނީ ނެގެރީ ސެމްބިލާންއަށް ނިސްބަތްވާ ފަރާތެކެވެ.
އެކަކު ފިޔަވައި، ހައްޔަރުކުރެވުނު އެންމެހައި ސިވިލް ސާވަންޓުންގެ ވެސް ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތްތައް ކަމުގައިވާ ކެޓަމިންއާއި، އެމްފެޓަމިން އަދި މެތްއެމްފެޓަމިންއަށް ވަނީ ފައްސިވެފައެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާނީ ”ޑޭންޖަރަސް ޑްރަގްސް އެކްޓް 1952“ ގެ 15(1)(a) ވަނަ މާއްދާގެ ދަށުންނެވެ.