އިސްލާމީ ތާރީޚުގެ އަލީގައި ޗެންގީޒް ޚާނަށް ބަލައިލުމެއް – 2

Loading

August 25, 2023
profile
Facebook
Twitter
WhatsApp


https://sandhaanu.today/31958/
 އާއި ގުޅޭ…

މޮންގޯލުންގެ ވިޔަފާރި ގަބީލާއަށް ބުޚާރާގައި މެދުވެރިވެގެން ދިޔައީ ވަރަށް ނިކަމެތި ގޮތެކެވެ. އެމީހުންގެ މުދާތައް ފޭރިގަނެ ބައެއް މީހުން މަރާލީއެވެ. މިޚަބަރު ޗަންގީޒް ޚާނަށް ލިބުމާއިއެކު ބުޚާރާގެ ޚަލީފާ އަރިހަށް ސަފީރަކު ފޮނުވިއެވެ. އަދި މަރާލެވުނު މީހުންގެ ލޭގެ ބަދަލާއި ފޭރިގަނެވިވެންދިޔަ މުދާތައް އަނބުރާ ފޮނުވާދިނުމަށް ޚަލީފާއަށް ދެންނެވުނެވެ.

ޚަލީފާވެސް ގަސްދުކުރެއްވީ އެމަނިކުފާނުގެ އާރާއި ބާރު ދެއްކުމަށެވެ. އިސްލާމީ ޝަރީޢަތާއި މިޒަމާނުގެ ސިޔާސީ ޕްރޮޓޮކޯލާވެސް ޚިލާފަށް ސަފީރު ގަތުކޮށްލާފައި އޭނާބޯ ޗަންގީޒް ޚާނަށް ފޮނުވީއެވެ. މިއީ މިޒަމާނުގާވެސް ބައެއް ސިޔާސީ ލީޑަރުންގެ އަމަލުތައް ހުންނަގޮތެވެ. ތިމަތިމާމެންގެ ބާރު ދެއްކުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެކަމުގެ ނަތީޖާ މެދުވެރިވެދާނެ ގޮތަކާއިމެދު ވިސްނާ ފިކުރުކުރާކަށް ބޭނުމެއް ނުވާނެއެވެ.                                                                

ޗަންގީޒް ޚާނުގެ ވިސްނުމާއި ފިކުރު ބަދަލުވެގެން ދިޔައީ މި ހާދިސާއަށް ފަހުގައިކަމަށް ތާރީޚު ޢިލްމުވެރިން ބުނެފައިވެއެވެ.                                                             

ޗަންގީޒް ޚާން އޭނާގެ ލަޝްކަރާއިއެކު ބުޚާރާއަށްގޮސް އެއްވެސް ހުރުމަތެއްނެތި އެރަށުގެ އެންމެބޮޑު މިސްކިތުގެ މެމްބަރަށް އެރުމަށްފަހު ރައްޔިތުންނާއި މުޚާތަބުކޮށް ބުނިކަމަށްވެއެވެ. ކަލޭމެން ކަލޭމެންގެ ދީނުގެ އުސޫލުތަކާއި ޚިލާފް ވެއްޖައީމުއެވެ. ސަފީރުން ގަތުލުކުރުމަކީ ކަލޭމެންގެ ދީނުގައި މަނާކަމެއްކަން އަހުރެން ދަންނަމެވެ. ކަލޭމެންގެ ކަލާނގެ އަމުރުފުޅަށް ނުކިޔަމަންތެރި ވެފައިވާތީ އަހަންނަކީ ކަލޭމެންގެ މައްޗަށް ކަލޭމެންގެ ކަލާނގެ ފޮނުއްވި ކޯފާގެ އަޒާބެއް ކަމުގައި ދެކޭށެވެ. 

އެއަށްފަހު ބުޚާރާގެ އާބާދީގެ ގިނަބަޔަކު ގަތުލުކޮށް މަރާލައިފިއެވެ. ވެރިމީހާ އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަން ދެއްކުމުގެ ހިތި ނަތީޖާއަކަށް ވެގެންދިޔައީ އެއްވެސް ކުށެއްނެތް އެތައްހާސް ބަޔަކު އަނިޔާވެރި ގޮތެއްގައި ދުނިޔެއިން ވަކިވެގެން ދިއުމެވެ.                                      

މޮންގޯލިއަނުންނަކީ ހަނގުރާމައިގެ ހުނަރުތަކަށް ތަމްރީނު ލިބިފައިތިބި ހުނަރުވެރި ބައެކެވެ. އަދި އެމީހުންގެ އަތުގައި އެޒަމާނުގައި އާންމުކޮށް ބޭނުންކުރެވެމުން ދިޔަ ހަތިޔާރުތަކަށް ވުރެން ފެންވަރު ރަނގަޅު ހަތިޔާރުވެސް ހުއްޓެވެ. އެމީހުންގެ އަސްތަކަކީވެސް ވަރަށްމޮޅަށް ތަމްރީދީފައިވާ ޖަނަވާރުތަކެކެވެ.                      

ބުޚާރާގެ ޙާދިސާއަށްފަހު ޗެންގީޒު ޚާނުގެ މުޅި ވިސްނުމާއި ފިކުރު ބަދަލުވެގެން ހިނގައްޖެއެވެ. މުޅި ދުނިޔެ އޭނާގެ ބާރުގެ ދަށަށް ގެނައުމުގެ އަޒުމް ކަނޑައަޅައިފިއެވެ. އޭނާގެ ލަޝްކަރު ކިތަންމެ ބޮޑުވެފައި ހަތިޔާރުގެ ގޮތުން ކުޅަދާނަކަން ލިބިފައިވީ ނަމަވެސް މުޅިދުނިޔެއާއި ކުރިމަތި ލުމުގައި މެދުވެރިވެދާނެ ނުރައްކާތެރިކަން އޭނާއަށް އިޙްސާސް ކުރެވުނެވެ. 

އެހެންކަމުން އޭނާ ގަސްދުކުރީ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމެވެ.  މި މަގްސަދުގައި ދެން އޭނާ އަމާޒު ހިފީ މިހާރުގެ އުޒުބަކިސްތާނުގެ ސަމަރުކަންދަށެވެ. އެ ރަށަށް އަރައި އެރަށުގެ ރައްޔިތުންގެ ދެވައިކުޅަ އެއްބަޔާއި އެއްވަރަށް މީހުން މެރުމަށްފަހު އެމީހުންގެ ބޯތަކުން ރަށްބޭރުގައި ޕިރަމިޑް ހެދިކަމަށް ތާރީޚުން އެނގެއެވެ. ބޭނުމަކީ އިންސާނުންގެ ހިތުގައި އޭނާއާ ދޭތެރޭ ބިރުވެރިކަން އުފެއްދުމެވެ.    

ސަމަރްކަންދަށް ފަހު އޭނާގެ އަމާޒަކަށްވީ އުރްގެންޗް އެވެ. އެރަށަށް އަރައި އެރަށުގެ ހުރިހާ އަންހެނުންނާއި ފިރިހެނުންނާއި އަދި ކުޑަކުދިން ގަތުލުކުރުމަށްފަހު ގެރިބަކަރިއަށް ދާންދެން މަރާ ހުސްކޮށް މުޅި ޝަހަރު ވިރާނާކޮށްލި ކަމަށް ތާރީޚުން އެނގެއެވެ. ދުނިޔޭގެ ތާރީޚުގައި މިވަރުގެ އަނިޔާވެރިކަމެއް ހިނގާފައިވާކަން އެނގެންނެތް ކަމަށްވެސް މުއައްރިޚުން އިއްތިފާގުވެއެވެ.                                      

އިސްލާމީ އުންމަތަށް މިފަދަ ބިރުވެރި ނާމާން ކަމެއް ގެނައުމަށްފަހު ޗެންގީޒް ޚާނުވެސް ގުދުރަތުގެ ނިޔާއާއި އެއްގޮތަށް އޭނާގެ މަރުބައްޔާ ކުރިމަތި ލާން ޖެހިއްޖެއެވެ. އެހިނދުގައިވެސް އޭނާގެ ހިތުގައި މުސްލިމުންނާއި ދޭތެރޭ އުފެދިފައިވާ ރުޅިވެރިކަން ނިންމާކަށް ބޭނުނުމެއް ނުވިއެވެ. 

އޭނާގެ ހަތަރު ދަރިން ގެނައުމަށްފަހު އޭނާގެ ބާރުގެ ދަށުގައިހުރި ތަންތަން އެ ހަތަރު ދަރިންނަށް ބައިކޮށް ދިނުމަށްފަހު އެކަކު އަނެކަކަށް ރުޅިވެރިކަން ރައްދުކުރުމުގެ ބަދަލުގައި އެ ދަރިއަކަށް ލިބިފައިވާ ސަރަޙައްދުތަކާއި ގުޅިފައިވާ ރަށްތައް އަތުލުމަށް ވަސިއްޔަތް ކުރިއެވެ. 

އެއަށްފަހު ދުނިޔެއަށް ކުރިމަތި ލާންޖެހުނީ އެއްވެސް އިސްތިސްނާއެއް ނެތި ދުނިޔޭގައި އުފެދުނު އެންމެ ގަދަފަދަ ޖައްބާރުންގެ ވެރިކަމާއެވެ. އެމީހުންގެ ބާރު މުޅި ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިގެންދިޔަ ނަމަވެސް ސަންދާނުގެ އަމާޒަކީ ހަމައެކަނި އިސްލާމީ ދުނިޔެއަށް އެ ޖަންގީޒުން ކުރިމަތި ކުރުވި އަނިޔާވެރިކަމުގެ ތާރީޚު ހާމަކުރުމެވެ.

ޗަންގީޒް ޚާނު މަރުވުމަށްފަހު އޭނާގެ މަގާމަށް އިސްކުރެވުނީ އޭނާގެ ދަރި މޮންކޭ ޚާނެވެ. އިސްލާމީ ދުނިޔޭގައި ދެން އޭނާގެ އަމާޒަކަށްވީ އައްބާސީ ޚިލާފަތު ފުނޑު ފުނޑު ކޮށްލުމެވެ. މިކަމުގެ މޭސްތިރިއަކަށް އޭނާ ޚިޔާރުކުރީ އަނިޔާވެރިކަމުގައި ހައްދު ފަހަނަޅާ ގޮސްފައިވާ ޗަންގީޒް ޚާނުގެ ކާފަދަރިއަކު ކަމުގައިވާ ޚުލާގޫ ޚާނެވެ.

އައްބާސީ ޚިލާފަތަކީ އޭރު ދުނިޔޭގެ ސުޕަރޕަވަރެވެ. ސައިންސާއި ޓެކްނޯލޮޖީއާއި އިލްމީ ޚަޒާނާތަކުގެ ކިއްލާއަކީ އައްބާސީ ޚިލާފަތުގެ ވެރިރަށް ބަޣްދާދެވެ. ބޮޑެތި މަދަރްސާތަކާއި ޔުނިވަރސިޓީތަކާއި ލައިބްރަރީތަކުގެ މައި މަރުކަޒެވެ.  ޚަލީފާ ހާރޫން ރަޝީދު ވެރިކަން ކުރެއްވި ދަރުބާރެވެ. 

އެ ޒަމާނުގެ ދުނިޔޭގައި ބަޣްދާދާއި އަޅާކިޔޭނެ އެހެން ޝަހަރެއް ނެތެވެ. ހިތާމައަކީ މުސްލިމުންގެ ތެރޭގައި އޭރުވެސް ވެރިކަމާއި ތޮޅުން ޢާންމު ވެފައި އޮތުމެވެ. ޚުލާގޫ ޚާނަށް މަގުފަހިކޮށްދިނުމުގެ އެންމެ ކުރީ ސަފުގައިތިބީ ޚާލީފާގެ ބައެއް އަރިސް ބޭފުޅުންނެވެ. 

މަދު ފައިސާކޮޅަކަށް މުޅި އިސްލާމީ ހާޟާރަތު ވިއްކާލީއެވެ. އެއީ 1258 ވަނަ އަހަރެވެ. ޚުލާގޫ ޚާނުގެ ބިޔަ ލަޝްކަރުން އައްބާސީ ދައުލަތުގެ މައިމަރުކަޒު ކަމުގައި ބެލެވުނު ބަޣްދާދު ފުނޑާލުމަށްފަހު އެޝަހަރުގައި ގާއިމްކޮށްފާހުރި މަދަރްސާތަކާއި ޔުވަރސިޓީ ތަކާއި އަދި ލައިބްރަރީ ތަކުގައި ހުރި ހުރިހާފޮތެއް ފުރާތުކޯރަށް ކަނޑުފެއްތީއެވެ. 

އެ ފޮތްތަކުގެ ދެލިން ފުރާތުކޯރުގެ އެ ސަރަޙައްދު ކަޅުވެގެން ދިޔަކަމަށް މުއައްރިޚުން ބުނެފައިވެއެވެ. ތާރީޚް އިލްމުވެރިން ހާމަކޮށްފައިވާ ގޮތުގައި މޮންގޯލުންނަކީ ބިލާހަށް އީމާންވުމުގައި ހައްދު ފަހަނަޅާފައިވާ ބައެކެވެ. ފޮތަކީ އެމީހުން ވަރަށް ބިރުގަންނަ އެއްޗެކެވެ. އެމީހުންގެ ނަޒަރުގައި ފޮތަކީ ސިޙުރެވެ. 


ބަޣްދާދު ވީރާނާކޮށްލުމުން އަދި ނިންމާލީއަކީ ނޫނެވެ. ބަގްދާދުގައި ދިރިއުޅެމުން ގެންދިޔަ ރައްޔިތުންގެ ތެރެއިން ފަސް ލައްކަ އަށްވުރެން ގިނަމީހުން ގަތުލުކޮށްލިއެވެ. މިޒަމާނުގެ ގޮތަށް އެޓޮމިކް ބޮން އަޅައިގެން ނުވަތަ ސިފައިންގެ ފައުޖުތަކުގެ ކުރިމައްޗަށްނެރެ މެޝިންގަންއަކުން ނޫނެވެ. 

ކަނޑިންޖަހާ މީހަކަށްފަހު މީހެއްގެ ބޯ ކަނދުރާއިން ވަކިކޮށްލައިގެންނެވެ. އެ މަންޒަރު ހިތަށް ގެނައުމުގެ ކުޅަދާނަކަން ލިބިފައިވާ ހިތެއް އޮންނާނެ ހެއްޔެވެ؟ މިއީ އާންމުގޮތެއްގައި މިހާރުވެސް ސިޔާސީ ވެގެން އުޅޭ މަކަރުވެރި އަނިޔާވެރި ޕޮލިޓިޝަނުންގެ އުސޫލެވެ. 

ނުނިމޭ….

Loading

3 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް