ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމްދީން ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ހިމަނުއްވައިފިއެވެ.
ޑރ.މުޢިއްޒުގެ “ދިވެހިންގެ ރާއްޖެ“ މެނިފެސްޓޯ ނެރުމަށް ކުރިން ހަމަޖެެއްސީ ބައިބަޔަށް ބަހާލައިގެންނެވެ. ނަމަވެސް މިއަދު އިދިކޮޅު ކޯލިޝަނުން ވަނީ މެނިފެސްޓޯ މީޑިއާތަކާ ހިއްސާކޮށްފައެވެ.
މެނިފެސްޓޯގެ ޗެޕްޓަރު 6 ގައި ވާ ގޮތުން ފަޤީރުންނަށް ދައުލަތުން ހިލޭ ފަރުޟު ޙައްޖު އަދާކުރާނެ ސްކީމެއް ތަޢާރަފުކޮށް 5 އަހަރުގެ ތެރޭގައި ޖުމްލަ 1000 ފަޤީރުން ދައުލަތުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމު ޒަމާނަށް ފެތޭ ގޮތަށް ހަރުދަނާކޮށް، އިސްލާމިކް ޔުނިވަރސިޓީއަށް އާ އިމާރާތެއް ބިނާކޮށް ބޭރު ދަރިވަރުންނަށް ވެސް ރާއްޖޭގައި ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ދިނުމާއި މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، މިސްކިތްތައް އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރެއްގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރުން ހިމެނެއެވެ.
މީގެއިތުރުން:
ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް ބޮޑުތަނުން އިތުރުކޮށް، ފުޅާކުރުން.
ރާއްޖޭގައި ހުރި ވަޤުފު އިތުރުކޮށް ލިބޭ އާމްދަނީއިން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމާއި، ނިކަމެތި ޢާއިލާތަކަށް އެހީވުމާއި، ތަޢުލީމީ އަދި ޞިއްޙީ ކަންކަމަށް އެފައިސާއިން ހޭދަކުރުން.
މޯލްޑިވްސް ޙައްޖު ކޯަޕރޭޝަން ތަރައްޤީކޮށް، ޙައްޖު ފަންޑު ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ލުއި އަގެއްގައި ޙައްޖަށް ދިއުމުގެ މަގު ފަހިކުރުން.
”މޯލްޑިވްސް ޒަކާތު ހައުސް“ އުފައްދައި، ޒަކާތު ފަންޑު ތަރައްޤީކޮށް، ޒަކާތުން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު އިތުރުކޮށް އޭގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތް ހެދުން.
ކޮންމެ ރަށެއްގެ މައި މިސްކިތުގައި އިސްލާމިކް ލައިބްރަރީއެއް ޤާއިމުކުރުމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤުގެ ފިލާވަޅުތައް ނަގާދޭ ތަނަކަށް ހަދައި، މިސްކިތްތަކަކީ ނަމާދުކުރުމުގެ އިތުރުން ތަފާތު އިސްލާމީ ޚިދްމަތްތަކެއް ލިބެންހުންނަ ތަނަކަށް ހެދުން.
އަރަބި ބަސް އުނގެނެވޭނެ ފުރުޞަތު ފުޅާކުރުން.
މިސްކިތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ޚާއްޞަ ކޮމިޓީއެއް، ޢިލްމުވެރިންގެ މައްޗަށް އެކުލެވޭގޮތަށް ޤާއިމުކުރުން.
އިސްލާމީ މުހިންމު މުނާސަބަތުތައް، ޤައުމީ ފެންވަ ރުގައި ފާހަގަކުރުމަށް، ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުން.
ސަލްމާން މިސްކިތުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކީރިތި ޤުރުއާނާބެހޭ މިއުޒިއަމެއް ޤާއިމުކުރުން.
މީގެއިތުރުން ޢަރަބިއްޔާ ސްކޫލު މޮޑަރނައިޒްކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ދީނީ ތަޢުލީމު ދެވޭ މަރުކަޒަކަށް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމާއި ޙާފިޡުންނަށް މިހާރު ސަރުކާރުން ދެމުން އަންނަ އެލަވަންސް ދެގުނައަށް ބޮޑުކުރުން ހިމެނެއެވެ.