އެއްދުވަހަކު މައްކާގެ އަހުލުވެރިއަކު އާދެ، ސަޢޫދީއަކު މައްކާގެ ހަރަންފުޅަށް ނަމާދުކޮށްލަން ދިޔައެވެ. އަދި ނަމާދުކޮށް ޒިކުރު ވެސްކޮށްލައި އަވަދިވެގެން ސަދަގާތެއް ކުރުމުގެ ނިޔަތުގައި ޙަރަމްފުޅު ސާފުކުރަން އުޅުނު މީހަކަށް ގޮވާލިއެވެ. އެ މީހަކީ އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާ އިންޑިއާ މީހެއެވެ.
ސައޫދީ މީހާ ރިޔާލުކޮޅެއް ނަގާފައި ”މި ގަބޫލުކޮށްލާށޭ، ’ރަޙްމަތްތެރިޔާއޭ‘ ބުނެފައި އިންޑިއާ މީހާއަށް ދިނެވެ.
އާންމު ގޮތެއްގައި ސަޢޫދީގައި ދެކުނު އިރުމަތީ ގައުމުތަކުގެ މީހުންނާ މުޚާތަބުކޮށް ’ރަފީގޭ‘ ކިއެއެވެ. ރަފީގެ އާންމު މާނައަކީ އެކުވެރިއާއެވެ. ނޫނީ ރަޙްމަތްތެރިޔާއެވެ. ނަމަވެސް އާންމު ގޮތެއްގައި ރަފީގު ބޭނުން ކުރެވެނީ މި މާނައެއްގައެއް ނޫނެވެ.
ކަޅު މީހުންނަށް އިހުގައި، އެ މީހުން ދެރަކޮށްލުމުގެ ގޮތުން ’ނީގްރޯ’އޭ ކިޔައި މުޚާތަބުކުރާ ކަހަލަ ގޮތަކަށެވެ.
ކޮންމެ އަކަސް ސަޢޫދީ މީހާ ސަދަގާތް ކުރުމުން އޭނަގެ މޫނަށް ބަލާލައިފައި ހިނިތުންވެލާފައި ޝުކުރުއަދާކުރަމުން އޭނާ ބުންޏެވެ. ”އަހަރެން ސަދަގާތަކަށް ބޭނުމެއް ނުވެއެވެ.“ ދެން އިންޑިއާ މީހާ އޭނާގެ ވޮލެޓު ގައި ހުރި ވީސާ އަދި މާސްޓާރޒް ކާޑު ފަދަ ބައެއް ބޭންކު ކާޑުތައް ސަޢޫދީ މީހާއަށް ދައްކާލިއެވެ.
ދެން ސަޢޫދީ މީހާ ވަރަށް ހައިރާންވެފައި އިންޑިއާ މީހާކައިރީ ސުވާލު ކޮށްލިއެވެ.“އެހެންވެއްޖިއްޔާ އިނބައަކީ ކާކު ހެއްޔެވެ؟ މިތަނުގައި މަސައްކަތްކުރަން ތި އުޅެނީ ކީއްވެ ހެއްޔެވެ؟“
ޖަވާބުގައި އިންޑިއާ މީހާ ބުންޏެވެ: ”މާތްﷲއަށް ޙަމްދު ހުއްޓެވެ. އަހަންނަކީ ވިޔަފާރި ކުރާ މީހެކޭ ބުނެވިދާނެއެވެ. އަހަރެންގެ މިލްކިއްޔާތުގައި އިންޑިއާގެ ބައެއް ރަށްރަށުގައި ހޮޓާ ހޮޓާ އެބަ ހުއްޓެވެ.
ނަމަވެސް އަހަރެން ޙަރަމްފުޅުގައި ވަގުތު ހޭދަކޮށްލަން ބޭނުންވާތީ އަހަރުގެ ހައެއްކަ މަސް ދުވަހަށް ހަރަމްފުޅުގެ މަސައްކަތު މީހެއްގެ ވަޒީފާ ހޯދައިގެން މައްކާއަށް އަންނަނީއެވެ! ކޮންމެހެން ފައިސާ ބޭނުންވެގެންނެއް ނޫނެވެ. މާތްﷲގެ ގެފުޅަށް ޚިދުމަތްކޮށް ހަރަމްފުޅުގައި ވަގުތު ހޭދަކޮށްލުމަށްޓަކައެވެ.“
ސަޢޫދީ މީހާ ހައިރާން ވެގެން، ކައިރީ ހުރި އެހެން މަސައްކަތު މީހެއް ކުރެން އިނޑިއާގެ އެ މީހާއާ ބެހޭ ގޮތުން އޭނައަކީ ކާކުތޯ އެއްސެވެ. ޖަވާބުގައި އެ މީހާ ވެސް ބުނީ މިހެންނެވެ. ”އޭނައަކީ މަހާރާޖެކެވެ. [މިލިޔަނެރެކެވެ!] ދުވަސް ދުވަސްކޮޅުން ދެތިން މަސް ދުވަސް ވަންދެން ޙަރަމްފުޅުގައި މަސައްކަތް ކުރަން އޭނަ އާދެއެވެ.
މި ވާހަކަ ކިޔާލުމުން ހަނދާންވީ މި އާޔަތެވެ. وفي ذلك فليتنافس المتنافسون. އެ ސުވަރުގެ ލިބިގަތުމުގެ އެދުމުގައި، [އާދެ، ކިބުރުވެރިކަމާއި ބޮޑުކަން ދޫކޮށްލާފައި، އެކަކު އަނެކަކަށް ޚިދުމަތްކޮށް އެހީވެދީ ހެޔޮ ކަންތައްކޮށް އެ ސުވަރުގެ ލިބިގަތުމުގައި،] ވާދަވެރިން ވާދަކުރާހުށިކަމެވެ. މާތްﷲ ތިބާއަށް ރަޙުމަތް ލައްވާށެވެ. އާމީން!
One Response
Aameen