ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް މިއަދު ފޮނުއްވި ސިޓީގައި ސިރާޖު ވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަވަން ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ސިރާޖު ވަނީ އެމްޑީޕީގެ ދަފުތަރުން އޭނާގެ ނަން އުނިކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ހަމައަށް ސިރާޖަކީ ރައީސް މުޙައްމަދު ނަޝީދުގެ ފަޅީގައި ހުންނެވި މެންބަރެކެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ސިރާޖު ތާއީދުކުރެއްވީ ރައީސް ޞާލިޙަށެވެ.
އެ ނިންމުން ނިންމެވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު އިންތިޚާބަށް ނުކުތުން މުހިންމު ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ސިރާޖު އޭރު ވިދާޅުވިއެވެ.