ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ރައީސް ޕޫޓިން ހީކުރެއްވިގޮތަށް ކާމިޔާބު ކުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. އެކަމަކު ހަމަޔަގީނުންވެސް ހުޅަނގުގެ ކުރިއަރާފައިވާ ބަރު ހަތިޔާރުގެ މަދަދާއިއެކު ޔޫކްރެއިނުން ފަށާގަތް ކައުންޓަރ އޮފެންސިވް ޙަމަލާތައް އުންމީދުކުރި މިންވަރާ ގާތަކަށްވެސް ކުރިއަކަށް ގެންގޮސް ކާމިޔާބުވުމަށްވުރެ ވަނީ ގެއްލުން ބޮޑުވެފައެވެ.
އެ ބަރު ހަތިޔާރުތަކާއި ފޯރުކޮށްދެމުން ގެންދާ ވަސީލަތްތަކާއި އެކުގައިވެސް ޔޫކްރެއިނަށް އެއްވެސް މިންވަރެއްގެ ކުރިއެރުމެއް ލިބެމުންދޭތޯ މިއީވެސް ތަޖްރިބާކާރުން މިހާރު ވަރަށް ބޮޑަށް އުފައްދާ ސުވާލެކެވެ. ޔޫކްރެއިނުން މިހާރު އުންމީދުކުރަމުން ގެންދަނީ މިއަންނަމަހު އެމެރިކާއިން ފޯރުކޮށްދޭނެ ކަމަށްބުނެފައިވާ އަބްރާމް މަރުކާގެ ހަނގުރާމަމަތީ ޓޭންކު ތަކަށެވެ.
އެ ޓޭންކުތައް ލިބުމުން ހަނގުރާމަ ޔޫކްރެއިންގެ ފަރާތަށް އަނބުރާ ލެވޭނެކަމަށް ޔޫކްރެއިނުން ގެންދަނީ ބުނަމުންނެވެ.
ހުޅަނގުގެ ގައުމުތައް ބައިބައިކޮށްލަން ރައީސް ޕޫޓިން ކުރައްވަމުން ގެންދަވާމަސައްކަތުގައި މިހާތަނަށް ފާހަގަ ކުރޭފަދަ ކުރިއެރުމެއް ލިބިފައި ނުވިނަމަވެސް މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ހުޅަނގުން ޔޫކްރެއިނަށް ފޯރުކޮށްދެމުން ގެންދާ ނޭޓޯގެ މަދަދާއި އެހީގެ އަޑުތައް ހަމަގައިމުވެސް މަޑުވަމުންދާތަން އެބަފެނެއެވެ.
އެންމެފަހުން ވިލްނިއަސްގައި ބޭއްވުނު ނޭޓޯގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައިވެސް މިކަން އޮތީ ފާހަގަ ކުރެވިފައެވެ. ޔޫކްރެއިނުން ނޭޓޯގެ މެމްބަރަކަށް ވުމުގެ ޔަގީންކަން ހޯދަންކުރި މަސައްކަތްވެސް އަތަށްގޮވިތަން އޮތީ ފެނިފައެވެ.
އެ ބައްދަލުވުމުގައި ޔޫކްރެއިނުން ނޭޓޯގެ މެމްބަރަކަށް ވުމަށްޓަކައި ބައެއްސަރަޙައްދުތައް ރަޝިޔާއަށް ދޭންޖެހޭނެކަމަށް ނޭޓޯގެ ވަރަށް ބާރުގަދަ މެމްބަރަކު ޚިޔާލު ފާޅުކުރެއްވުމުން ނޭޓޯގެ ވިސްނުން ހުރިގޮތް އޮތީ ދިމާލަށް ފެންނާށެވެ.
އެ ޚިޔާލަށް ރައްދު ދެއްވައި ޔޫކްރެއިންގެ ރައީސް “ ކޮސްވާހަކަ ނުދައްކާށޭ “ ވިދާޅުވިޔަސް މައްސަލައިގެ މިސްރާބު އޮތީ އޮޅުންފިލާފައެވެ. ދެންއޮތީ މި މައްސަލާގައި ޔޫރަޕްގެ ރައްޔިތުން ދެކޭގޮތެވެ. މިކަން ދެނެގަތުމަށް ނެގުނު އޮޕީނިއަން ޕޯލްގައި ހާމަވެގެންދިޔައީ ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި އެހެނިހެން މުދަލާއި ވަސީލަތްތަކުގެ އަގުބޮޑުވުމުން ނިކަމެތިކަން ލިބެމުންދަނީ އެ ރައްޔިތުންނަށް ކަމަށާއި އެ ސަބަބަށްޓަކައި މަޝްވަރާގެ އުސޫލުންވިޔަސް އަވަހަށް ހަނގުރާމަ ހުއްޓުވުމަށް ބޭނުންވެފައި ތިބި ކަމެވެ.
މިއީ މަޝްވަރާގެ މޭޒުގައި ރަޝިޔާއަށް ރަނގަޅަށް ފައިހަރުކޮށްލެވޭނެ މަގާމެއްކަމަށް ތަޖްރިބާކާރުން ދެކެއެވެ.
މިފަދަ ޙާލަތުތަކުގައި މޮސްކޯއިން ހުޅަނގުގައި ހިންގާ ޖަސޫސީ ޙަރަކާތްތައް އިތުރު ކުރާނެއެވެ. އަދި މަޝްވަރާއަކަށް ދާ ހިސާބުން ރަޝިޔާއަށް ލިބޭ ޖާސޫސީ މަޢުލޫމަތުން ހުޅަނގުގެ ގައުމުތަކުގެ މެދުގައި ބައިބައިވުން އުފައްދަންފުރިހަމަގޮތުގައި ރަޝިޔާއިން ބޭނުން ކުރާނެއެވެ.
މިހާރުވެސް ފިނި ހަނގުރާމައިގެ ދުވަސްވަރަށްވުރެން މާގިނައިން ރަޝިޔާގެ ޖާސޫސުން އިނގިރޭސި ވިލާތުގެ ކަންކޮޅުތަކުގައި ޙަރަކާތްތެރި ވަމުން ގެންދާކަމަށް އިނގިރޭސިންގެ އިންޓެލިޖެންސުން ޝައްކު ކުރެއެވެ. އަދި ރަޝިޔާއާއި ދެކޮޅުވެރި ޙަރަކާތެއް ފެށިއްޖެނަމަ ހުޅަނގުގެ މުވާސަލާތާބެހޭ ނިޒާމްތަކަށް ރަޝިޔާއިން ނުރައްކާތެރިކަން ކުރެވިގެން ދާނެއެވެ.
ދާދިމިދާކަށް ދުވަހުވެސް ނޯތުސީގެ ތެރެއިން ރަޝިޔާގެ ޖާސޫސީ އުޅަނދުތަކެއްވަނީ ފެނިފައެވެ. އެ އުޅަނދު ތަކުން ފާރަލަމުން ގެންދިޔައީ ދެކޮޅުވެރިކަމުގެ ޙާލަތުގައި ހަލާކުކޮށްލަން ބޭނުންވާ ހުޅަނގުގެ އަމާޒުތައް ދެނެގަތުމާއި އިނގިރޭސީންގެ އެއަރ ޑިފެންސްގެ ނިޒާމް ކިހާ އަވަހަކަށް ޙަރާކާތްތެރި ކުރުވިދާނެތޯ ދެނެގަތުމަށެވެ. މިހަފްތާގެ ކުރީކޮޅުގައި އާރް. އޭ. އެފް. ގެ ޓައިފޫން ޖެޓްތަކުން ރަޝިޔާގެ ބޮންއަޅާ ބޯޓުތަކަށް ފާރަލަމުންވެސް ގެންދިޔައެވެ.
ސޯވިއެޓް ޔުނިއަންގެ ކުރީގެ ޖަސޫސީ އިސް ތަޖްރިބާކާރަކު ހާމަކުރެއްވި ގޮތުގައި ރައީސްޕޫޓިން އަށް ސިއްރު ޖަސޫސީ މަޢުލޫމާތުގެ ބޭނުން ހިފަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. ރަޝިޔާއިން ސިއްރު ޖަސޫސީ މަޢުލޫމާތު ހޯދާފާނެ މަގުތައް ބަންދުކުރަން ހުޅަނގުގެ ގައުމުތަކުންމަސައްކަތްކުރަނީ މިސަބަބަށް ޓަކައެވެ.
މިހަފްތާގެތެރޭގައިވެސް ރަޝިޔާގެ ޖަސޫސުންކަމުގައި ޝައްކުކުރެވޭ ތިންމީހަކު އިނގިރޭސިވިލާތުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ޔޫރަޕްގެ ކަންކޮޅުތަކުގައިވެސް ރަޝިޔާގެ ޖާސޫސުން ކަމަށް ޝައްކުރެވޭ ބަޔަކު ވަނީދާދިފަހުންވެސް ހައްޔަރު ކޮށްފައެވެ.
އޭގެތެރޭގައި ޖަރުމަނުގެ މިލިޓްރީގެ ޕްރޯކިއުމެންޓް އޮފިސަރަކާއި ޖަރުމަނުގެ ފޮރިން އިންޓެލިޖެންސް ސަރވިސްގެ އިސް ބޭފުޅަކުވެސް ހިމެނެއެވެ. އަދި ބަރލިންގައި ހުންނަ އިނގިރޭސި ސަފީރު އޮފީހުގެ ސެކިއުރިޓީގާޑަކު ރަޝިޔާއަށް ޖާސޫސްކޮށްދިންކަމުގެ ކުށްސާބިތުވެގެން 13 އަހަރަށް ވަނީ ޖަލަށް ލެވިފައެވެ.
ބައެއްފަހަރު މިކަހަލަ ނާކާމިޔާބާއި ކުރިމަތިލާން ޖެހުނު ކަމުގައިވިޔަސް ޔޫކްރެއިންގެ މައްސަލާގައި ހުޅަނގުގެ ވިސްނުން ބައިބައި ކުރުމަށްޓަކައި މިހާރުވެސް ރަޝިޔާގެ ޖާސޫސުން ޔޫރަޕްގެ ކަންކޮޅުތަކުގައި ޙަރަކާތްތެރިވުން ދަނީ އިތުރުވަމުންނެވެ.
އަދި ޔޫކްރެއިންގެ މައްސަލާގައި ޔޫރަޕްއޮތީ އެކުގައިކަންވެސް ސާބިތުކޮށެއް ނުދެވޭނެއެވެ. ޔޫކްރެއިނަށް އަރާގަތުމާއި ގުޅިގެން ހުޅަނގުގެ ގައުމުތަކުން ރަޝިޔާއަށް އެޅި ދަތިކުރުމުގެ ފިވަޅުތަކާހުރެ ރަޝިޔާގެ ފައިސާގެ އަގު %40 އަށް ވެއްޓުނު ކަމަކީ ޙަގީގަތެކެވެ.
އެކަމަކު ދަތިކުރުމުގެ ފިޔަޅުތަކުން ނެރެން ބޭނުންވާ އަދި ނިކުންނަ ނަތީޖާއަކީ ކޮބައިތޯ ބަލާލީމުހެއްޔެވެ؟ ހުޅަނގުގެ ބިޔަ ބޮޑެތި ކުންފުނިތަކުން މިހާރުވެސް ގެންދަނީ ރަޝިޔާގައި އަދި ރަޝިޔާއާއިއެކު ވިޔަފާރީގެ ހުރިހާ މުޢާމަލާތެއް ހިންގަމުންނެވެ. އެކުންފުނިތަކަށް އެންމެބޮޑަށް ބޭނުންވަނީ ދެމެހެއްޓެނިވި ގޮތެއްގައި ފައިދާކުރަނިވި ވިޔަފާރިއެކެވެ. ޔޫކްރެއިންނުން ހަނގުރާމަ ކާމިޔާބުކުރުމާއި ނުކުރުމަކީ އަދި މުޅިންއެހެން ކަމެކެވެ.