ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ވަކިކުރުމަށް އެމެރިކާއިން ބާރުއެޅިކަން ޕާކިސްތާނުގެ ސިއްރު ލިޔެކިޔުންތަކަކުން ހާމަވެއްޖެއެވެ.
މިގޮތުން، އިމްރާން ޚާނާއި މެދު އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ ”ހުރިހާ ކަމެއް މާފުވާނެ“ ކަމަށް އެމެރިކާގެ ޑިޕްލޮމެޓެއް ބުނެފައިވެއެވެ.
7 މާރިޗު 2022 ގައި ބޭއްވުނު ބައްދަލުވުމެއްގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިމްރާން ޚާން މަގާމުން ދުރުކުރުމަށް ބާރު އަޅާފައިވާއިރު، ޕާކިސްތާނު ސަރުކާރުގެ ސިއްރު ލިޔެކިޔުމަކުން އެނގޭ ގޮތުގައި އެމެރިކާއިން މިގޮތަށް އެދިފައިވަނީ ރަޝިއާއިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކާއި ގުޅޭގޮތުން ވަކިކޮޅަކަށް ބަސްބުނެފައި ނުވާތީއެވެ.
ފާއިތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި، ޕާކިސްތާނުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރާއި، ސްޓޭޓް ޑިޕާޓްމަންޓުގެ ދެ އޮފިޝަލަކާއެކު ކުރިއަށް ދިޔަ މި ބައްދަލުވުމަށް ގިނަ ބައެއްގެ ސަމާލުކަމާއި، ކަންބޮޑުވުން އަމާޒުވެފައިވާއިރު، އާމިރް ޚާނާއި، އޭނާގެ އަސްކަރީ ބާރާއި، އިދިކޮޅު ސިޔާސީ ފަރާތްތަކުން ބާރު ހޯދުމަށް ތަޅާފޮޅީއެވެ. ސިޔާސީ ކޯޅުންތައް ބޮއްސުން ލައިގެންގޮސް، އޮގަސްޓް 5 ގައި ކޮރަޕްޝަންގެ ދައުވާ ސާބިތުވުމާއެކު ތިން އަހަރުގެ ޖަލުހުކުމެއްގައި، މަގާމުން ވަކިވިފަހުން ދެވަނަ ފަހަރަށް ޚާން ބަންދުކުރެވުނެވެ. ޚާންއަށް ތާއީދުކުރާ ފަރާތްތަކުން މި ދައުވާތައް ދޮގުކުރާއިރު، މިއަހަރުގެ ފަހުކޮޅުގައި އޮންނަ ޕާކިސްތާނުގެ އިންތިހާބުގައި ޚާންއަށް ވާދައެއް ނުކުރެވޭނެއެވެ.
ލީކުވެފައިވާ ސިއްރު ލިޔެކިޔުންތަކުގައިވާ ބައްދަލުވުން ބޭއްވިތާ އެއްމަސްދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުން ނެގި އިތުބާރު ނެތްކަމުގެ ވޯޓަކާއެކު ޚާންވަނީ މަގާމުން ވަކިކޮށްފައެވެ. މި ވޯޓު ނަގާފައިވަނީ އަސްކަރީ ބާރުގެ ފުރިހަމަ އެއްބާރުލުމާއި އެކުގައިކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޚާންއާއި އޭނާގެ ސަޕޯޓަރުން އޭރުއްސުރެ އަންނަނީ އެމެރިކާގެ ބަހަށް ތަބައަވެގެން އޭނާ މަގާމުން ދުރުކުރިކަމަށް އޭނާ ގަބޫލުކުރާ އަސްކަރިއްޔާއާއި އިދިކޮޅު ސިޔާސީ ފަރާތްތަކާއި ދެކޮޅަށް މަސައްކަތްކުރަމުންނެވެ.
ލީކުވި ލިޔެކިޔުންތަކުގައި ވަނީ ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ދަ ބިއުރޯ އޮފް ސައުތް އެންޑް ސެންޓްރަލް އޭޝިއަން އެފެއާސް، ޑޮނަލްޑް ލޫ އާއި، ޕާކިސްތާނުން އެމެރިކާއަށް ކަނޑައަޅާފައި އޭރު ހުރި ސަފީރު އަސަދް މަޖީދް ޚާން ގެ ބައްދަލުވުމެކެވެ.