ދަ ޑިމޮކްރެޓްސްގެ ވެރިޔާ މުޙައްމަދު ނަޝީދު ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންގެ ޟަމީރު އެހާ އަވަހަށް ނުގުޑާނެ ކަމަށެވެ.
ޑިމޮކްރެޓްސްގައި ކުރިން ތިއްބެވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފާއި މޭޔަރު މުޙައްމަދު އާތިފާއި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު، ކައުންސިލަރު ރިލްވާނު މުޙައްމަދު، އައިމިނަތު މަޖީދާ، އަޙުމަދު ޢަބްދުއްލާ އެ ޕާޓީ ދޫކޮށް އިއްޔެ އަލުން އެމްޑީޕީއާ ގުޅިފައިވާތީ އެކަމާއި މީހުންގެ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން، ނަޝީދު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕޭނަށް މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު ކުޅުދުއްފުށިން ދެ ބޭފުޅަކާއި އެކުގައި މަސައްކަތް ކުރަން ލިބިވަޑައިގެން ކަމަށާއި އޭގެތެރެއިން އެއްބޭފުޅަކު މަޖިލީހުގެ ދާއިމީ ކޮމިޓީގެ މުގައްރިރަކަށް ވެސް ހެއްދެވިން ކަމަށެވެ.
އެގޮތުން މެމްބަރު ޔާސިރުގެ ނަން ވިދާޅުވެ ނަޝީދު ވަނީ އެބޭފުޅާ އަށް މަޖިލީހުން ލިބެން އޮތް ހުރިހާ ފުރުސަތެއް ވެސް އަރުވަމުން ގެންދިޔަ ކަމަށާއި އަދި އެ ބޭފުޅާއާއި އެކުގައި ހުސްވަގުތާއި ވީހާވެސް ގިނައިން މަޝްވަރާކޮށް ގިނަ ކަންކަމާއި މަޝްވަރާ ކޮށްފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޒުވާނުން ޢުމުރުގައި ބައެއް ބޭފުޅުން ވަގުތީ މަންފާގެ ދަޅައިގައި ޖެހިގެންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
”އަޅުގަނޑު ދަންނަވާނީ އެއީ ވަރަށް ހިތާމަހުރި ކަމެކޭ. އަޅުގަނޑު ނުދެކެން ކުޅުދުއްފުށީ ރައްޔިތުންގެ ޟަމީރު މިހާ އަވަހަށް ގުޑައިދާނެ ކަމަކަށް: އަޅުގަނޑު ދެކޭ ގޮތުގައި ތިބޭފުޅުންގެ ތަރައްގީގެ ތަސައްވުރެއް އޮންނާނެ: ތިބޭފުޅުން މަސައްކަތް ކުރައްވަމުން ތި ގެންދަވަނީ އެ ތަސައްވުރު ޙަގީގަތަކަށް ހެދުމަށް:“ އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ކުޅުދުއްފުށި ރައްޔިތުން ބަޔަކަށް ދޭ ތާޢީދު އެއީ ވިޔަފާރީގެ މުޢާމަލާތެއްގެ ގޮތުގައި ހަދައި އޭގެއިން ތިން ހަތަރު މީހަކަށް އެތައް މިލިއަން ރުފިޔާއެއް ލިބޭނެ ގޮތަކަށް ކަންކަން ވެގެންދާން އެ ސިޓީގެ ރައްޔިތުން ނޭދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން ލިބޭ އެއްޗެއް ލިބެން ޖެހޭނީ ހުރިހާ ރައްޔިތުންނަށް ކަމަށާއި އަބުރުވެރި ތާހިރު ދިރިއުޅުމެއް ހޯދޭނީ އޭރުން ކަމަށް ވިދާޅުވި އެވެ. އެލިބުނު އެއްޗެއް އައިދިމާލެއްވެސް އަހާލުމަކީ ނެތްކަމެއް ނޫންކަމަށެވެ!