ސަޢޫދީ އެރޭބިޔާއިން ފުރަތަމަ ފަހަރަށް ފަލަސްތީނަށް އެމްބެސެޑަރަކު ކަނޑައެޅުމާއި ގުޅިގެން ޖެރޫސަލަމްގައި ސަޢޫދީ އެރޭބިޔާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ހުއްދަ ނުދޭނެކަމަށް ގަދަބާރުން ފަލަސްތީނަށް އަރައިގަނެއް އުޅޭ އިސްރާޢީލުގެ ޚާރިޖީ ވަޒީރު އެލީ ކޯހެން އެގައުމުގެ 103 އެފް. އެމް. ރޭޑިއޯ މެދުވެރިކޮށް މިއަދު ޢިއުލާން ކުރައްވައިފިއެވެ.
ސަޢޫދީ އެރޭބިޔާއިން ޖޯރޑްންއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާނުގެ ވަރަށް ގާތް ތިމާގެ ބޭފުޅެއް ކަމުގައިވާ ނާއިފް އަލް ސުދައިރީ އަކީ ސަޢޫދީ އެރޭބިޔާއިން ފަލަސްތީނަށް ކަނޑައޅުއްވާފައިވާ ނޮން ރެޒިޑެނޓް ސަފީރުކަމަށާއި ޖެރޫސަލަމްގައި ހުންނަވާ ކައުންސިލް ޖެނެރަލް ކަން ސަޢޫދީ އެރޭބިޔާއިން ކުރައްވާފައި އިޢުލާން ގަބޫލު ނުކުރައްވާނެ ކަމަށްވެސް އެލީ ކޯހެން ވަނީ ވިދާޅުވެފައެވެ.
ސަބަބަކީ ސަޢޫދީ އެރޭބިޔާގެ އެ ނިންމުމުގެ ސަބަބުން ޖެރޫސަލަމްއަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި ގަބޫލުނުކޮށް އަދި އެއީ ފަލަސްތީނުގެ ވެރިރަށްކަމުގައި ސަޢޫދީ އެރޭބިޔާއިން ގަބޫލުކުރަނީ ކަމަށް ބެލެވޭތީކަމުގައި ބުނެފާވެއެވެ.
ސަޢޫދީ އެރޭބިޔާއިން ފަލަސްތީނަށް ސަފީރަކު ކަނޑައަޅުއްވާފައި މިވަނީ ސަޢޫދީ އެރޭބިޔާއާއި އިސްރާއީލު އެކުވެރި ކުރުމަށްޓަކައި އެމެރިކާއިން ވަރަށްގިނަގޮތްގޮތުން މަސައްކަތް ކުރަމުން ގެންދާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރަންޖެހެއެވެ.
ސަޢޫދީ އެރޭބިޔާއަކީ ފަލަސްތީނުގެ ދައުލަތަކަށް އެންމެބޮޑަށް ތާއީދު ކުރަމުންގެންދާ ގައުމު ކަމަށްވެފައި މި ދަނޑިވަޅުގައި އެގައުމުގެ ސަފީރަކު ފަލަސްތީނަށް ކަނޑައެޅުމުން ދޭހަކޮށްދެނީ އެމެރިކާއިން ކިތަންމެ ވަރަކަށް އަދި ކިތަންމެ ގޮތަކުން ސަޢޫދީ އެރޭބިޔާ އާއި އިސްރާއީލު އެކުވެރިކުރަން މަސައްކަތް ކުރި ކަމުގައިވިޔަސް ފަލަސްތީނުގެ މައްސަލައިގާ ސައޫދި އެރޭބިޔާގެ އުސޫލުތައް ބަދަލު ނުކުރާނެކަމެވެ.
ހަމަ މި މޭރުމުން ފަލަސްތީނުންވެސް ގެންދަނީ އެމެރިކާގެ މަސައްކަތުން ވިޔަސް ސަޢޫދީ އެރޭބިޔާއާއި އިސްރާއީލު އެބައިމީހުން ބޭނުންވާގޮތަކަށް އެއްބައިވަންތަ ކުރެވުމަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދިދާނެ ކަމުގެ އުންމީދުތަކުގައި މަރުތަޅު އެޅުވުން ކަމުގައި ބުނަމކުންނެވެ.
ސްކޫލް އޮފް އޯރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒް ( އެސް. އޯ. އޭ. އެސް ) މިޑްލް އީސްޓުގެ ފަރާތުން ވާހަކަ ދައްކަވަމުން އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރ ލީނާ ޚަތީބު ވިދާޅުވެފައިވަނީ ސަޢޫދީ އެރޭބިޔާއިން ފަލަސްތީނަށް ސަފީރަކު ކަނޑައެޅުމުން ޔަގީން ކަށަވަރުވެގެން ދަނީ ފަލަސްތީނުގެ މައްސަލާގައި ސަޢޫދީ އެރޭބިޔާއިން ޢިއުލާން ކޮށްފައިވާ ވިސްނުން ބަދަލު ނުކުރާނެ ކަމެވެ.
އަދި އީރާނާއެކު ސަޢޫދީ އެރޭބިޔާގެ އެއްބައިވަންތަ ކަމުގައިވެސް ކުލަ ޖެހެމުން ދިއުމާއި ސަޢޫދީއާއި ޗައިނާގެ ގުޅުންވެސް އިތުރަށް ބަދަހި ވަމުން ދިއުމާއެކުސަޢޫދީ އެރޭބިޔާއާއި އިސްރާއީލުގެ އެއްބައިންތަ ގުޅުމެއް ގާއިމުވެގެން ދާތަން ފެނިގެން ދިއުމަކީ އަދި މާދުރުގައި އޮތް ކަމެއް ކަމަށެވެ.
ވޯލްސްޓްރީޓް ޖާރނަލުން ޚަބަރު ދީފައިވާ ގޮތުގައި ސަޢޫދީ އެރޭބިޔާއާއި އިސްރާއީލުގެ އެއްބައިވަންތަކަމާ ދޭތެރޭ އެމެރިކާއިން ކުރަމުންގެންދާ މަސައްކަތުގައިވެސް ސަޢޫދީ އެރޭބިޔާއިން އެންމެ ފުރަތަމަ ވާހަކަދައްކަން ބޭނުންވަނީ އަދި ގޮތެއް ނިންމަން ބޭނުންވަނީވެސް ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ވުޖޫދު ކުރުމުގެ މައްސަލައި ގައެވެ. ދެންހުރި މައްސަލަތަކާއި ދޭތެރޭ އޭގެ ފަހުން ވާހަކަ ދެއްކިދާނެކަމަށެވެ.