ޔޫކްރެއިން މިލިޓްރީގެ އެންމެ އިސްވެރީތަކެއް ވަޒީފާއިން ވަކިކުރަނ

Loading

Facebook
Twitter
WhatsApp

ކޮރަޕްޝަނާއި ފަސާދައާއި ނަހަމަގޮތުގައި ބާރުގެ ބޭނުންކުރާކަމަށް ތުޙުމަތު ކުރެވިފައިވާ ޔޫކްރެއިން މިލިޓްރީގެ ސަރަހައްދީ ގިނަ އޮފީސްތަކެއްގެ އެންމެ އިސްވެރިން ވަޒީފާއިން ވަކިކުރަން ރައީސް ޒެލެންސްކީ ކުއްލިގޮތަކަށް ނިންމަވައިފިއެވެ.

އެ މަގާމުތަކަށް ދެން އިސްކުރެވޭނީ ރަނގަޅަށް ރެކޯރޑް ސާފުކުރުމަށްފަހު އިޚްތިޔާރުކުރެވޭ ހަނގުރާމައިގެ މައިދާނުން ތަޖްރިބާވެސް ލިބިފައިވާ ބޭފުޅުންކަމަށްވެސް ރައީސްގެ އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ހަނގުރާމައަކީ ކޮންއެއްޗެއްކަން ރަނގަޅަށް އެނގޭ އަދި ޚާއްސަކޮށް ހަނގުރާމައިގެ ވަގު ތުގައި ކޮރަޕްޝަނާއި ފަސާދައާއި އިތުބާރު ގެއްލުވާލުމަކީ ގައުމަށް ޣައްދާރުވުން ކަންވެސް އެނގޭ ބޭފުޅުންކަމުގައި ވާންޖެހޭނެއެވެ.

މިއަމުރު ފާސކޮށްފައިވަނީ ޔޫކްރެއިންގެ ގައުމީ ދިފާއާއި ސަލާމަތާބެހޭ މަޖްލިސުން މި އޯގަސްޓް މަހުގެ 11 ވަނަ ދުވަހުގައެވެ. އަދި މި ބަދަލުތައް ގެނައުމުގެ އެންމެހާ ކަންތައް ހިންގަމުން ގެންދާނީ ޔޫކްރެއިންގެ ސިފައިންގެ ކޮމާންޑަރ އިން ޗީފް ޖެނެރަލް ވަލޭރީ ޒަލުޒްނީގެ ސިދާ ބެއްލެވުމުގެ ދަށުންނެވެ.

ރައީސް ޒެލެންސްކީ ވިދާޅުވެފައި ވަނީ މިލިޓްރީ އޮފީސްތަކެއްގެ އެންމެ އިސްވެރިންގެ މަގާމުގައި ތިބި 33 މީހެއްގެ މައްޗަށް 112 ދަޢުވާ މިހާރު އުފުލިފައިވާ ކަމަށެވެ. އަދި އެމީހުންގެ ކުށް ސާބިތުވެއްޖެނަމަ ފުރިހަމަ މާނައިގާ ގާނޫނު ތަންފީޒު ކުރެވިގެންދާނެ ކަމަށާއި އަދި ހަމައެއާއެކު ތުޙުމަތުން ބަރީއަވެވިގެންދާ ބޭފުޅުންނަށް ލިބިފައިވާ ޝަރަފާއި ޢިއްޒަތާއެކު މަގާމުތަކުގައި ދެމިތިބެވޭނެއެވެ.                   

ރައީސް ޒެލެންސްކީގެ ބަޔާނުގައި ޔޫކްރެއިންގެ މިލިޓްރީގައި ތިއްބެވި ޝަރަފްވެރި ބޭފުޅުންނަށްވެސް މަގާމުގެ ޙައިސިއްޔަތުން ވިޔަސް ހިތުހުރިގޮތަކަށް ކަންތައް ކުރުމުގެ ފުރުސަތު ދުވަހަކުވެސް ނުލިބޭނެކަން ހަނދާނުގައި ބެހެއްޓުމަށް ހަރުކަށި ބަސްފުޅުތަކަކުން އިލްތިމާސް ކުރައްވައި އަދި އެއީ ކޮންމެ މަގާމެއްގައި ހުންނެވި ބޭފުޅަކަށްވިޔަސް ގާނޫނު އަރާ ހަމަކުރާނެކަން ހަނދާންކޮށްދެއްވިއެވެ. 

އަދި ޔޫކްރެއިން މެޑިކަލް ކޮމިޝަނާބެހޭގޮތުން އެން. ޖީ . އޯ އިންނާއި އަދި ސިފައިންގެ ފަރާތުން ލިބިވަޑައިގަންނަވަމުންދާ ޝަކުވާތައް ގައުމުގެ ސަލާމަތާއި ދިފާއީ ކައުންސިލަށް ހުށައަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.                     

ޔޫކްރެއިން ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ގައުމުގެ ހުރިހާ ކަންކޮޅެއްގައި ހިނގަމުންމިދާ ރިޝްވަތާއި މަގާމުގެ ނުފޫޒު ބޭނުންކުރުންފަދަ ކަންތައްތައް ތަޙުގީގުކޮށް ފިޔަވަޅުއަޅަން ނިންމާފައިވަނީ ހަނގުރާމައިގެ ނުރައްކާ މުޅިގައުމަށް ކުރިމަތި ވެފައި މިވާ ދަނޑިވަޅުގައި އޮޑެއްސާ މިލިޓްރީ އޮފީސް ހިންގެވުމާއި ހަވާލުވެ ހުންނެވި ޔޫހެން ބޮރިސޯވްގެ އާއިލާއިން 4.5 މިލިއަން އެމެރިކާ ޑޮލަރުގެ މިލްކިއްޔާތުތަކެއް ސްޕޭނުން ގަނެފައިވާކަން ނޫސްތަކުން ފަޅާއަރުވާލުމާ ގުޅިގެންނެވެ.                                    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް