ގުޅީފަޅު ބައިނަލް އަގްވާމީ ބަނދަރު

Loading

Facebook
Twitter
WhatsApp

މިދުވަސްކޮޅު ރާއްޖޭގެ ނޫސްތަކުން ފެންނަ އެންމެ ފަލަ އެއްސުރުޚީއަކީ ގުޅީފަޅުގައި ބައިނަލް އަގްވާމީ ބަނދަރެއް ހެދުމާމެދު ޢާންމުންގެ ޚިޔާލަށް ހުޅުވާލާފާއޮތް ޚަބަރެކެވެ. އެހެންކަމުން މިކަމުގައި އަޅުގަނޑަށް ފެންނަ ޚިޔާލެއްވެސް ފާޅު ކުރުމުގެ ފުރުސަތު ލިބިފައިއޮތީމާ ގިނަބަޔަކަށް ފެންނާނެގޮތަކަށް އަޅުގަނޑުގެ ޚިޔާލު ފާޅުކުރަން ގަސްދުކުރީއެވެ.

ބައިނަލް އަގްވާމީ ބަނދަރެކޭ އޮތީމާ އަޅުގަނޑު ގަބޫލުކުރަނީ މިދައްކަނީ ބައިނަލް އަގްވާމީ ބަނދަރުތަކަށް ކަނޑުދަތުރު ކުރާ އުޅަނދުފަހަރަށް ބޭނުންވާ ތަފާތު ޚިދުމަތަތަކާއި ވަޞީލަތްތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުޅުވަން ގަސްދުކުރާތަނެއް ކަމުގައެވެ. ވަގުތުފާއިތުވެ މާބޮޑަށް ލަސްވެގެންދާނަމަވެސް ވަރަށް ބޭނުންތެރި ކަމެކެވެ. އެކަމަކު ދިގުރާސްތާއެއްގެމައްޗަށް ވިސްނައިގެން ހަދަން ގަސްދުކުރާތަނެއްކަމުގައިވާނަމަ ގުޅީފަޅުގައި އެފަދަ ބަނދަރެއް ހެދުމަކީ ދެކޮޅުނުޖެހޭ މޮޔަކަމެކެވެ. ފަހެ، ދިވެހިރާއްޖޭގައި ބައިނަލް އަގްވާމީ ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ ވަޞީލަތްތައް މާފުރިހަމަކޮށް ފޯރުކޮށްދެވިދާނެގޮތަށް ތައްޔާރުކުރެވިދާނެ އެހެން ސަރަޙައްދުތައް ނެތީ ހެއްޔެވެ. ނޫނީ ވިޔަފާރިއާބެހޭ ވަޒީރު އޮފިހުގައި އިންނަވާއިރު ނުފެންނަ ހިސާބެއްގައި ހެދުމުން އެތަނުގައި ކަންހިނގާގޮތް ނުފެންނާނެތީ ކަންބޮޑުވަނީ ބާވައެވެ.

ބައިނަލް އަގްވާމީ ސީޕޯރޓެއްގައި ހުރުމަށް ބޭނުންވާނެ މައިގަނޑު ބައެއް ވަޞީލަތްތަކާދޭތެރޭ ނިކަން ޚިޔާލުކޮށްލަމާހެއްޔެވެ. އެންމެފުރަތަމަ އަޅައިގަންނަނީ ގުޅީފަޅުގެ ކަނޑުގެ ސަރަޙައްދުގެ ކުޑަ ކަމެވެ. ވަގުތީގޮތުން ނުވަތަ ބަންކަރިން ފަދަ ވަކި ޚިދުމަތްތަކެއް ހޯދަން އަންނަ ކިތަށްބޯޓަށް އެސަރަޙައްދުގައި ނަގިލީގައި ތިބޭނެ ޖާގަ ލިބިދާނެހެއްޔެވެ. މޫދު ހިއްކައިގެން ބިން ބޮޑުކުރެވިދާނެއެވެ. ކަަނޑުގެ ސަރަޙައްދު ބޮޑުކުރަން ހަދާނީ ކިހެއް ހެއްޔެވެ. މިހާރުވެސް ފެންނަމުންދަނީ މާލޭ ސަރަޙައްދުގެ ކަނޑުމަތި ފުރިބާރުވެފާއޮތްތަނެވެ.

ދެންވިސްނާލަންޖެހޭ އަނެއްކަމަކީ މިޒަމާނުގައި މުދާއުފުލަން ބޭނުންކުރާ ކޮންޓޭނަރތައް ބެހެއްޓުމެވެ. ދިވެހިރާއްޖެއަށް ގެންނަ މުދަލާއި އެހެންބަނދަރުތަކަށް ގެންދިއުމަށްޓަކައި ވަގުތީގޮތުން ބަހައްޓަންޖެހޭ ކޮންޓޭނަރ ތަކެވެ. މިހާރުވެސް އެންމެބާރަށް ދެކެވޭ އެއްވާހަކައަކީ ދިވެރިރާއްޖެއަށް ގެންނަމުދަލުން ސިލޯނުމީހުން ނާޖާއިޒު ފައިދާ ނަގާވާހައެވެ. ދިވެހިރާއްޖެއަށް އެތެރެކުރާ ގިނަމުދާތަކެއް އަންނަނީ ކޮޅުނބު ބަނދަރުގެ ތެރޭން ލާފައެވެ. އެމުދާ ކޮޅުބު ބަދަނރަށް ބާލައި އަލުން މާލެ ފޮނުވުމުގެ މަސައްކަތް ކުރަނީ އެ މުދާގެނައި ބޯޓުގެ އޭޖެންޓުންނެވެ. އެމީހުންގެ މަސައްކަތަށް އަގުނަގާނެވަރު އެނގޭނީ އެމީހުންނަށެވެ. ދިވެހި ވިޔަފާރިވެރިންގެ ކަންބޮޑުވުމަކީ އެމީހުން ވިސްނަންޖެހޭ ކަމެއްނޫނެވެ. ވިޔަފާރީގައި ލިބެންއޮތް ފައިދާއެއް ހޯދާނެއެވެ. ބިންހިއްކައިގެންވިޔަސް ކޮންމެގޮތަކުން ނަމަވެސް ގުޅީފަޅުގައި އެ ވަޞިލަތް ގާއިމުކުރަންޖެހޭ ބާވައެވެ. ބޯޓުފަހަަށް ބޭނުންވާ ކާބޯތަކެއްޗާއި މަރާމާތުކޮށް ބަލަހައްޓަން ބޭނުންވާ އެއްޗެހި ރައްކާކޮށް ގެންގުޅުމާއި އެފަދަ ޚިދުމަތްތައް ފޮރުކޮށްދެވިދާނެ ގޮތްތައް ގުޅީފަޅު ސަރަޙައްދުގައި ރާވައިފިނަމަ ކުރިއަށް އޮތް ދެތިންއަހަރަކަށް ފުދިދާނެއެވެ.

އެކަމަކު ދިގުރާސްތާއަށް ވިސްނާނަމަ ބޭކާރުކަމެކެވެ. މިކަހަލަ ޚިދުމަތްތައް ތަޢާރުފް ކުރުމުގައި އަމިއްލަ ފަރާތްތަކަށް ފުރުޞަތު ލިބޭގޮތަށް ރާވައިފިނަމަ ގިނަ ދިވެހިންތަކަކަށް އާމްދަނީ ލިބޭނެ މަގު ފަހިވެގެންދާނެއެވެ. ދެން މަގަތު ފާލަމުގެ މައްޗަށްވެސް ބަލާލަމާހެއްޔެވެ. ކިތަށް ބޯޓަށް އެއްފަހަރާ ޚިދުމަތްދޭނެ ޖާގަ ހެދިދާނެ ހެއްޔެވެ. ނޫނީ ހަމަމިހާރުންމިހާރަށް ހުރިހާކަމެއް އެންމެ މިޒަމާނުގެ ފެންވަރަށް ފުރިހަމަ ކުރަންޖެހޭހެއްޔެވެ. ދިވެހިންނަށް އާމްދަނީ އިތުރުވާނެގޮތަށް ވިސްނައި ނަގިލީގައި ބާއްވައިގެންވެސް ބައެއްބޯޓުފަހަރުން ބަނޑުފަހަރަށް މުދާއަރުވާ މުދާބާލާނެ ވިސްނުން ގެންގުޅެފިނަމަ އަަމިއްލަ މީހުން އެކަމާކުރިމަތިލާނެއެވެ. ގިނަބަޔަކަށް ވަޒީފަގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮންމެއަކަސް ދުރުރާސްތާއަށް ބަލައިގެން ބައިނަލް އަގްވާމީ ސީޕޯރޓެއް ހަދަން ގަސްދުކުރާނަމަ އެދެވިގެންވަނީ ދިވެހިރާއްޖޭގައި އެކަމަށް އެންމެ އެކަށީގެންވާ ސަރަޙައްދަކަށް އަމާޒު ކުރުމެވެ. ބިންހިއްކުމުން އެއްކިބާވެ ނަގިލީ ބަނދަރުގައި ޖާގަ އޮތް މަގަތުފާލަން ހަދަންޖެހުނަސް ފަސޭހައިން ބިން ލިބެންހުރި އަދި ތަންކޮޅެއްފަހުންވިޔަސް ބޯޓުފަހަރު މަރާމާތު ކުރުމަށްޓަކައި އެހެލާހަދާނެ ޖާގަވެސް ހޯދިދާނެ ގޮތްތަކާއި އަދި އަމުދުން ބައިނަލް އަގްވާމީ ދަތުރުތައްކުރެވެމުންދާ މަގުތަކާއި ވީހާވެސް ކައިރީގައި ސީޕޯރޓެއް ހަދަން ވިސްނަވައިގެން ކުރިއަށް ގެންދަވައިފިނަމަ އަދިވެސް ރަނގަޅުފުރުޞަތުތަކެއް ހުޅުވިގެން ހިނގައިދާނެއެވެ.

އެހެންނޫންނަމަ ކޮޅުބު ބަނދަރާއި ސޫތުކުޅި ދޫކޮށްލާފައި ދިވެހިރާއްޖެއަށް އައުމުގެ ފުރުޞަތު ވަރަށް ކުޑައެވެ. ސިލޯނުގެ ދާޚިލީ ހަމަނުޖެހުން ހިނގަމުން ދިޔަ ތިރީހަކަށް އަހަރުދުވަހަކީ މާތްﷲ ދިވެހިންނަށް ދެއްވި ރަނުގެ ފުރުޞަތެކެވެ. އޭރު އެކަން ކުރިނަމަ (ނަމަޔަކުން ކެއްކޭނެ ރިހައެއް ނޯންނާނޭބުތެވެ)، މިއަދު ދިވެހިރާއްޖޭ އަށް ރަނގަޅަށް ހިނގަހިނގާއޮތް ބައިނަލް އަގްވާމީ ސީޕޯރޓެއް އޮތީހީ ލިބިފައެވެ. އެދުވަސް އަނބުރާ ނުލިބޭނެއެވެ. ދެންވެސް ރަނގަޅަށް ދިރާސާކުރުމަށް ފަހު އެފަދަ ބަނދަރަކަށް އެންމެ އެކަށިގެންވާ ހިސާބެއްގައި ހަދާށެވެ. މި ގައުމުގައި މިތިބީ ދިވެހިންނެވެ. ދެން ތިބޭނީވެސް ދިވެހިންނެވެ. ބަނދަރު ހިފައިގެން ފިލާކަށް ނުދާނެއެވެ.

 

Loading

2 Responses

  1. ގުޅީފަޅުގައި މާލޭ ރައްޔަތުންނަށް ގެދޮރު ޢިމާރާތްކުރަން އެމްޑީޕީ އިން ވަޢުދުވެފައި ތިލަފުށީގައި ކުރީސަރުކާރުން ހަދަން ނިންމައިފައި އޮތް މާލޭޕޯޓު ބަދަލުކުރާ ބަދަރު ގުޅިފަޅަށްބަދަލުކޮށް ކުރިއަށްގެންދާތީ މާލޭ ރައްޔަތުން ރުޅިގަދަވެފައިވަނީ. ނަމަވެސް ވެރިކަމަށް އަންނަން ދައްކާވާހަކަތަކީ ވޯޓުހޯދަން ކުރާ ވަޢުދުކަމުގއި ދެކޭބަޔަކަށް ވާނީވެސް އެހެނެވެ. ދެން އެމްޑީޕީ މާލޭ ކުދިންކޮޅު ރުޅިގަދަވިޔަސް އެކަމެއް ބަދަލެއްނުވާނޭ އަނެއް ޓީމުން އެބަ ވިދާޅުވެޔޯ! ދެން ބަލަން ތިބެމާހިނގާށެވެ. ޕޯޓުހެދުމަށް އިންޑިއާމީހުން އެވަނީ ފައިސާވެސް ދީފަޔޯ. އެތަނުގެ ކޮންޓުރެކްޓުވެސް ދޭންޖެހެނީ އިންޑާ ބޭނުން ބަޔަކަށްށޯ. ދެން ވާނީވެސް އެހެންތާއެވެ. ފައިސާ ދޭބައެއް ބުނާގޮތަށް ކުރިގެންދިޔައިމާ އެތަން ހެދޭނީވެސް. މުޅިން ގޯހެއްނޫން!

  2. ބޭރު ގައުމުތަކުގެ އެހީގައި ކަންތައް ކުުރުމަކީ ގޯހެއްނޫނެވެ. އެކަމަކު ދިވެހިރާއްޖެއަކީވެސް އާބާދީގެ ނިސްބަތުން ރަނގަޅުއާމްދަނީއެއްލިބޭ ގައުމެކޭ ބުނާތީ މިކަހަލަ ކަންތަކަށް ޚަރަދުކުރާނެ ފައިސާ ކޮންމެވެސްވަަކަށްް ދުުރުވިސްނުމެއްގެ ތެރޭން ރައްކާކުރެވިފައި ހުންނަން ޖެހޭނެއެވެ. މިގައުމަށް ލިބޭފައިސާގެ ތެރޭން އެކިއެކިބޭފުޅުން އަމިއްލަބޭނުމަށް ނަގާފައިސާ އަށްވާގޮތެއްވެސް ބެލޭތަނެއްނުފެނެއެވެ. ވަރަށް ބާރަށް އެވާހަކަތައް ދައްކަން ފަށާ ނެއެވެ. މިހާތަނަށް ސަރުކާރުގެ އިސްމަގާމެއް ފުރުއްވި ބޭފުޅަކު ނަހަމަގޮތުގައި ދައުލަތު ފައިސާބޭނުންކޮށްގެން ބޮޑު ޝަރުޢީ ހުކުމެއް އައިސްފައިވަނީ އެންމެފަހަަރަކުއޭވެސް ބުނެވިދާނެއެވެ. ބައެއްމީހުން ދެކޭގޮތުގައި އެއީވެސް ސިޔާސީ ހިމޭންކޮށްލުމެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް