ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރައީސް ޔާމީން ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަންސްއަށް ހުށަހެޅުއްވުމުން ބަލައިނުގަންނަން އެ ކޮމިޝަނުން ނިންމި އެއް ސަބަބަކީ ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީއެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހުންގެ ކިބައިިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރެއިން އެއް ޝަރުތަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވުން ކަމަށެވެ.
ކެންޑިޑެސީ ބަލައިނުގަންނަން ނިންމި އަނެއް ސަބަބަކީ ޖަލު ހުކުމާއެކު ދައުލަތަށް ދައްކަންޖެހޭ 5 މިލިއަން ޑޮލަރު ނުދައްކަވައި އޮތުމުން އެއީ ސާބިތު ދަރަންޏެއް ނުދައްކަވައި އޮތުން ކަމަށް ބަލައިފައެވެ.
ސްޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނީ ޔާމީންގެ ކުށުގެ ރެކޯޑް ފޯމުތަކަށް ބެލުމުން އެމަނިކުފާނުގެ މައްޗަށް ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ އީސީން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމީ ރަނގަަޅަށް ކަމަށެވެ. އަދި ކެންޑިޑެސީ ހުށަހެޅުއްވިއިރު ސާބިތު ދަރަންޏެއް އޮތުމުން ޝަރުތު ފުރިހަމަނުވާ ކަމަށް އީސީން ނިންމީ ރަނގަޅަށް ކަމަށާއި ހައިކޯޓުން މި މައްސަލާގައި ގޮތެއް ނުނިންމާ އޮތުމަކީ ފައިސާ ނުދައްކަންވީ ސަބަބެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
3 Responses
އެއީހަމަސޯލިހުގެ. ބާރުގަދަކަން މުއަށްސަސާތަކަން
އަލްޙަމްދުﷲ މިއަދަކީ ދިވެހި ރާއްޖެއަށް އުފާވެރި ދުވަހެކެވެ. އަނިޔާވެރިއެއްގެ ކިބައިން މިގައުމު ސަލާމަތްވި ދުވަހެކެވެ.
ވަރަށް ދެރައެވެ. ގާނޫނީ އެތަކެއް ބޭފުޅުން އަރިހުގައި ތިއްބަވައިގެން ގާނޫނަކީ ތިމާމެން ތަބާވާން ޖެހޭ އެއްޗެއް ނޫންކަމަށް ދެންނެވި ދެންނެވުން ގަބޫލުފުޅު ކުރެއްވުމުން މިއަދު މި ނުކުތީ އޭގެ ނަތީޖާ އެވެ. އެކުވެރީން ކަމުގައި އިޚްލާޞްތެރީން ޚިޔާރު ކުރުމަށް އިސްލާމްދީން އަންގަވަނީ މިހެންވްއެވެ. އަޑުގަދަ މީހުންނަކީ، އިޚްލާޞްތެރީންނެއް ނޫނެވެ.