ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެސީ މައްސަލައިގެ ހުކުމް ކުރުން މާދަމާ ބާއްވަން ސްޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާއަކީ, ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހެއް ކަމުގައިވާންޖެހޭ ކަމަށެވެ.
ނަމަވެސް ރައީސް ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އެހެންކަމުން އެމަނިކުފާނުގެ ކިބައިގައި ޝަރުތު ފުރިހަމަނުވާ ކަމަށް ބަލައި އީސީން ނިންމީ ކެންޑިޑެސީ ބަލައިނުގަތުމަށެވެ.
ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ސްޕްރީމް ކޯޓުގައި އިއްޔެ ހަވީރު ފަށާފައިވާއިރު އެ މައްސަލާގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލައިފައެވެ.
ޔާމީންގެ ގާނޫނީ ޓީމުގެ ވަކީލަކު މައުލޫމާތު ދެއްވި ގޮތުގައި މައްސަލާގެ ހުކުމް އިއްވުމުގެ މަޖިލިސް މާދަމާ މެންދުރުފަހު 15:00 އަށް ވަނީ ތާވަލުކޮށްފައެވެ.
ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި އެމަނިކުފާނުގެ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އެމަނިކުފާނާ އެއްކޮޅަށް މައްސަލަ ނިމިއްޖެ ހިނދެއްގައ އިންތިޚާބުގައި ވާދަކުރެއްވުމަށް އީސީން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖައްސައިދޭން އެންގުމަށާއި އަލުން ކެންޑިޑެސީ ހުށަހެޅުމަށް ފުރުސަތު ދިނުމަށެވެ. އަދި ކެންޑިޑެސީ ހުށަނޭޅުއްވޭ ހާލަތެއްގައި ޕީޕީއެމްއަށް ކެންޑިޑެސީ ހުށަހެޅުމަށް ފުރުސަތު ދިނުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.