ސުޕްރީމްކޯޓުގެ ފަނޑިޔާރަކު ކޮންގްރެސްއަށް މެދު އިނގިލި ދައްކައިފި

Loading

Facebook
Twitter
WhatsApp


އެމެރިކާގެ ސުޕްރީމްކޯޓުން ޝަރުޢީ ޢަދުލް އިންސާފުގެ ހަމަހަމަކަން ނެތިގެން ދިއުމުގެ ސަބަބުން ފަނޑިޔާރުންގެ ކޯޑް އޮފް ކޮންޑަކްޓެއް ވުޖޫދަށްނެރެ ތަންފީޒުކުރުމުގެ ވަގުތު ޖެހުއްޖެކަމުގެ ބަހުސް ކުރެވެމުންދާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ.

އެހެންނަމަވެސް މިމައްސަލާގައި ވޯލްސްޓްރީޓް ޖާރނަލްއަށް ވާހަކަދައްކަވަމުން ސުޕްރީމްކޯޓުގެ ފަނޑިޔާރު ސެމުއަލް އަލިޓޯ ވަނީ ކޮންގްރެސްއަށް ފާޑުވިދާޅުވެ މެދު އިނގިލި ދައްކަވާފައެވެ. ފަނޑިޔާރު ވިދާޅުވިގޮތުގައި އެމެރިކާގެ ސުޕްރީމްކޯޓަކީ ކޮންގްރެސްގެ އުފެއްދުމެއް ނޫނެވެ. އަދި ހަމަ އެފަދައިން ގާނޫނު އަސާސީގެ އެއްވެސް މާއްދައަކުން ސުޕްރީމްކޯޓުގެ އިޙްތިސާސްގެ ތެރެއަށް ކޮންގްރެސްއިން އަތްބޭނުމުގެ ފުރުސަތު ދީފައެއް ނެތެވެ.  

މިދެއްކެނީ ކޮން ވާހަކައެއްކަން އަހަރެންނަށް އެނގެއެވެ. އަދި އެހެންފަނޑިޔާރުންގެ ވިސްނުން ހުރިގޮތަކާއި ދޭތެރޭ އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫނެވެ. ފަނޑިޔާރުގެ މިވާހަކަތަކަކީ ކޮންގްރެސްއިން އަޑުއަހަން ބޭނުންވި ވާހަކަތަކެއް ނޫނެވެ. އަދި އެވާހަކަތަކަށް ރައްދުދެމުން ކޮންގްރެސްގެ 2 މެމްބަރަކު ވަނީ ކޮންގްރެސްއިން ސުޕްރީމްކޯޓުގެ ޙަރަކާތްތަކަށް ފާރަލުމާއި ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އިސްލާޙް ކުރުމުގެ ފުރުސަތު ވަރަށް ފުރިހަމައަށް ގާނޫނު އަސާސީން ކޮންގްރެސް އަށް ލިބިދީފައިވާކަން ފަނޑިޔާރަށް ހަނދާން ކޮށްދީފައެވެ.

އެބޭފުޅުން ވިދާޅުވެފައި ވެއެވެ. “ އިއްޒަތްތެރި ފަނޑިޔާރު ތިޔަމަގާމަށް ހަމަޖައްސާފައި ވަނީވެސް ކޮންގްރެސް އިންކަން ހަނދާން ނައްތާ ނުލައްވާށެވެ. ކޮންގްރެސްއަށް ފެނިއްޖެހިދެއްގައި ފަނޑިޔާރުންގެ މައްސަލަތައް ބަލައި މަގާމުން ވަކިކުރަން ޖެހިއްޖެނަމަ އެކަންކުރުމުގެބާރުވެސް ވަނީ ލިބިދީފައެވެ.

ހަމައެކަކަށްވެސް ގާނޫނަށްވުރެން މަތީގައި ނުހުރެވޭނެއެވެ. މާޒީގައިވެސް ފަނޑިޔާރުން ފާލުން ނެއްޓިގެންދިޔަ ކޮންމެ ފަހަރަކު ކޮންގްރެސްއިން އޮންނާނީ އެ ފަނޑިޔާރުން ސައިޒް ކޮށްފައެވެ. ކުރިއަށް އޮތްތަނުގައިވެސް އެކަން ހިނގަމުންދާނީ އެގޮތުގެ މަތިންކަން ހަނދާނުން ފޮހެވިގެން ދިޔަ ނުދޭށެވެ ”. ފަނޑިޔާރު ތޯމަސްއަށް ޖީ އޯ ޕީގެ ބިލިއަނަރ ޕޯލް ސިންގަރ ދީފައިވާ އަގުބޮޑު މަސްދަތުރެއްގެ މައްސަލަވެސް މިހާރު އޮތީ ފަޅާއަރާފައެވެ. އެކަމާ ގުޅިގެން ބިލިއަނަރ ސިންގަރ ބުނެފައިވަނީ ސްކޯޓަސް އަށް ހުށައަޅާފައިވާ މައްސަލަތަކާބެހޭ އެއްވެސް ވާހަކައެއް މަސްދަތުރުތަކުގައި އަހަރެމެން ދައްކާފައި ނުވާނެ ކަމަށެވެ.                                

ސްކޯޓަސް ( ސުޕްރީމްކޯޓު އޮފް ޔުނައިޓެޑް ސްޓޭޓްސް ) ގެ ދެން އޮންނަ ޓާރމުގައި ޓެކްސްއާބެހޭ މައްސަލައެއް ހުށައަޅަން ފަނޑިޔާރު އެލިޓޯއަށް އިންޓަރވިޔު ކުރި ޑޭވިޑް ބީ ރިކްވިން ވަނީ ގަސްދު   ކޮށްފައެވެ. މަޢުލޫމާތު ހޯދަން އިންސައިޑަރުން ދަންނަވާފައިވާނަމަވެސް މިހާތަނަށް ސްކޯޓަސް އިން ވަކި ޖަވާބެއް ނުދެއްވައެވެ.                                                      

އެމެރިކާގެ ރިޕަބްލިކަން ޕާރޓީ ( ޖީ އޯ ޕީ ) އަށް އެންމެ ގިނައިން އެހީތެރިވެދެއްވާ ހާރލޯން ކްރޯ އާއި ސްކޯޓަސްގެ ފަނޑިޔާރު ކްލިއަރެންސް ތޯމަސް ގެ ސިއްރު ޗުއްޓީދަތުރެއްގެ މައްސަލާގައިފަނޑިޔާރު ތޯމަސްއަށް ހަދިޔާދިންކަމުގެ އިނގިލި މިހާރު ވަނީ ދިއްކުރެވިފައެވެ. އަދި ފަނޑިޔާރު ތޯމަސްގެ މަންމަގެ ގެ ގަތުމަށްފަހު އެއްވެސް ކުއްޔަކާ ނުލައި ހަމަ އެގޭގައި ދިރިއުޅެމުން ގެނދިއުމުގެ ފުރުސަތު ދީފައިވާ ކަންވެސް ވަނީ ހާމަވެފައެވެ.

ބަދަލެއްގެގޮތުން ފަނޑިޔާރުގެ ކިބައިން ކްރޯ އެދިފައިވަނީ އޭނާގެ މާލިއްޔަތާއި ބެހޭގޮތުން ސްކޯޓަސް އަށް ހުށައަޅާފައިވާ މައްސަލަ މަޑުޖައްސާލުމަށެވެ. ޑަލާސްގެ މޯރނިންގ ނިއުސްގައި މި ޚަބަރުތައް ގެނެސްދީފައިވާ މައްސަލާގައި ފަނޑިޔާރުގެ ޖަވާބަކީ އެއީ ސިޔާސީގޮތުން އޭނާގެ އަބުރު ކަތިލަން ހިންގޭ ކަންތަކެއް ކަމަށެވެ.                                                      

ސްކޯޓަސްގެ ފަނޑިޔާރުންނާއި ގުޅުންހުރި ކޮރަޕްޝަނަށް ތުޙުމަތު ކުރެވޭ މައްސަލަތައް ފަނޑިޔާރުންގެ ކޮމިޓީއަކުންނާއި އަދި ޑިމޮކްރެޓުންގެ ސެނޭޓުންވެސް ގެންދަނީ ތަޙްގީގު ކުރަމުންނެވެ.     

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް