ޗައިނާގެ ހައިސްޕީޑްރޭލުގެ ދުވެލި މަތިންދާބޯޓުގެ ދުވެއްޔަށްވުރެން ބާރު

Loading

Facebook
Twitter
WhatsApp


ތިމާ ދާންބޭނުންވާ މަންޒިލަށް މަތިންދާބޯޓަށްވުރެން އަވަހަށް ރޭލެއްގައި ދެވިދާނެކަމަށް ހީކުރި ދުވަސް ޗައިނާއިން މާޒީގެ ތެރެއަށް ފޮނުވާލައިފިއެވެ. ޗައިނާއިން އަލަށް އުފެއްދި ހައި ސްޕީޑް ރޭލުގެ ޓެސްޓް ދަތުރުގައި ދަތުރުކޮށްފައިވަނީ ގަޑިއަކު 281 މޭލުގެ ބާރު މިނުގައެވެ. އެއީ މިހާތަނަށް ދުނިޔޭގެ ރެކޯރޑެވެ. 

އިންޖިނޭރުން އަންދާޒާ ކުރާގޮތުގައި ރޭލުގެ ހުރިހާ މަސައްކަތެއްނިމި މެގަލެވް ރޭލުގައި އާންމު ދަތުރުތައް ކުރަންފެށޭއިރު އޭގެ ދުވެލި ހުންނާނީ ގަޑިއަކު 621 މޭލުގައެވެ. އެއީ ކޮމާރޝަލް ފްލައިޓްތަކުގެ ޢާންމު ދުވެލި ކަމުގައި ބެލެވޭ 545 މޭލަށްވުރެން ގާތްގަނޑަކަށް 75 މޭލުގެ ތަފާތު ބާރު ދުވެއްޔެކެވެ. 

މެގަލެވް ރޭލުން ފްރިކްޝަން ނައްތާލުމަށާއި އަޑުގެ ސަބަބުން އުފެދޭ ޕޮލިއުޝަން ނައްތާލައި ބާރު ސްޕީޑުގައި ދަތުރުކުރަން ބޭނުންކުރާނީ މެގްނެޓިކް ލެވިޓޭޝަންގެ ވަސީލަތް ކަމުގައި ހާމަކޮށްފައި ވެއެވެ. މިނިޒާމު ބޭނުންކުރެވޭނީ ލޯ ވެކިއުމް ޕައިޕްލައިނެއްގެ ތެރޭގައިއުފައްދާ ސުޕަރކޮންޑަކްޓިން މެގްނެޓިކް ފީލްޑެއް ބޭނުންކޮށްގެންނެވެ.  

ސުޕަރކޮންޑަކްޓިން މެގްނެޓަކީ މެގްނެޓިކް ފީލްޑްގެ ބާރުގަދަކުރުމުގެ ގޮތުން ވަރަށްގަދަޔަށް ފިނިކޮށްފައިވާ އިލެކްޓްރޯ މެގްނެޓަށް ދީފއިވާ ނަމެކެވެ.  ރޭލުގެ ބޭރުގައި ހުންނަ ސުޕަރކޮންޑަކްޓިންގ މެގްނެޓް ކުރިން އިޝާރާތްކުރި ލޯ ވޭކިއުމް ޕައިޕްލައިންގައި ހަރުކޮށްފައިވާ މެޓަލްގައި ޖެހުމުން ރޭލު ބާރަށް ކުރިއަށް ކޮށްޕުމަށް ރޭލުދަނގަޑާއި ރޭލާދެމެދު ވައިގެ އޮމާން ފަށަލައެއް އުފައްދާނެއެވެ.

ޗައިނާގައި މިހާރުވެސް މެގަލެވް މަރުކާގެ އެއް ރޭލު ބޭނުންކުރަމުން ގެންދެއެވެ. އެ ރޭލުގެ ދަތުރުތައް ހަމަޖެހިފައި އޮންނަނީ ހަމައެކަނި ޝަންގހާއީން ފެށިގެން ލޯންގްޔާންގް ރޯޑުގެ ސިޓީ ސެންޓަރުންލާފާއި ޕުޑޯންގް އެއަރޕޯރޓަށެވެ. 19 މޭލުގެ މިދަތުރަށް ނަގަނީ އެންމެ 7 މިނިޓެވެ.

ޗައިނާގެ މަގްސަދަކީ މެގަލެވްގެ ދަތުރުތައް މުޅިގައުމަށް ފުޅާކުރުމެވެ. މިއީ 2025 އަށް އަމާޒުކުރެވިފައިވާ ޗައިނާ ރެއިލްވޭ ޓެކްނޯލޮޖީ 450 ގެ ލަނޑުދަނޑިއެވެ. ސީއާރ 450 ގެ ސަބަބުން ޗައިނާގެ އެތެރޭގެ ދަތުރުތަކަށް ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ. އަދި 2018 ވަނައަހަރު ޖައްވުގެ ވައި ނުސާފުކުރުމުގައި %11 އާއެކު ދެވަނައަށް އޮތް ޗައިނާގެ ހިއްސާވެސް ކުޑަކުރެވިގެން ދާނެއެވެ. 

ޖައްވުގެ ވައި ނުސާފުކުރުމުގެ އެންމެބޮޑު ޙިއްސާއެއް އަދިވެސް އޮތީ އެމެރިކާގެ ބޮލުގައި އެޅިފައެވެ.                                              

މެގަލެވް ރޭލުން ޖައުވުގެ ވައި ނުސާފުކުރާނެ އެއްވެސް މާއްދާއެއް ނުއުފައްދާނެއެވެ. އަދި އެ ރޭލުގެ ދަށުން ޖަނަވާރު ހިނގާބިނގާވެ އުޅުމަކަށް ދައްޗެއްވެސް ނުފޯރާނެއެވެ. އަދި އާންމު ރޭލްވޭ ޓްރެކް އެޅުމަށްޓަކައި ފަރުބަދަތަކުގެ ތެރޭންލާފާ މަގުހެދުންކަހަލަ އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. މި ރޭލްވޭގެ ނިޒާމު ހިނގަމުންދާނީ ކުރިން އިޝާރާތްކުރި ލޯ ވެކިއުމް ޕައިޕްލައިން ތެރޭގައެވެ.                          

މިނިޒާމު ގިނަބައެއްގެ ވިސްނުމަށް ދެނެގަންނަންވެސް އަދި ދުވަސް ނަގާނެއެވެ.މިނިޒާމުން ދިވެހީންނަށް ބްރިޖެއް އަޅާދޭނެނަމަ ކިހާރަނގަޅުވާނެ ހެއްޔެވެ؟                              

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް