ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމި މައްސަލާގައި ޖަވާބުދާރީވުމަށް ސްޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް މިއަދު އަންގައިފިއެވެ.
11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އީސީއަށް އިއްޔެ ހުށަހެޅުމުން އެ ކޮމިޝަނުން ނިންމީ ޝަރުތު ހަމަނުވާ ކަމަށް ބަލައި ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތުމަށެވެ.
އެ ނިންމުން ނިންމާފައިވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށެވެ.
އެ އަކުރުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވުން ހިމެނޭ ކަމަށެވެ.
ކެންޑިޑެސީ ބަލައިނުގަތުމުން ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ މިއަދު ފަތިހުއެވެ.
ސްޕްރީމް ކޯޓުން މިއަދު ވަނީ އެ މައްސަލަ ބަލައިގަނެފައެވެ. އަދި މާދަމާ ލިޔުމުން ޖަވާބު ހުށަހެޅުމަށް އެ ކޯޓުން އީސީއަށް މިހާރު ވަނީ އަންގާފައެވެ.