އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ދުވަސް ވެގެންދާނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ފަހު ދުވަހަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދިި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ ރޫހީ ލީޑަރު ރައީސް ނަޝީދު މިހެން ވިދާޅުވީ އެ ޕާޓީގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.
ނަޝީދުގެ އެދިވަޑައިގަތީ ޑިމޮކްރެޓްސްގެ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށެވެ.
ބައިބައިވެއްޖެނަމަ ވަރަށް ފަސޭހައިން ރައީސް ޞާލިޙް އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާ ތަން ފެނިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑު އެދެނީ ތިޔަ އެންމެހާ ފަރާތްތަކުގެ އެއްބާރުލުމަށް. ބައިބައިވެއްޖެނަމަ އަޅުގަނޑަށް ފެންނަނީ މާ ފަސޭހަކޮށް ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ނަގާަތަން. ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކާމިޔާބު ކުރާ ދުވަސް ވެގެންދާނީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގެ އެންމެ ފަހު ދުވަހަށް. ވިސްނާނީ ތިބޭފުޅުން.“
ޑިމޮކްރެޓްސްއަކީ އެމްޑީޕީ ދެބައިވެ އުފެދުނު ޕާޓީއެކެވެ. އެ ޕާޓީން އަންނަ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓެއްގެ ގޮތުގައި ނެރެފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިިލްޔާސް ލަބީބެވެ ނަމަވެސް އިލްޔާސާމެދު ޕާޓީގެ ބައެއް އިސް ބޭފުޅުން ހިތްހަމަޖެހިނުލައްވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭގެތެރެއިން އެއް ބޭފުޅަކީ އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރެވެ.
ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކަށް އިލްޔާސް ހަމަޖެއްސި ފަހުން އެ ޕާޓީގެ ހަރަކާތްތަކުން އަމްރު ފެންނަނީ ވެސް ވަރަށް މަދުންނެވެ.