މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެންސީ ފޯމު މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމާ ހަވާލުވެވަޑައިގަތުމަށްފަހު އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ ފޯމާމެދު ގޮތް ނިންމަން އީސީއަށް ގާނޫނުން 48 ގަޑިއިރު ލިބުނު ނަމަވެސް 24 ގަޑިއިރުތެރޭގައި ގޮތެއް ނިންމާނެ ކަމަށާއި މިއަދު ހަވީރު 18:00 ގެ ކުރިން ރައީސް ޔާމީންގެ ފޯމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ކެންޑިޑެންސީ ފޯމާމެދު އިލެކްޝަންސް ކޮމިޝަނުން ނިންމާ ގޮތެއް އަޅުގަނޑުމެން އަންގާނަން.“
ޙަބީބް ވިދާޅުވީ އީސީން ނިންމި ގޮތަކާމެދި ހިތްހަމަނުޖެހޭނަމަ ސްޕްރީމް ކޯޓުގައި ޗެލެންޖް ކުރުމުގެ ގާނޫނީ އިޚުތިޔާރު ކެންޑިޑޭޓަށް ލިބިގެންވާ ކަމަށެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ރައީސް ޔާމީން އިންތިޚާބަށް ވާދަކުރެއްވުމުގެ ޝަރުތެއް ވަނީ އުނިވެފައެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވާން ޖެހެއެވެ.