ޕޮލިޓިކޯއިން ހާމަކުރަމުން ގެންދާގޮތުގައި ހުޅަނގުން ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ހުރި ބާގަނޑުތަކެއްގެ ތެރޭންލާފައި ސިފައިންގެ ފައުޖަތަކަށް ފުދޭވަރަށް ހަނގުރާމައިގެ ހަތިޔާރު ޗައިނާއިން ރަޝިޔާއަށް ފޯރުކޮށްދީފިއެވެ.
އޭގެތެރޭގައި މިއަހަރުގެ މިހާތަނަށް ސަތޭކަ މިލިއަން ޑޮލަރުގެ ޑްރޯންވެސް ހިމެނެއެވެ. މީގެ އިތުރުން 225 މިލިއަން ޑޮލަރުގެ އަގުހުރި އެހެނިހެން ހަތިޔާރުވެސް ވަނީ ފޮނުވާފައެވެ. އަދި މިހާތަނަށް ފޯރުކޮށްދީފައިވާ ގިނައަދަދެއްގެ ހަތިޔާރު ޗައިނާއިން ރަޝިޔާއަށް ފޮނުވި ކަމުގެ ކަސްޓަމްސްގެ ލިއުންތައްވެސް ލިބިފައި އެބަހުރިކަމަށް ޕޮލިޓްކޯއިން ބުނެފައިވެއެވެ. އޭގެތެރޭގައި ހަނގުރާމަމަތީ ރައްކާތެރިކަމުގެ ހެދުންތަކާއި އެހެނިހެން ސާމާނާއި ރޭގަނޑުގެ ވަގުތުތަކުގައި ސިފައިންގެ ޙަރަކާތްތައް ދެނެގަތުމަށް ބޭނުންކުރާ ތާރމަލް އޮޕްޓިކަލް ސައިޓާއިޑްރޯންވެސް ހިމެނެއެވެ.
އެއްބަސްވުމުގައި ވީދާފައިހުރި މި ލޯވަޅުތަކުން ޗައިނާގެ ބައެއް ކުންފުނިތަކުން ރަޝިޔާއަށް ފޮނުވަމުންގެންދާ ތަކެއްޗަކީ މިލިޓްރީންނާއި އާންމުންނަށްވެސް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފާ ހުންނަ އެއްޗެއްސެވެ.
ޕޮލިޓްކޯއިން ހާމަކުރަމުން ގެންދާ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތަކާބެހޭ އެއްބަސް ވުމުގައި މިކަހަލަ ލޯވަޅުތަކެއް އަޅާފައި އެހުރީ ހުޅަނގުން ޗައިނާއާއި ކުރިމަތި ނުލުމުގެ ބަހަނާގައެވެ.
ޗައިނާއިންވެސް ގެންގުޅެނީ އެއްބަސް ނުވުމުގެ ސިޔާސަތެކެވެ. 2022 ވަނައަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމަ ފެށުނީއްސުރެން މިހާތަނަށް ރަޝިޔާއަށް އެއްވެސް ހަތިޔާރެއް ނުވިއްކާކަމަށް ޗައިނާއިން ގެންދަނީ ބުނަމުންނެވެ.
އެއާއި ޚިލާފަށް އެމެރިކާއިން ނާއި ނޭޓޯއިން ވަރަށް ފައުޅުކަން ބޮޑުގޮތެއްގައި ޔޫކުރެއިންއަށް ގެންދަނީ ހުރިހާވައްތަރެއްގެ ހަތިޔާރާއި އެނހީތެރިކަން ފޯރުކޮށް ދެމުންނެވެ.
ޔޫކްރެއިނުން ބުނަމުން ގެންދަނީ މިހާތަނަށް އަތުލާގަނެވުނު ރަޝިޔާގެ ހަތިޔާރުތަކާއި ޑްރޯންތަކުން ޗައިނާގެ އުފެއްދުންތައް ފެންނަމުންދާ ކަމަށެވެ.ޔޫކްރެއިނަކީވެސް ޗައިނާގެ ހަތިޔާރު ވަރަށްގިނައިން ގަންނަ ގައުމެކެވެ. އެހެންނަމަވެސް މިއަހަރުގެ ތެރޭގައި ވަރަށް ގިނަ ވައްތަރުގެ ހަތިޔާރު ޗައިނާއިން ގަތުން ޔޫކްރެއިނުން ވަނީ ހުއްޓާލާފައެވެ.
މިދިޔަ އޭޕްރިލްގައި ވޯޝިންގްޓަން ޕޯސްޓަށް ލިބިފައިވާ އެމެރިކާގެ އިންޓެލިޖެންސް މަޢުލޫމާތަށް ބަލާއިރު އާންމު ބޭނުންތަކަށް ފޮނުވޭ ތަކެތިކަމަށް ލިއެކިއުންތައް ތައްޔާރުކޮށް ރަޝިޔާއަށް ހަނގުރާމައިގެ ހަތިޔާރުފޮނުވޭނެ ގޮތް ވަނީ ޗައިނާއިން ހުއްދަކޮށްފައެވެ.
އެހެންނަމަވެސް މިހާތަނަށް ޗައިނާއިން އެއްވެސް ބާވަތެއްގެ ހަތިޔާރެއް ރަޝިޔާއަށް ފޮނުވާފައިވާކަމުގެ މަޢުލޫމާތު އެމެރިކާއަށް ލިބިފައިނުވާކަމަށް އެމެރިކާއިން ބުނެއެވެ.
ޕޮލިޓްކޯއަށް ލިބިފައިވާ ކަސްޓަމްސްގެ ލިއެކިއުންތަކަށް ބަލާއިރު ޗައިނާއިން ފޮނުވާފައިހުރި ތަކެއްޗަކީ ޝެންގްހާއި އެޗް ވިން ކިޔާ ކުންފުންޏަކުން ތައްޔާރުކޮށްފައިހުރި ވަޒަންނާރާ ވައްތަރުގެ ގަންޖުފަރާހާއި ހެލްމެޓް ކަމުގައި ރަޝިޔާގެ ކަސްޓަމަށް ޑިކްލަރ ކޮށްފައިހުރި ކަން އެނގެއެވެ.
މިހާތަނަށް އަޑުއަހާފައިވާ ބައެއް މޯބައިލ ްފޯންކޯލްތަކުން ރަޝިޔާގެ ލަޝްކަރަށް ކޮންމެހެން ބޭނުންވާ ރައްކާތެރިކަމުގެ ހެދުމާއި ދިފާއަށް ބޭނުންކުރެވިދާނެ ހަތިޔާރުވެސް ލިބެމުން ނުދާކަން ވަނީ ފާހަގަ ކުރެވިފައެވެ.
އަދި ބައެއް ސިފައިން އަތުގައި އޮތީ ހަމައެކަނި ސަލާމަތް ނުވެވިދާނެ ޙާލަތުގައި އަމިއްލަ ހަށިގަނޑު ގޮއްވާލަން ދީފައިއޮތް އަތުބޮމެއް އެކަނިކަމަށް ބުނެއެވެ. މިކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިންނާއި ރައީސް ޕޫޓިންވެސް ވަނީ އެކިފަހަރުމަތިން ނުސީދާ ގޮތެއްގައި އެއްބަސްވެފައެވެ.
ޗައިނާއަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގާ ވަކިފަރާތަކަށް ޖެހެން ބޭނުންނުވާގައުމެކޭ ބުނަމުން ގެންދިޔަނަމަވެސް ރަޝިޔާގެ ތެޔޮ ގަތުމާއި ދެގައުމުގެ ވެރިންގެ ބައްދަލު ކުރެއްވުންތަކާއި ދެ ގައުމު ގުޅިގެން މިލިޓްރީ ތަމްރީނުތައް ހިންގުން ހުއްޓައެއް ނުލައެވެ.
ޖަރުމަނުގެ މާރކޭޓަރ އިންސްޓިޓިއުޓް ފޯރ ޗައިނީޒް ސްޓަޑީސްގެ ތަޖްރިބާކާރު ހެލީނާ ލަގަރްދާ ޕޮލިޓިކޯއަށް ބުނެފައިވަނީ “ ޗައިނާއިން ކިތަންމެވަރަކަށް ވަކިފަރާތަކަށް ނުޖެހޭ ކަމަށް ބުނަމުން ގެންދިޔަސް ޗައިނާއިން ގެންދަނީ ރަޝިޔާއަށް ވަރަށް ބޮޑަށް އެހީތެރިވަމުންނެވެ. “