ސަރުކާރާއެކު ހެދި ކޯލިޝަން އެއްބަސްވުން އޮތީ ރޫޅިފައި: ޖޭޕީ

Loading

Facebook
Twitter
WhatsApp

މި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއާއެކު ހެދި ކޯލިޝަން އޮތީ ރޫޅިފައިކަމަށް އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.

މާމިގިލީ ދާއިރާގެ މެންބަރު އަދި މި އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމަވާފައިވާ ޤާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ޑޮކްޓަރ އަމީން އިބްރާހީމް މިހެން ވިދާޅުވީ ދެވަނަ ދައުރަކަށް ނުކުންނަވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް ޞާލިހުގެ މައްޗަށް ކުރިހޯދުމަށް ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމްއާއެކު ކުރި މަޝްވަރާތަކަށްފަހު މީޑިޔާތަކާ ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ އެހެން ވިދާޅުވިނަމަވެސް ސަރުކާރުގެ ކޯލިޝަނުން ޖޭޕީ ވަކިވިކަން ރަސްމީކޮށް އިއުލާން ކުރައްވާފައެއް ނުވެއެވެ. ޖޭޕީގެ ސްލޮޓްތަކުގައި މިހާރުވެސް މިސަރުކާރުގެ އިސް މަގާމުތަކުގައި ބައެއް ބޭފުޅުން އެބަތިއްބެވިއެވެ.

އެހެން ނަމަވެސް ރިޔާސީ ދެވަނަ ދައުރަކަށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ޖޭޕީ އާއި އެމްއާރުއެމް އަށް ދިން ދައުވަތު އެ ދެ ޕާޓީއިން ވެސް ގަބޫލެއް ނުކުރިއެވެ.

މިސަރުކާރުގެ ކޯލިޝަންގައި ތިބެ ސަރުކާރާ ދެކޮޅަށް ޖޭޕީއިން މަސައްކަތް ކުރާ މައްސަލައިގާ ސުވާލު ކުރުމުން ޑޮކްޓަރ އަމީން ވިދާޅުވީ ކޯލިޝަން ހަދާފައި ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ކަމަށެވެ.

“ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ 2023 ގެ ނޮވެމްބަރ 11 އިން ފެށިގެން އެ ކޮޅަށް މިދާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް. އެހެންވީމާ އަޅުގަނޑުމެން މީގެ ( ސަރުކާރުގެ ކޯލިޝަން) ގެ ތެރޭގައި ތިބެގެންނޭ ކިޔާފައި މާފަހުން އަންނަ ތާރީޚަކަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެ“ އޭނާ ވިދާޅުވިއެވެ.

އެއްބަސްވުމުގައި އެހެން އޮތްއިރު، މިހިސާބަށް އައި އިރު އެއްބަސްވުމެއް އޮތްތޯ ސުވާލު އުފައްދަން ޖެހޭކަމަށް ޑޮކްޓަރ އަމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މިސަރުކާރު ވެރިކަމަށް އައިސް ހަތަރު މަހެއްހާ ދުވަސް ފަހުން 2019 ވަނަ އަހަރުގެ ކުރީކޮޅު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ހަމައިން އެ އެއްބަސްވުން ސަރުކާރުން ވަނީ ރޫޅާލާފައެވެ.

“ އެހެން ވީމާ އެއްވެސް ބަޔަކަށް ކުލެއިމް ކުރެވޭކަށްނެތް، އަޅުގަނޑުމެން (ޖޭޕީ) އެއްބަސް ވުމާ ޚިލާފުވިކަމަށް“އަމީން ވިދާޅުވިއެވެ.

ކޯލިޝަން އެއްބަސްވުން ރޫޅިފައިވާ ކަމަށް ޖޭޕީއިން ބުންޏަސް އެމްއާރުއެމުގެ ރައީސް ފާރިޝް މައުމޫނު ވިދާޅުވީ އެމްއާރުއެމުން ކޯލިޝަން ދަމަހައްޓާނެ ކަމުގައެވެ.

މިދައުރު ނިންމާލާނީ ކޯލިޝަން ޕާޓީތައް އެކުގައި އޮވެގެން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިފަހުންވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް ކުރިމަތިލާއިރު ކޯލިޝަންގެ ބައެއްމީހުން ނެތުމަކީ މައްސަލައެއް ނޫންކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް