ކޮންމެ ދެކޮޅުވެރިކަމަކާއި ހަނގުރާމައަކީ ފަނާކުރުމެކެވެ. ދެކޮޅުވެރިކަމުގައި ނުވަތަ ހަނގުރާމައިގާ ބައިވެރިވާ ކޮންމެފަރާތަކަށްވެސް ތާއީދު ކުރާ ބަޔަކާއި ނަފްރަތު ކުރާ ބަޔަކު ތިބެއެވެ.
ހަމަ އެފަދައިން ކާމިޔާބުކުރުން އެދޭ ބަޔަކާއި ނާކާމިޔާބަށް އެދޭބަޔަކުވެސް ތިބޭނެއެވެ. އޭގެތެރޭގައި މީޑިއާއިން ކުޅޭ ދައުރު ފާހަގަކުރެވޭނެއެވެ. މީޑިއާއިން ވަރަށް ގިނަފަހަރަށް ކުޅެމުން ގެންދާނީ ހަކުރު ދެންޏާ ބޮޑުބޭބެގެ ރޯލެވެ. ޔޫކްރެއިންގެ ހަނގުރާމައިގާވެސް އާންމު ގޮތެއްގައި ގިނަ މީޑިއާތަކުގެ ހާމަކުރުންތައް ހުންނަނީ ޔޫކްރެއިނަށް މޮޅުވާގޮތަށް ބުރަވެފައެވެ.
މިބަލަނީ ވަކިފަރާތަކަށް ބުރަނުވެތިބެ ސަންދާނުގެ ކިއުންތެރިންނަށް ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ އެންމެފަހުގެ ޚަބަރުތައް ދުނިޔޭގައި ތިއްބެވި ފުންނާބު އުސް ސިޔާސީ މުފައްކިރުން ހާމަކުރައްވާފައިވާ ގޮތަށް ގެނެސްދިނުމަށެވެ. ދިވެހީންނާއި ކިތަންމެ ދުރުގާ ހިނގަމުންދާ ހަނގުރާމައެއް ނަމަވެސް އެ ހަނގުރާމައިގެ ގެއްލުމާއި ނުރައްކާ އަޅުގަނޑުމެންނަށް ފޯރާ މިންވަރު ވަކިން ކުޑައެއް ނޫނެވެ.
އަހަރެމެން މިދަނީ ކައުންޓަރ އޮފެންސިވަށް ތައްޔާރު ވަމުންނެވެ. އަހަރެމެން އަތުން އަތުލާގަނެފައިވާ ލުހާންސްކާއި ޑޮނެސްކުގެ ބިންތައް އަނބުރާ އަތުލުމަށްފަހު މިހަނގުރާމް ނިމެން ކައިރި ވެއްޖެއެވެ. ޔޫކްރެއިންގެ ސިފައިންގެ މީހަކު ކިޔާދިނެވެ. މިއީ އެމީހުން އަންގަންބޭނުންވާ ގޮތެވެ.
ނަމަވެސް ރަޝިޔާއިން ހިފާފައިވާ ޔޫކުރެއިންގެ ބިންތައް އަނބުރާ އަތުލުމަށް ހުޅަނގުން ފޯރުކޮށްދިން ހަތިޔާރުގެ ބޭނުން ކޮށްގެން އަނބުރާ އަތުލާނެ ކަމަށް ކުރެވުނު އުންމީދުތަކުގައި ކުލަޖެހެމުން ދާތަނެއް ނުފެނެއެވެ. އަދި އެހާގިނަ ޒަމާނީ ބަރު ހަތިޔާރުތައް ފޯރުކޮށްދީގެންވެސް ހުޅަނގުގެ ބައެއް ލީޑަރުންނަށް އެ ކައުންޓަރ-އޮފެންސިވް ތަކުން އިތުރު ނާއުންމީދުތަކެއް މެނުވީ ލިބެމުންދާތަނެއް ނުވެއެވެ.

ރަޝިޔާގެ ދިފާއު ވަރުގަދަކޮށް ހިފާއްޓަމުން ގެންދާތީ ކައިރި މުސްތަގްބަލެއްގައި ހަނގުރާމަ ނިމިދާނެކަމަކަށް އެބޭފުޅުންނަށް މިހާރު އުންމީދެއްވެސް ނުކުރެވެއެވެ. އޮޅިގެންވެސް އެހެން ބުނާކަށް ބޭނުމެއް ނުވެއެވެ. ނުވެސް ބުނާނެތާއެވެ!
މިދިޔަ ޖޫންމަސް ނިމުމާއި ހަމަޔަށް ދިޔައިރު ޔޫކްރެއިނުން ދެމުން ގެންދިޔަ ކައުންޓަރ-އޮފެންސިވުން ޙާސިލު ކުރެވުނު ނަތީޖާއާ ދޭތެރޭ ހުޅަނގުގެ ލީޑަރުން ހިތްހަމައެއް ނުޖެހުނެވެ.
އެމެރިކާއިންނާއި ހުޅަނގުން ފޯރުކޮށްދިން ހަތިޔާރު ތަކުންނާއި ދެމުން ގެންދިޔަ ތަމްރީނުތަކުން ނިކުތް ރަނގަޅު ނަތީޖާއެއް ނެތެވެ. އޭގެ ބަދަލުގައި ރަޝިޔާގެ ކާ-52 މަރުކާގެ ހެލިކޮޕްޓަރ ތަކުން ގެންދިޔައީ ރަޝިޔާގެ ލަޝްކަރުތައް މަޑުމަޑުން ކުރިއަށްޖެހުމަށް ފުރުސަތު ފަހިކޮށްދެމުން އަދި ޔޫކްރެއިންގެ ލަސްކަރުތައް ފަހަތައް ޖައްސަމުންނެވެ. ނިއުޔޯރކް ޓައިމްސްއިން ބުނެފާވާ ގޮތުގައި ޔޫކްރެއިންގެ ކައުންޓަރ-އޮފެންސިވްގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި އެ ގައުމަށް ލިބިފައިވާ ހަތިޔާރާއި ޓޭންކުތަކުގެ %20 ވަނީ ބޭނުން ނުކުރެވޭވަރަށް ރަޝިޔާއިން ވަނީ ހަލާކު ކޮށްލާފައެވެ.
ހަލާކުކޮށްލެވުނު ޔޫކްރެއިންގެ ކޮންމެ ޓޭންކަކަށް ރަޝިޔާގެ ހަނގުރާމަ ވެރިންނަށް ބޯނަސް އާއި ޝަރަފްގެ ކުލަ ދީފައިވެއެވެ. ހަނގުރާމަ ހިނގަމުންދިޔަ ސަރަޙައްދު ތަކުގައި އެންޓި-ޓޭންކު ހުރަސްތަކާއި މައިންސްތައް ވަޅުލާނެ ވަގުތު މާރަނގަޅަށްވެސް ރަޝިޔާއަށް އޮތީ ލިބިފައެވެ.
މިއީ ވަރަށް އަނިޔާވެރި އަދި އެހާމެ އުނދަގޫ އަގުބޮޑު ހަނގުރާމައެކެވެ. ބެލްޖިއަމްގައި އެމެރިކާގެ ބައިވެރިންނާއެކު ބޭއްވުނު ބައްދަލު ކުރެއްވުން ނިންމާލެއްވުމަށްފަހު ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާކް މެލީ ވިދާޅުވި ބަސްކޮޅަކީ މިއީއެވެ.
ޙަގީގަތުގައި ޔޫކްރެއިނަކީ މިހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި ރަޝިޔާއަށް ކައުންޓަރ-އޮފެންސިވް ޙަމަލާތަކެއް ދެވިދާފަދަ ގައުމެއް ނޫނެވެ. ރަޝިޔާއަކީ ބިޔަ ލަޝްކަރުތަކާއިއެކު އަދި ހަތިޔާރު ހޯދުމުގައި އެހެން ގައުމެއްގެ މައްޗަށް ބަރޯސާ ވާންޖެހޭ ވަރަށްވުރެން އަމިއްލައަށް ފުދުންތެރި ގައުމެކެވެ.
ވޯޝިންގްޓަންގެ ޑިފެންސް ޕްރައިއޮރިޓީސްގެ ފަރާތުން ބެން ފްރައިޑްމަން ޔާހޫ ނިއުސްއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ވަރަށް ފުރިހަމަ އެއަރ ޑިފެންސް ނިޒާމެއްނެތި މިޒަމާނުގެ ޑްރޯން ޓެކްނޯލޮޖީގެ ބޭނުންކޮށްގެން ކުރެވޭ ހަނގުރާމައަށް ވުރެން ދިފާއީ ހަނގުރާމައިން އެއީ ދެބައިކުޅަ އެއްބައި ހަރަކާތްތެރިވާ ލަޝްކަރެއް ނަމަވެސް ކާމިޔާބާ ހަމަޔަށް ދިއުން ފަސޭހަވާނޭ ކަމަށެވެ.
ޫކްރެއިނުން އެމެރިކާގެ އެފް-16 ފައިޓަރ މަތިންދާ ބޯޓު ހޯދަން އާދޭސް ކުރަމުން ގެންދާތާ ކިތަންމެ ދުވަހެކެވެ. އެބޯޓުތައް މިއަހަރުގެ ތެރޭގައި ލިބޭނެކަމަށް އެމެރިކާއިން ބުނެފާ ވެއެވެ.
އެހެންނަމަވެސް ރަޝިޔާއިން އެގައުމުގެ ސާފޭސް ޓު އެއަރ ޑިފެންސް ގެ ވަސީލަތްތައް ތަރައްގީ ކޮށްފައިވާ މިންވަރަށް ބަލާއިރު އެމެރިކާގެ އެފް-16 އަކުން މިހާރު މާބޮޑު ބޭނުމެއް އޮތެކޭ ވެސް ނުބުނެވޭނެއެވެ.
ޔޫކްރެއިންގެ މިލިޓްރީންނަށް ދީފައިވާ ތަމްރީނުތަކަށް ބަލާއިރު ޔޫކްރެއިނަކީ އެއްވަގުތެއްގައި ތަފާތު މިލިޓްރީ ޙަރަކާތްތައް ހިންގުމުގެ ގާބިލުކަން ލިބިފައިވާ ގައުމެއް ނޫންކަމަށްބުނެ އެހެން މިލިޓްރީ ތަޖްރިބާކާރަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ޔޫކްރެއިންގެ ކައުންޓަރ-އޮފެންސިވްތަކުގެ ފުރަތަމަ ދެތިން ހަފުތާގެ ތެރޭގައި ޔޫކްރެއިނަށް ލިމިޓްރީގޮތުން ލިބުނު ގެއްލުންތަކަށްފަހު މިހާރު ޔޫކްރެއިނުން ވަނީ ދުރު ރާސްތާ ހަތިޔާރު ބޭނުން ކުރަންފަށާފައެވެ.
އޭގެ ސަބަބުން ސިފައިންގެ ފައުޖުތަކަށް ލިބޭ ގެއްލުން ވަނީ ކުޑަ ކުރެވިފައެވެ. އެހެނަސް މިކަމުގައިވެސް ފައިދާބޮޑީ ރަޝިޔާއަށެވެ.
ޔޫކްރެއިންގެ ކައުންޓަރ-އޮފެންސިވް ފެށުމާއެކު އަވަސް ނަސްރަކަށް ހުޅަނގުގެ ލީޑަރުން އުންމީދު ކުރަމުން ގެންދިޔައެވެ. ކެތްތެރިކަމާއެކު އެހީ ފޯރުކޮށް ދެވޭނީވެސް ވަކި މުއްދަތަކަށެވެ.
އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ވެރިން ބަދަލުވުމަކީވެސް ޔޫކްރެއިނަށް ފޯރުކޮށްދެވޭ މަދަދާއި އެހީތަކަށް ބަދަލު އަންނާނެ ކަންތަކެވެ. އެހެނީ އެގައުމުތަކުގެ ގިނަ ރައްޔަތުން ހަނގުރާމަޔަކަށް ތާއިދެއް ނުކުރެއެވެ.
ކައުންޓަރ-އޮފެންސިވް ފެށުމުގެ ކުރިން ކުރީގެ ފިލްމީ އެކްޓަރ އަދި މިހާރު ޔޫކްރެއިންގެ ރައީސް ޒެލެންސީ އިލްތިމާސް ކުރައްވާފައިވަނީ މިއީ ފިލްމެއް ނޫންކަމަށާއި ކެތްތެރިވުމަށެވެ.
މިހަނގުރާމަ އެހާ އަވަހަށް ކާމިޔާބާއެކު ނިންމާލެވިދާނެކަމަށް ނުބަލާށެވެ. ޔޫކްރެއިންގެ ނޭޝަލަން ސެކިއުރިޓީ ކައުންސިލްގެ މެމްބަރަކު ވަނަވަރު ހާމަނުކޮށް ޔާހޫ ނިއުސްއަށް ކިޔާދިން ގޮތުގައި ޔޫކްރެއިނުން މިހާރު ފާރަލަމުން މިގެންދަނީ ރަޝިޔާގެ ބަލިފައި ހޯދުމަށެވެ. ހުރިހާ ވަސީލަތަކާއެކު ދިމާކުރާނީ އޭގެފަހުންނެވެ.
ޔޫކްރެއިނުން ހަނގުރާމަ ކާމިޔާބު ނުކުރެވި ދިގުލައިގެންދާ ވަރަކަށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގައި ތިބި އެހީފޯރުކޮށްދިނުމާއި ދެކޮޅު މީހުންނަށް އިތުރު ހިތްވަރު ލިބިގެންދާނެއެވެ.
މިހާތަނަށް ރިޕަބްލިކަނުންނާއި ޑިމޮކްރެޓުންގެ ގިނަބަޔަކުވެސް ތިބީ ޔުކްރެއިނުގެ ދިފާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ވިސްނުމުގައެވެ. އެހެންނަމަވެސް ޔޫކްރެއިނަށް މިފަހަކަށް އައިސް ލިބެމުންދާ ގެއްލުންތަކަށް ބަލާއިރު ތަސައްވުރު ކުރެވެނީ ރަޝިޔާއިން ހިޓްލަރާ ނެޕޯލިއަން ބަލިކުރި ދުވަހެވެ.
އެ ހަނގުރާމަތައް ރަޝިޔާއިން ކާމިޔާބުކުރީ އިގްތިސާދީ ގޮތުންނާއި ހަތިޔާރުގެ ގޮތުންވެސް ފުދުންތެރިކަމެއް ނެތިފައިއޮތްއިރު ރަޝިޔާގެ މިލިޓްރީއާއި ލީޑަރޝިޕްގައި ބިންވަޅު ނެގިފައިއޮތް ކާމިޔާބުކުރުމުގެ ވަރުގަދަ އަޒުމެއްގެ ސަބަބުންނެވެ.
ބައެއް މިލިޓްރީ ތަޖްރިބާކާރުން ވިދާޅުވަމުން ގެންދާގޮތުގައި ޔޫކްރެއިންގެ ކައުންޓަރ-އޮފެންސިވް ތަކުން އެނގިކަށަވަރު ވެގެންދަނީ ރަޝިޔާއިން ހިފާފައިވާ ބިންތަކުން އެމީހުން ބޭލުމަކީ ކުރެވިދާނެ ކަމެއް ނޫންކަމެވެ.
ޑިފެންސް ޕްރައިއޮރިޓީސްގެ ފަރާތުން ފްރައިޑްމަން ޔާހޫ ނިއުސްއަށް ކިޔާދިންގޮތުގައި ޔޫކްރެއިނަށް ހަނގުރާމަ ކާމިޔާބު ނުކުރެވި އެންމެފަހުން މަޝްވަރާގެ މޭޒަށް ދާންޖެހިއްޖެނަމަ އެވާހަކަތައް ފެށުމަކީ ސިޔާސީގޮތުން ފަސޭހަކަމަކަށް ދެން ނުވެދާނެއެވެ.
ޔޫކްރެއިނުން ބޭނުންވާނީ ވާހަކަ ދެއްކުމަށްޓަކައި އެގައުމު ވަރުގަދަ މަގާމެއްގައި އޮތުމަށެވެ. އެކަމަކު ފެންނަމުންދާ ނާކަޔާބުތަކަށް ބަލާއިރު އެކަންވެސް ވުމަށްވުރެން ނުވުން މާކައިރިއެވެ.