އެމެރިކާގެ ވޯޝިންޓަނުގެ ކްލިކިޓަޓް ކައުންޓީގައި ރޯވެފައިވާ އަލިފާނުން ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ތިރީސްހާސް އޭކަރުގެ ބިން އަނދާހުލިވެގެން ހިގައްޖެއެވެ.
އެކަމުން ސަރަޙައްދުގައި ދިރިއުޅޭ މީހުން އެހެން ތަންތަނަށް ހިޖުރަކުރަން މަޖުބޫރު ވެއްޖެކަމަށް ބުނެފިއެވެ. އަލިފާންނިންވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ގެންދާ މީހުން މަޢުލޫމާތު ދެމުން ބުނެފައިވަނީ އަނދަމުންދާ އަލިފާންގަނޑު ހުއްޓުވޭނެ ގޮތެއް އަދި ނުފެންނަ ކަމަށާއި މިއީ މިހާތަނަށް ދިމާވެފައިވާ އަލިފާނުގެ އެންމެ ނުރައްކާތެރި ހާދިސާ ކަމަށެވެ.
ވައިގަދަވަމުންދާއިރު ޖައްވުތެރޭގެ ފިނިހޫނުމިންވެސް ދަނީ ވެއްޓެމުންނެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް ކުރެވެމުންދާއިރު މިހާރުވެސް ގިނައަދަދެއްގެ އިމާރާތްތައް އަނދައި ދަނޑުތަކާއި ގޮވާމާއި ގެރިބަކަރި އާއި ސޯލާރ ވިންޑް ފާރމްތަކާއި އަދި ގުދުރަތީ ގޭސް ހޮޅިތައްވެސް ވަނީ ނުރައްކަލުގެ ތެރެއަށް ހުށަހޮޅިފައެވެ.
ސްޓޭޓް ޑިޕާރޓްމެންޓުގެ ތަރުޖަމާނަކު ވިދާޅުވެފައިވަނީ ރޯވެފައިވާ އަލިފާންގަނޑު ޔަކާމާ އިންޑިއަން ރިޒާރވޭޝަނާ ދިމާލަށްވެސް ފެތުރެމުންދާކަމަށެވެ. އަދި ކޮލަމްބިޔާ ކޯރުގެ އުތުރުންވެސް އަލިފާންގަނޑު ފެތުރެމެން ދާކަމަށެވެ.
މިއަލިފާން ގަނޑު ރޯވެ ފެތުރެން ދިމާވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ. އަދި މިހާތަނަށް އެއްވެސް އިންސާނަކަށް ގެއްލުން ލިބުނުކަންވެސް ހާމަ ކޮށްފައެއް ނެތެވެ.
މިދިޔަ އާދީއްތަދުވަހުން ފެށިގެން އަރިޒޯނާގެ ބައެއް ސަރަޙައްދު ތަކުގައިވެސް އަލިފާން ރޯވެ އަދަމުން ދާތީ އެސަރަޙައްދުގެ މީހުންވެސް ރައްކާތެރި ހިސާބުތަކަށް ދިއުމަށް މިހާރު ވަނީ އަމުރު ނެރެފައެވެ.
ރަސްމީ ފަރާތްތަކުން މިހާރު ގެންދަނީ އެމީހުން އިވެކުއޭޝަން ސެންޓަރެއް ގާއިމް ކޮށްފައިވާ ފަރުބަދަމަތީ ސަލާމަތްކަން ބޮޑެތި ސަރަޙައްދަށް ފޮނުވަމުންނެވެ. ފާއިތުވެގެންދިޔަ ދުވަސްތަކުގައި މިސަރަޙައްދުގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދިއުމަކީ އަލިފާން ރޯވުމަށް މެދުވެރި ސަބަބު ކަމުގައި ބެލެވެއެވެ.
ޔަވަޕާއި ކައުންޓިގައިވެސް ހައެއްކަ ދިމާލުން އަލިފާން ރޯވެ އަނދަމުންދާތީ އެ ސަރަޙައްދުގައި ދިރިއުޅެމުން ގެންދާ މީހުންވެސް ރައްކާތެރި ހިސާބުތަކަށް ދިއުމަށްވެސް ވަނީ އަމުރު ނެރެފައެވެ.
މޫސުމާބެހޭ ރަސްމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ދެކުނު ޓެކްސަސް އާއި ދެކުނު ފްލޮރިޑާގެ ސަރަޙައްދުގައި 44 މިލިއަން މީހުންނަށް މި އާދަޔާ ޚިލާފް ހޫނުގެ މުސީބާތް ވަނީ ކުރިމަތި ވެފައެވެ.