މޮސްކޯ އާއި ލަންޑަނުން ރޮއިޓާރސް ޚަބަރުދީފައިވާ ގޮތުގައި މިދިޔަ ބުރާސްފަތިދުވަހުން ފެށިގެން ޔޫކްރެއިންގެ ބްލެކްސީގެ ބަނދަރުތަކަށް ދަތުރުކުރާ ކޮންމެ އުޅަނދަކާ ދޭތެރޭވެސް ރަޝިޔާއިން ބަލަމުންގެންދާނީ ޔޫކްރެއިނަށް މިލިޓްރީ ހަތިޔާރު އުފުލާދޭ އުޅަނދެއްގެ ގޮތުގައެވެ. ރަޝިޔާގެ މި އިންޒާރު އައިސްފައިމިވަނީ ފާއިތުވެދިޔަ އަހަރެއްހާ ދުވަހު ޔޫކްރެއިންގައި އުފައްދާ ގޮވާމުގެ ބާވަތްތައް ބްލެކްސީ ހުރަސްކޮށް އެކްސްޕޯރޓް ކުރުން ހުއްދަ ކުރުމުގެ އެއްބަސްވުމުން ރަޝިޔާ އެކަހެރިވިތާ ދުވަސްކޮޅެއް ފަހުންނެވެ.
ޔޫކްރެއިނުން އ. ދ. ގެ ބޯޓުފަހަރުގެ ދަތުރުފަތުރާބެހޭ އިދާރާ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގައި އެދެމުން ގެންދަނީ ކޮންމެވެސް ގޮތަކުން އެގައުމުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯރޓް ކުރެވޭނެ ވަގުތީ މަގެއް ނަމަވެސް ބްލެކްސީގެ ތެރެއިން ހުޅުވާ ދިނުމަށެވެ.
ޔޫކްރެއިންގެ މި އެދުމަށް ރައްދުދެމުން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ބްލެކްސީގައި ހިމެނޭ ޔޫކްރެއިންގެ އެއްވެސް ބަނދަރަކަށް ދަތުރުކުރާ ކޮންމެ އުޅަނދަކާދޭތެރޭ ރަޝިޔާއިން ދެން ޢަމަލުކުރާނީ ޔޫކްރެއިނަށް ހަތިޔާރު ގެންގޮސްދޭ އުޅަނދެއްކަމަށާއި އަދި ޔޫކްރެއިން ހަނގުރާމާގައި ރަޝިޔާ އާއި ދެކޮޅު ޔޫކްރެއިންގެ ބައިވެރިއެއްގެ ގޮތުގައެވެ.
އެހެންނަމަވެސް އެފަދަ އުޅަނދުތަކާ ދޭތެރޭ ރަޝިޔާއިން އަޅާނެ ވަކިފިޔަވަޅެއް ހާމައެއް ނުކުރެއެވެ. މީގެ އިތުރުން ބްލެކްސީގެ އިރު ދެކުނާއި ހުޅަނގު އުތުރު ސަރަޙައްދުތަކުން ދަތުރު ކުރުމަކީ މިވަގުތު ރައްކާތެރި ކަމެއް ނޫން ކަމަށްވެސް ތަފްސީލު ހާމަކުރުމަކާއި ނުލައި ރަޝިޔާއިން އިންޒާރު ދީފައިވެއެވެ.
ރަޝިޔާގެ އިންޒާރާ ބެހޭގޮތުން ސުވާލުކުރުމުން އ. ދ. ގެ ސްޕޯކްސްޕާރސަން ސްޓެފަނީ ޑްޖާރިކް ބުނެފައިވަނީ އަހަރެމެން ގޮތެއް ހޯދަން މަސައްކަތްކުރަމުން މިގެންދަނީ ހަނގުރާމައިގެ ޙަރަކާތްތައް ހޫނުކޮށް ހިނގަމުންދާ ސަރަޙައްދަކުން މަގެއް ހޯދުމަށެވެ.
ކުރީ ރެއެއްގައި ރަޝިޔާއިން ދިން ޙަމަލާތަކުގައި ބްލެކްސީގައި އޮންނަ ޔޫކްރެއިންގެ ދެ ބަނދަރެއްގެ އެކްސްޕޯރޓް އިންފްރާސްޓްރަކްޗަރ ހަލާކުކޮށްލާފައިވާތީ އެކަމުގެ ޝަކްވާވެސް ވަނީ ހުށައަޅާފައެވެ. ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ އެ ބަނދަރުތަކުގެ އިންފްރާސްޓްރަކްޗަރ ހަލާކު ކޮށްލިއިރު އެތަނުގައި އެއްމިލިއަންޓަނުގެ ގޮވާން ރައްކާކުރެވިފައި ހުންނާނެއެވެ.
ރަޝިޔާއިން ކުރީގެ އެއްބަސްވުމުން އެކަހެރި ނުވިނަމަ މިހާރު އެތަކެތި ހުންނާނީ އޭޝިޔާ އަދި އެފްރިކާގައިތިބި އެ ތަކެތި ލިބެންޖެހޭ ފަރާތްތަކަށް ފޯރުކޮށްދެވިފައެވެ. އަދި އެތަނުން އެއް ޓަރމިނަލްގައި ޗައިނާއަށް ފޮނުވަން ތައްޔާރު ކޮށްފާ ހުރި ދަނޑުވެރިކަމާބެހޭ 60000 ޓަނުގެ މުދާވެސް ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކާގޯ މުދާ އިންޝުއަރ ކުރާ ކުންފުނިތަކުން ޔޫކްރެއިނުން ބޭރުކުރާ މުދަލާ ބެހޭ އިންޝުރެންސްގެ ކަންތައް ކުރަންވީ ގޮތަކާއި ދޭތެރޭ މިހާރު ގެންދަނީމަޝްވަރާ ކުރަމުންނެވެ. ހަމަ އެއާއެކު ބައެއް އިންޝޫރެންސް ކުންފުނިތަކުން ޔޫކްރެއިންގެ މުދާ އިންޝުއަރ ކޮށްދިނުން ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ. އަދި ބައެއް ކުންފުނިތަކުން ކޮންމެ ޝިޕްމެންޓަކަށް 50 މިލިއަން އެމެރިކާޑޮލަރުގެ އިންޝުއަރެންސް ނަގަން ގެންދަނީ އަންގަމުންނެވެ.
ނޯވޭޖިއަން އިންޝޫރެންސް ގުރޫޕް ޑީ. އެން. ކޭ. އިން މިދިޔަ ބުދަދުވަހު ރޯއިޓާރސްއަށް މަޢުލޫމާތު ދީފައިވަނީ އެ ގުރޫޕުން ޔޫކްރެއިންގެ މުދާ އުފުލުމަށް މިހާރު އިންޝޫރެންސް ކޮށް ދެވެން ނެތް ކަމަށެވެ.
މި މައްސަލާގައި ރައީސް ޕޫޓިން ވިދާޅުވަމުން ގެންދަވަނީ ގޮވާން އެކްސްޕޯރޓް ކުރުމުގެ އެއްބަސްވުމަކީ ހުޅަނގުގެ ފައިދާއަށް އަމާޒުކޮށްގެން ހިންގޭ ވިޔަފާރިއަކަށް ނުހަދައި ރަޝިޔާއިން ކަނޑައަޅާފައިވާ ޝަރުތު ތަކަށް އެއްބަސް ވެއްޖެނަމަ ކޮންމެ ވަގުތެއްގައިވެސް ގޮވާމުގެ ބާވަތްތައް އެކްސްޕޯރޓް ކުރުމުގެ މަގު ފަހިކޮށް ދެއްވާނެ ކަމަށެވެ.
ޔޫކްރެއިންގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯރޓް ކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ޔޫކްރެއިންގެ ގޮވާން ބޭނުންޖެހިފައިވާ ގައުމުތަކާއި ހަމަޔަށް ނުފޯރާ ކަމަށާއި އަދި ރަޝިޔާގައި އުފައްދާ ގޮވާމުގެ ބާވަތްތައް ދުނިޔޭގެ ބާޒާރަށް ނެރުމަށް ހުޅަނގުން މަގު ބަންދުކުރަން މަސަކަތް ކުރާކަމަށް ރަޝިޔާއިން ޝަކުވާކޮށްފައިވެއެވެ.
އެކަމަކު އ. ދ. އިން ބުނަމުންގެންދަނީ ޔޫކްރެއިންގެ ގޮވާމުގެ ބާވަތްތަކާއި ސަންފްލާވަރ ތެލާއި ގަސްކާނާގެ ބާވަތްތައް މިނިވަންކަމާއެކު އެކްސްޕޯރޓް ކުރަން ރަޝިޔާއިން އެހީތެރިވެ ނުދިންނަމަވެސް ޔޫކްރެއިންގެ މުދާ އެކްސްޕޯރޓް ކުރަން ފެށުމުގެ ސަބަބުން ދުނިޔޭގައި ކާބޯތަކެތީގެ އަގު 20% އަށް ދަށްކުރެވިފައިވާ ކަމަށެވެ.
ދުނިޔޭގައި ގޮވާމުގެ ބާވަތްތައް އެންމެ ގިނައިން އުފައްދަނީ ރަޝިޔާއާއި ޔޫކްރެއިން ގައެވެ. ރަޝިޔާއާއި ޔޫކްރެއިން އުފެއްދުންތައް ދުނިޔޭބާޒާރަށް އެއްވެސް ހިފޭއްޓުމެއްނެތި ނެރެވޭނެ މަގު ފަހިކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް އ. ދ. އާންމު ސެކްރެޓަރީ އެންޓޯނިއޯ ގަޓަރެސް ވިދާޅުވިއެވެ.

އެންމެފަހުގެ ޚަބަރުތަކުން އެނގޭ ގޮތުގައި ޔޫކްރެއިންގެ މުދާ ބްލެކްސީގެ މަގުން ދުނިޔޭގެ ބާޒާރަށް ނެރެން އ. ދ. އިން ބޭނުންވާނަމަ އެއްބަސްވެފައިވާ ގޮތުގެމަތިން ތިންމަސްދުވަހުގެތެރޭގައި ރަޝިޔާގެ ދަނޑުވެރިކަމާބެހޭ އުފެއްދުންތައް އެކްސްޕޯރޓް ކުރުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭނެއެވެ.
ރަޝިޔާއިން އ. ދ. އަށް އަންގާފައިވަނީ ރަޝިޔާގެ ދަނޑުވެރިކަމާބެހޭ އުފެއްދުންތައް އެކްސްޕޯރްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އ. ދ. އިން ވެފައިވާ ވަޢުދު ނުފުއްދާ އޮތުމުގެ ސަބަބުން ޔޫކްރެއިންގެ އެއްވެސް މުދަލެއް ތިންމަސްދުވަސް ފަހުން ބްލެކްސީ ތެރެއިންލާފާ އެކްސްޕޯރޓް ނުކުރެވޭނެ ކަމަށެވެ.
ޔޫކްރެއިންގެ މުދާ ބްލެކްސީގެ ތެރެއިން އެކްސްޕޯރޓް ކުރުމުގެ ފުރުސަތު ދިނުމަށް އ. ދ. އާއި ރަޝިޔާ އާއިދެމެދު ކުރެވުނެ އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގައި ހިމެނޭ ދެފަރާތުން ކުރެން ފަރާތަކުން އެއްބަސްވުމުން ވަކިވާން ބޭނުން ވެއްޖެ ހިނދެއްގައި 3 މަސްދުވަހުގެ މުހުލަތެއް ދޭން ޖެހޭނެއެވެ.
ރަޝިޔާއިން ބުނެފައިވަނީ މިހާރު އެއޮތީ ތިންމަސްދުވަހުގެ މުހުލަތު ދީފައެވެ. ދެން ހަދަންވީގޮތަކީ އ. ދ. ގެ މައިކްރޯފޯން ތައް ކައިރިއަށްގޮސް ބަހުސު ކުރަންވީކީ ނޫނެވެ. ވަގުތުގެ ބޭނުން ހިފައިގެން ރަޝިޔާއިން ހުށައަޅާފައިވާ ގޮތަށް ރަޝިޔާގެ މުދާ އެކްސް ޕޯރޓްކުރެވޭނެ އިންތިޒާމް ހަމަޖައްސާ ނިންމަންވީއެވެ. އޭރުން އެކަމަށް ވަގުތީ ޙައްލެއް ލިބުނީ ކަމަށެވެ.
One Response
އެމެރިކާ ބޭނުންހާގޮތަކަށް ހުރިހާ ކަމެއް ނުކުރެވޭނެ އެމެރިކާއަކީ ފާޅުގައި މުޅި ދުނިޔެ ހަލާކު ކުރާ ޓެރަރިސްޓުން