މަރާލާނެކަމަށް ބިރު ދައްކައި، އިންޑިއާގައި ދެ އަންހެނަކު ބަރަހަނާކޮށް ގަން ހިންގައިފި

Loading

Facebook
Twitter
WhatsApp

އިންޑިއާގެ މަނީޕުރް އަވަށުގައި ދެ އަންހެނަކަށް މަރުގެ ބިރުދައްކައި، ބަރަހަނާކޮށް، މަގުމަތީގައި ހިންގުވާ މަންޒަރުތަކެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފިއެވެ.

ޒުވާން ފިރިހެނުންތަކެއް އަންހެނުންނާއެކު ހިނގާ މަންޒަރު ފެންނަ މި ވީޑިއޯގައި، ފިރިހެނުންތަކެއް ސިހިފައި ތިބި ދެއަންހެނުން ދަމައި ވަލުތެރެއަށް ވައްދާ މަންޒަރުވެސް ފެނެއެވެ.

ފުރައްސާރަ ރައްދުވި އަންހެނުންގެ ތެރެއިން މީހަކު ކިޔައިދިން ގޮތުގައި، ކައިރި އަވަށެއްގައި ހުންނަ އެމީހުންގެ ގެތައް ބަޔަކު އަންދާ ޚަބަރު ލިބިމުން އެހިސާބުގައި ދިރިއުޅުނު އެހެން އާއިލާތަކާއެކު އޭނާގެ އާއިލާވެސް ފިލީއެވެ. އެހެންނަމަވެސް، މާރާމާރީ ހިންގަމުންދިޔަ މި ގްރޫޕުން އެމީހުން އަތުލައިގަތީއެވެ. އޭނާ ކިޔައިދިން ގޮތުގައި އަވަށްޓެރިއަކާއި އޭނާގެ ފިރިހެން ދަރިފުޅު ދުރަށް ގެންގޮސް މަރާލުމަށްފަހު، އަންހެނުންނަށް ފުރައްސާރަކޮށް ޖިންސީ އަނިޔާކުރަން ފެށިކަމަށެވެ. މިގޮތުން، ބަރަހަނާވުމަށް މަޖުބޫރުކުރުވިކަމަށް އޭނާ ބުންޏެވެ.

ކުށްވެރިންގެ ކިބައިން އެގައުމުގެ އަންހެނުންނަށް ލިއްބައިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ ސަރުކާރުން ނުކުޅެދިފައިވާތީ އެކަމާއިމެދު ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާ ޖަމާއަތްތަކުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރެއެވެ.

އިންޑިއާގެ ސަރުކާރުން އެގައުމުގެ އަންހެނުން ރައްކާތެރިކުރުމަށް ނުކުޅެދިފައިވާ މައްސަލާގައި ”ފުރަތަމަ އިންޑިއާ“ ސިޔާސަތެއް ގެންގުޅޭ ދިވެހިރާއްޖެއިން ސުވާލު އުފައްދައި ނުރުހުން ފާޅުކޮށްފައެއް ނުވެއެވެ. ދިވެހި ސަރުކާރުގެ މި ސިޔާސަތުގެ ދަށުން އަދިވެސް އިންޑިއާގެ އަންހެނުންނާއި ދެކޮޅަށް ހިންގާ ޖިންސީ ކުށްތަކާއި ދެވޭ ޖިންސީ ގޯނާގެ މައްސަލަތަކަށް ރިއާޔަތްކޮށްފައިނުވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް