ރިޔާސީ އިންތިޚާބުގައި ވޯޓު ނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
ފުރުސަތު ހުޅުވާލައިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
އޮބްޒާވްކުރުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާނަމަ:
އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން.
އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައިވުން.
ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
މޮނިޓަރ ކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާނަމަ:
އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
(ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.
(ށ) ނޫސް މަޖައްލާފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.
(ނ) ބައިނަލްއަގުވާމީ މީޑިއާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.
އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
އިންތިޚާބުގައި އިތުރު އެހެން މަގާމަކަށް ކުރިމަތިލައިފައިވާ މީހެއްކަމުގައި ނުވުން
އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައިވުން
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. އަދި އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގޭ) ގެ ރިސެޕްޝަނުން ފޯމް ބަލައިގަތުމެގެ އިންތިޒާމު ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން މެންދުރުފަހު 03:00 އަށް ވަނީ ހަމަޖެހިފައެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ހަމަޖެހިފައި ހުންނާނެ ކަމަށް އީސީން ބުންޏެވެ.