ހަނދަށް މީހުން ފޮނުވާ ދެވަނަ ގައުމުގެ ލަގަބު ހޯދުމަށްޓަކައި ތައްޔާރުވަމުންދާކަމަށް ބުނެ ޗައިނާގެ ލޫނާ މިޝަނާ ގުޅޭ ބައެއް ތަފްސީލު އެ ގައުމުން ހާމަކޮށްފިއެވެ.
ބުދަ ދުވަހު ވޫހާނުގައި އޮތް ޖައްވާއި ބެހޭ ސަމިޓެއްގައި ވާހަކަދައްކަމުން ޗައިނާ މޭންޑް ސްޕޭސް އޭޖެންސީ (ސީއެމްއެސްއޭ) ގެ ޑެޕިއުޓީ ޗީފް އެންޖިނިއަރެއްކަމަށްވާ ޒޭންގް ހައިލިއަން ހިއްސާކޮށްފައިވަނީ ޗައިނާއިން ހަނދަށް މީހުން ފޮނުވުމަށް ކުރަމުންދާ މަސައްކަތުގެ ޕްރިލިމިނަރީ މަސައްކަތުގެ ތަފްސީލެވެ.
އެ މިޝަން ކުރިއަށް ގެންދެވޭނެކަމަށް ޗައިނާއިން ލަފާކުރަނީ 2030 ވަނަ އަހަރުގެ ކުރިއަށެވެ. އަދި މިއީ ހަނދުގައި ރިސާޗް ސެންޓަރެއް ގާއިމުކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެއްގެ ބައެއް ކަމަށް ވެސް ޒޭންގް ބުންޏެވެ. އެ މިޝަންގައި، ރިސާޗް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތާއިގެން ކުރިއަށްދާނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ހޯދުމަށް މައުލޫމާތު އެއްކުރެވޭނެ ކަމަށާއި، ހަނދު ދިރާސާކުރުމުގެ މަސައްކަތްތައް ވެސް ކުރެވޭނެކަމަށް ޒޭންގް ބުންޏެވެ.
ދެ ލޯންޗް އުޅަނދުގެ އެހީގައި މޫން ސަރފޭސް ލޭންޑަރއެއް ހަނދަށް ފޮނުވާލެވޭއިރު އެހެން އުޅަނދެއްގައި އެސްޓްރޮނޯޓުން ދަތުރުކުރާނެ ކަމަށާއި، މި ދޭތި ލޫނާރ އޯބިޓަށް ފޯރުމަށްފަހު އެކަތި އަނެކަތީގައި ޑޮކްކުރާނެކަމަށް ޒޭންގް ބުނެފައިވާކަމަށް ގްލޯބަލް ޓައިމްސްއިން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ޑޮކްކުރުމަށްފަހު، ޖައްވީ އުޅަނދުގައި ދަތުރުކުރި ޗައިނާގެ އެސްޓްރޮނޯޓުން މޫންލޭންޑަރއަށް ސަވާރުވާނެ ކަމަށާއި، މޫން ލޭންޑަރ ހަނދަށް ތިރިކުރާނީ އެ ފަރާތްތަކުން ކަމަށް ޒޭންގް ބުނެފައިވެއެވެ.
ހަނދަށް ފޭބުމަށްފަހު އެތަނުން ސާމްޕަލްތައް ނަގާނެ ކަމަށާއި، އެ ސާމްޕަލްތައް ތަހުލީލުކުރާނެ ކަމަށް އޭނާ ކިޔައިދިނެވެ. ދެން އަނެއްކާ ވެސް މޫން ލޭންޑަރ އަށް ސަވާރުވެ އޯބިޓުގައި އޮތް ސްޕޭސްކްރާފްޓަށް އަނބުރާ ގޮސް ޑޮކްކުރާނެ ކަމަށާއި، އެސްޓްރޮނޯޓުން އަނބުރައި އަންނާނީ އެފަރާތްތަކުން ދިޔަ ޖައްވީ އުޅަނދުގައި ކަމަށްވެސް ޒޭންގް ކިޔައިދިންކަމަށް ގްލޯބަލް ޓައިމްސްގައި ރިޕޯޓުކޮށްފައިވެއެވެ.
މިހާރު ކުރިއަށް ދަނީ މިދަތުރަށް ތައްޔާރުވުމަށް ބޭނުންވާ އިކުއިޕްމަންޓް ތައްޔާރުކުރުމުގެ މަސައްކަތެވެ.