ޕާކިސްތާނުގެ ސަރުކާރުން އިންތިޚާބަށްޓަކައި އިސްތިއުފާދެނީ

Loading

Facebook
Twitter
WhatsApp

އާންމު އިންތިޚާބަށް މަގުފަހިކޮށް ދިނުމަށްޓަކައި ޕާކިސްތާނުގައި މިހާރު ވެރިކަން ކުރަމުންގެންދާ ގުޅިފައިވާ ސަރުކާރުން އިސްތިއުފާ ދިނުމަށްފަހު މިއަންނަ އޯގަސްޓު މަހުގެތެރޭގައި ވަގުތީ ސަރުކާރަކަށް ފުރުސަތު ދެއްވާނެކަމަށް އެ ސަރުކާރުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ކުއްލިގޮތަކަށް ވިދާޅުވެއްޖެއެވެ. 

ޕާލަމެންޓުގައި ނެގުނު އިތުބާރު ނެތްކަމުގެ ވޯޓަކުން ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު ގުޅިފައިވާ ސަރުކާރެއްގެ ބޮޑުވަޒީރު ކަމާއި ޝާހްބާޒް ޝަރީފް ޙަވާލުވެ ވަޑައިގަތީ 2022 އޭޕްރިލް މަހުގެ ތެރޭގައެވެ. އިމްރާން ޚާނުގެ ސަރުކާރުގެ މުއްދަތު ރަސްމީގޮތުން ހަމަވާނީ މިހިނގާ އޯގަސްޓް މަހުގެ މެދު ތެރޭގައެވެ.   

ޕާކިސްތާނުގެ ގާނޫނުގައިވާގޮތުން ވަގުތީ ސަރުކާރުން ނޭޝަނަލް އެސެމްބްލީ  ( ޕާލަމެންޓުގެ ތިރިގެ ) އުވާލުމަށްފަހު 60 ދުވަހުގެ ތެރޭގައި އާންމު އިންތިޚާބު ބާއްވަން ޖެހޭނެއެވެ. ސަރުކާރުގެ މުއްދަތު ހަމަވުމުގެކުރިން ނޭޝަނަލް އެސެމްބްލީ އުވާލައިފިނަމަ 90 ދުވަހުގެތެރޭގައި އާންމު އިންތިޚާބު ބާއްވަން ޖެހޭނެއެވެ.                                                             

އިންތިޚާބު އޮންނާނެ ދުވަސް އިލެކްޝަން ކޮމިޝަނުން ޢިއުލާން ކުރާނެކަމަށް ބެލެވެއެވެ.                         

ސަރުކާރުން އަދި މިހާތަނަށް ނޭޝަނަލް އެސެމްބްލީ އުވާލާނެ ދުވަސް ކަނޑައަޅާފައި ނެތްނަމަވެސް ސަރުކާރުން މި ކުރި ޢިއުލާނާއި ގުޅިގެން އޮކްޓޯބަރ ބާއްވަންޖެހޭ އިންތިޚާބަށް އުންމީދުތަކެއް ލިބިއްޖެއެވެ. އަދި އިމްރާން ޚާންގެ ސަރުކާރު ނިމުމަކަށް ގެނައުމުން ޕާކިސްތާނުގައި އުފެދުނު ދާޚިލީ ހަމަނުޖެހުން ތަކަށް މި އިންތިޚާބާއެކު ހަމަޖެހުން ލިބިގެންދާނެކަމަށްވެސް އުންމީދު ގިނަބަޔަކު އުންމީދު ކުރެއެވެ.

ޕާކިސްތާނުގެ 76 އަހަރުވީ ތާރީޚުގައި އެއްވެސް ބޮޑުވަޒީރަކު 5 އަހަރު ދުވަހުގެ ދައުރެއް އެމަގާމުގައި ފުރިހަމަ ކުރައްވާފައި ނެތެވެ. ގައުމުގައި އޮތީ ބަރުލަމާނީ ސިސްޓަމެވެ. މިއީ އެ ގައުމުގެ ނޭޝަނަލް އެސެމްބްލީ މިހާތަނަށް އުވާލެވޭ ތިންވަނަ ފަހަރެވެ.

އެހެންނަމަވެސް ޕާކިސްތާނުގެ ވެރިކަމުގައި އެގައުމުގެ ބާރުގަދަ މިލިޓްރީން ކުޅެމުންގެންދާ ބާރުގަދަ ރޯލާއިއެކުވެސް މިހާރު މިފެންނަ މަންޒަރުތަކުން ގައުމުގައި ޑިމޮކްރެޓިކް ވެއްޓެއް ގާއިމް ކުރުމުގެ ފުރުސަތު ހުޅުވިގެން ހިނގައިދާނެކަމަށްވެސް ބެލެވެން ފަށައިފިއެވެ.

އެހެނީ ޝަރުޢީ ނިޒާމުގެ ތެރެއިން މިފަހަރުގެ މިލިޓަރީގެ ނުފޫޒް ޖެނެރަލުން ބޭނުންފުޅުވިގޮތަށް ވަނީ ކާމިޔާބު ނުކުރެވިފައެވެ. ސަބަބެއްކަމަށް ބެލެވެނީ ރައްޔަތުންގެ ބޮޑު މެޖޯރިޓީއެއްގެ ސަޕޯޓް އިމްރާން ޚާނަށް ލިބިފައިވުމުންކަމަށް ސިޔާސީ މުފައްކިރުން ބުނެފައިވެއެވެ.                                  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް