2024 ގައި މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް: އީސީ

Loading

Facebook
Twitter
WhatsApp

2024 ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅަނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންނެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 5000 އަށްވުރެ އިތުރުވާނަމަ އާބާދީގެ ފުރަތަމަ 5000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނުގައިވާ ގޮތުން ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 12 މަހާއި 10 މަސް ދުވަހުގެ ތެރޭގައިކޮންމެ އިދާރީ ދާއިރާއަކަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅަންޖެހޭނެއެވެ.

އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް މިއަދު ވިދާޅުވީ މި ހިނގާ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ކުރީން ކުރިޔަށް އޮތް ރައްޔިތުންގެ މަޖލީހުގެ މެންބަރުންގެ އަދަދު އީސީން ކަނޑައަޅާނެ ކަމަށެވެ. އަދި ހަމައެހެންމެ 2024 ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

2008 ގެ ފަހުން މިހާތަނަށް ރައްޔިތުން މަޖިލީހަށް މެންބަރުން އިންތިޚާބުކުރަން ތިން އިންތިޚާބެއް ބާއްވާފައިވާއިރު ކޮންމެ ފަހަރަކު ވެސް މެންބަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

17 ވަނަ މަޖިލީހަށް 77 މެންބަރުން އިންތިޚާބުކުރިއިރު, 18 ވަނަ މަޖިލީހަށް 85 މެންބަރުން އިންތިޚާބުކުރިއެވެ. ހިނގަމުން މިދާ 19 ވަނަ މަޖިލީހަށް އިންތިޚާބުކުރި މެންބަރުންގެ އަދަދަކީ 87 އެވެ.

Loading

One Response

  1. ގާނޫނު އަސާސީ ބަދަލުކޮށްގެންނަމަވެސް ތިޔަ މެމްބަރުންގެ އަދަދު ހަގީގަތުގައި ރާއްޖެއަށް ބޭނުންވާ ވަރަށް ސާޅީހަކަށް މެމްބަރުންނަށް މަދުކޮށްލަ ދީބަލަ. މިހެން ބުނާއިރުވެސް ނުކުރާނެކަން އެނގޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް